ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އުވާލާ، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އުފެއްދުމާއެކު، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުންތަކާ ދުރަށް ޖެހިލައިފިއެވެ.

އެންއީއޯސީ އިއްޔެއިން ފެށިގެން އުވާލަފައި ވާއިރު، އެޗްއީއޯސީގެ މަސައްކަތްތައް އިއްޔެ ފަށްޓަވާފައި ވާކަން އިއުލާން ކުރެއްވީ ރޭ ބޭއްވި އެ ސެންޓަރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީނެވެ.

އަމީން ވިދާޅުވީ، އެންއީއޯސީ އެޗްއީއޯސީއަށް ބަދަލުވެގެން ދިޔަ ނަމަވެސް، ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަން އެޗްއީއޯސީއަށް ލިބޭނެ ކަމަށާއި ކުރިން ލިބުނު ހިދުމަތްތައް އަދިވެސް ލިބިގެން ދާނެ ކަމަށެވެ.

ވޭތުވެދިޔަ 4 މަހެއްހާ ދުވަސްތެރޭގައި އެންއީއޯސީން ވަނީ 160 ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ނޫސްވެރިންގެ 1300 އެއްހާ ސުވާލަށް ޖަވާބު ދީފައެވެ. އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ބެލި، އެންމެ އިންތިޒާރު ކުރި އަދި އެންމެ ގިނަ ދުވަހު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކެވެ.

އެންއީއޯސީ އުވާލާފައި ވަނީ ކޮވިޑްގެ 2382 ޕޮޒިޓިވް ކޭސްއާއެކުއެވެ. އަދި މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ލޮކްޑައުންއަށް ތިން ވަނަ މަރުހަލާގައި އިތުރު ލުއިތަކެއް ވެސް ދިނުމާއެކުއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމަކީ ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒަށް ހާއްސަ ޕްރެސް އެކެވެ. އެއީ އޭނާ އެންއީއޯސީގެ ތަރުޖަމާނަ ކަމުން ވަކިވާތީ ބޭއްވި ޕްރެސް އެކެވެ. މަބްރޫކަކި ރައީސް އޮފީހުގެ މީޑިއާ ސެކްޝަންގައި އަންޑާ ސެކްރެޓަރީއެއްގެ ވަޒީފާ އަދާކުރައްވާ ބޭފުޅެކެވެ.