މިހާރު މާލޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމާ ދެކޮޅަށް ކުރާ މުޒާހަރާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާއެކު ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މިއަދު ހަވީރު ވަނީ މުޒާހަރާ ކުރަން ފަށާފައެވެ. މަޖީދީ މަގުން ފެށުނު މުޒާހާރާގެ ބައިވެރިން ހިނގަމުން އައިސް އެމީހުން މިހާރު ތިބީ ބޮޑުތަކުރުފާނު މަގުގެ ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ އިށީނދެގެންނެވެ.
މުޒާހަރާގެ ބައިވެރިންގެ ތެރެއިން ދާދި ދެންމެއަކޫ އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ ފިރިހެނެކެވެ. އޭނާ ވަނީ މުޒާހާރާ ކުރަމުން ދިޔަ މީހުން ފަހަތަށް ޖައްސަން ސިފައިން ކައިރިވުމުން އެތަނުން ސިފައިންގެ މީހެއްގެ ގައިގާ ފައިން ޖެހުމުންނެވެ.
މުޒާހަރާގެ ބައިވެރިން ޖީންސީ ގޯނާއާއި ރޭޕް ކުރުމާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އިރު އެ މުޒާހަރާގެ ބައިވެރިން ދިޔައީ އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުންނެވެ. އެ ގޮތުން ރޭޕް ކުރި މީހުން ހައްޔަރު ކުރުމަށް ގޮވާލައި އިންސާފް ހޯދައިދިނުމަށް ދަނީ ގޮވާލަމުންނެވެ. ޖެންޑާ މިނިސްޓަރު އިސްތިއުފާ ދިނުމަށާއި ރަންނަމާރި ޒަމާން ނިންމާލުމަށާއި ހަށިފޭރުން ހުއްޓާލުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.
ރޭޕް ކުރި މައްސަލައިގެ ހެކި ނައްތާލަން މަސައްކަތް ނުކުރުމަށް ގޮވާލައި ޕޮލިސް ކޮމިޝަނަރު އިސްތިއުފާ ދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ރޭޕް އަދި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުން ދަނީ އެމީހުންނަށް ދިމާވި ހާދިސާ ހިއްސާ ކުރަމުންނެވެ.
މުޒާޙަރާގެ ބައިވެރިންގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް އެމީޙުންނަށް ދިމާވި ހާދިސާ ހިއްސާ ކުރަމުންދިޔަ އިރު އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްދަތި ކަމެވެ. އަދިވެސް އެމީޙުންގެ ހިތުން އެ ހިތްދަތި ދުވަސް ފުހެވިގެން ނުދާ ކަމަށް އެފަރާތްތައް ކިޔައިދެމުން ދިޔައެވެ. އެއީ ކިހާވަރެއްގެ ވޭނެއް ކަމަށާއި މުޅި އުމުރު އެވޭނުންގައި ހޭދަކުރަން ޖެހުމަކީ ކިހާ ބޮޑު ތަކުލީފެއްކަން އެ ފަރާޓްތައް ދިޔައީ ހިއްސާ ކުރަމުންނެވެ.
މިއަދު މުޒާހަރާ ކުރަމުންދާއިރު، ފުލުހުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން އަންގާފައި ވަނީ 3 މީހުންނަށް ވުރެ ގިނައިން އެއްފަހަރާ އެއްވެ ނޫޅުމަށެވެ.