ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ލުއިދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ފަތިހު 5 އިން ފެށިގެން ރޭގަނޑު 11 އަށް ބޭރުގައި ކޮންމެ މީހަކަށް ވެސް އުޅެވޭނެ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މަބްރޫކް ވިދާޅުވީ މީހުން ނުކުމެވޭ ވަގުތު ރޭގަނޑު 11 އާ ހަމައަށް އިތުރުކޮށްފައިވާ އިރު މީހުންނަށް އެއްތަނެއްގައި ނުކުމެ އުޅެވޭނީ 30 މީހުންނަށް ވުރެ ގިނަ ނުވާ އަދަދަކަށް ކަމަށެވެ.
މާލެ ސަރަހައްދުގައި މީހުން ނުކުމެ އުޅޭވޭ ވަގުތު އިތުރުކޮށްފައިވާއިރު ލޮކްޑައުނަށް ލުއި ދިނުމުގެ މަރުހަލާގެ ތެރެއިން މާދަމާއިން ފެށިގެން ވިޔަފާރި ކުރާ ތަންތަނަށް ވިޔަފާރި ކުރެވޭ ވަގުތުވެސް ވަނީ އިތުރުކޮށްފައެވެ. އެ ގޮތުން ފިހާރަތަކާއި، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ ފަތިހު 5:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.
މަގުމަތީގައި އޫޅޭ ވަގުތު ތަކުގައި ކޮންމެ ފަރާތަކަށް ވެސް ފަތިހު 5އިން ފެށިގެން ރޭގަނޑު 11 އާ ދެމެދު އުޅޭވޭ އިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައިވާ ގަޑިތަކުގައި އިތުރު ހުއްދައެއް ނުނަގާ ވިޔަފާރި އަދި ދެލިވަރީ ކުރެވޭނެއެވެ
ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ކެފޭ ރެސްޓޯރަންޓް، ސައިހޯޓާ ފަދަ ތަންތަން ހުޅުވައިގެން ކަސްޓަމަރުންނަށް ވަދެ ހިދުމަތް ހޯދުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. ހަމައެއާއެކު ބޯކޮށާ ތަންތަނާއި ސެލޫންތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މާދަމާގެ މަޣްރިބް ނަމާދުން ފެށިގެން މާލޭ ސަރަހައްދުގައި ހުރި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެޥޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ.