އަތޮޅުތެރެއިން މާލެ އަންނަ އުޅަނދު ފަހަރުން ގަވާއިދާ ހިލާފަށް މީހަކު މާލެއަށް ފައިބައިފިނަމަ އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އެ އުސޫލްތަކާ ހިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށެވެ. އެގޮތުން އެ އުސޫލުގެ ދަށުން ގަވާއިދާ ހިލާފަށް ބަނދަރު ކުރާ އުޅަނދުގެ ކެޕްޓަން ޖޫރިމަނާ ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހަމައެހެންމެ ގަވައިދާ ހިލާފަށް ބަނދަރުކުރާ ދޯނިން މީހަކު މާލެ ފޭބިނަމަވެސް އެ އުޅަނދެއްގެ ކެޕްޓަން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އަތޮޅުތަކުން މާލެ އަންނަ އުޅަނދުތަކަށް މާލެއާ ކައިރި ކުރެވޭނީ ވަކި ސަރަހައްދު ތަކަަކަށް ކަމަށް ބުނެފައެވެ. އަދި އެ ނޫން އެހެން އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ވަނީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކުންނާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަށް އަމަލުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މާލެއަށް އަންނަ އުޅަންދުފަހަރު ލަފާ ފުރަން ހަމަޖެހިފައިވާ ސަރަހައްދުތައް:

  • މާލެ އަންނަ ދޯނި ފަހަރު ލަފާ ފުރުމުގައި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުން ކުރުން
  • މާލެ އަންނަ އަދި މާލެ އިން ފުރާ ސްޕީޑު ލޯންޗުތައް އެއްނަންބަރު ޖެޓީ ބޭނުން ކުރުން
  • މަސް އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ލަފާ ފުރަން ހުޅުމާލެ ބަނދަރު ބޭނުން ކުރުން
  • އަތޮޅުތަކުން މާލެ އަންނަ އުޅަނދުފަހަރު ތިލަފުށި ބަނދަރު ބޭނުން ކުރުން
  • ރިސޯޓުތަކުން މާލެ އައިސް ފުރާ ސްޕީޑު ލޯންޗު ފަހަރު 5 ނަންބަރު ޖެޓީ އާއި 6 ނަންބަރު ޖެޓީ ބޭނުން ކުރުން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިއްޔެއިން ފެށިގެން ވަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ހރުކަށި ކޮށްފައެވެ. އެގޮތުން، މާލެ އިން ރަށްރަށަށް ދިއުން އިއްޔެ ވަނީ މަނާކޮށްފަ އެވެ. އެއްވެސް މީހަކަށް ދިއުމުގެ ހުއްދަ ދެނީ ސިއްހީ އަދި ޒަރޫރީ ބޭނުމެއްގައި މާލެ އައިސްފައިވާ މީހުން އެނބުރި ރަށަށް ދާންޖެހޭ ހާލަތެއްގައި އެކަނިއެވެ. އަދި މާލެ ސަރަހައްދުގައި އަނެއްކާވެސް ވަނީ ވަކި ވަގުތަކަށް އިއްޔެއިން ފެށިގެން ކާފިއު އިއުލާން ކޮށްފައެވެ.