މޫނުގައި އަތްލުން - މިއީ ބައެއް މީހުންނަށް ކަނޑުވާނުލެވުނު އާދައެކެވެ. ބޭނުމެއް ނެތް ގޮތުގައި މޫނުގައި އަތް ހަކާލުން، ކަހާލުން ނުވަތަ އަނެކުންނަ އިޝާރާތެއް ކޮށްލުމަށެވެ. ނުވަތަ، ނުތަނަވަސްކަމަށް ލުޔެއް ހޯދުމަށެވެ. ބައެއް ފަހަރު ބޭ އިހުތިޔާރުގައެވެ.
ނަމަވެސް، މިއީ އަދު ދުނިޔެ ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެންމެ ބީހިލުމަކުންވެސް ފުރާނައަށް ނުރައްކާވެދާނެ ފަދަ ފައްތަރެއްގައި ދުވަސްތައް ގުނަންޖެހިފައިވާ ކަމުގެ ހަނދާން ހުއްޓެއް ކަމަކު، މޫނުގައި އަތް ނުލާ އުޅެވެނީ މަދު ބަޔަކަށެވެ.
ޑޮކްޓަރުންގެ އިރުޝާދާ، އިންޒާރަށްވެސް މި އާދަ ކަނޑުވާނުލެވުނު މީހުން އެބައުޅެއެވެ. މިފަދަ މީހުންނަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާދިނީ އުމުރުން އެންމެ 15 އަހަރުގެ މެކްސް މީލިއާއެވެ. އޭނާގެ ހައްލަކީ "ވައިބްޕްރޯ" އެވެ.
އިނގިރޭސިވިލާތަށް އުފަން، މެކްސްގެ "ވައިބްޕްރޯ" އަކީ، ބޭ އިހުތިޔާރުގައި ނަމަވެސް މޫނުގައި އަތް ލެވެން އުޅޭނަމަ އެކަން ނުކުރުމަށް އިންޒާރުދޭ ގަޑިއެކެވެ. މެކްސް އިރުޝާދު ދެނީ 2 އަތުގައިވެސް މި ގަޑި އެޅުމަށެވެ.
"ވައިބްޕްރޯ" އުފެއްދުމުގެ މަސައްކަތް ފެށީ، އޭނާގެ މަންމައާއި ބައްޕަވެސް ކޮވިޑް-19އަށް ޕޮޒިޓިވްވުމުންނެވެ. ނަމަވެސް "ވައިބްޕްރޯ"ގެ ހިޔާލަކީ މެކްސްއާއި އޭނާގެ މަންމަ ނެޓާލީ މީލިއާ، މީގެ އަހަރުތަކެއް ކުރިން ވިސްނާފައި އޮތް ވިސްނުމެކެވެ. އެ ދެމައިންގެ ވިސްނުން އޭރު ހުރީ، މޫސުމީ ރޯގާތަކުން މީހުން ދުރުކުރާނެ ޑިވައިސެއް އުފެއްދުމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކުރި ލޮކްޑައުންގެ ބޭނުން ހިފާ، "ވައިބްޕްރޯ" ގައި ހަގީގީ ކުލަޖެއްސުމަށް މެކްސްގެ ވަގުތުތައް ހުސްކޮށްލިއެވެ.
ބައްޕަ، ރިޗާޑް މީލިއާ އެއްކޮށްދިން މައުލޫމާތާއެކު މެކްސްގެ "ވްއިބްޕްރޯ" ހަގީގަތަށް ހަދާ ދިނުމަށް އެހީވީ ޕްރޮޑަކްޓް ޑިޒައިނަރެކެވެ. އަދި އިސާހިތަކު ފުރަތަމަ ގެޖެޓް އަތަށް އެރިއެވެ.
މެކްސް "ވައިބްޕްރޯ" ފަރުމާކޮށްފައިވަނީ ރީޗާޖުވެސް ކުރެވޭ ގޮތަށެވެ. ފެން ނުވަނަ ތަކެތި ބޭނުންކޮށްގެން ހަދާފައިވާ މި ގަޑިއަކީ، ހަށިގަނޑުން ބޭރުވާ ދާ ތިކެއްގެ މިންވަރުވެސް ނުވަންނާނެ ގަޑިއެކެވެ.
މެކްސް ވަނީ "ވައިބްޕްރޯ" ގެ އެންމެ ފަހުގެ މަސައްކަތްތައް ފުރިހަމަކޮށް، އެ ޕްރޮޑަކްޓް ބާޒާރަށް ނެރުމަށް އާންމުންގެ ފަރާތުން މާލީ އެހީތެރިކަމަށް އެދިފައެވެ. "ވައިބްޕްރޯ" ގަޑި ޖޯޑެއްގެ އަގަކީ ގާތްގަނޑަކަށް 111 ޑޮލަރެވެ. މި ގަޑި ވިއްކައިގެން ލިބޭ ފައިސާ ހަދިޔާރު ކުރާނީ، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސަސްއަށް ކަމަށް މެކްސް ބުނެއެވެ.