މާލޭގެ އެއް އަވަށުގެ ގޮތުގައި އޮންނަ ހުޅުމާލެ އަކީ މުސްތަގުބަލުގައި ކޮޑު އާބާދީއަކަށް ވާނެތީ ވަކި ސިޓީއަކަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައްވައިފިއެވެ.

ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައުސިން ޑެވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހުޅުމާލެ އަކީ ރާއްޖޭގެ ހުރިހާ ރަށަކުންހެން މީހުން އުޅެން ފަށާފައިވާ ތަނެއް ކަމަށް ވުމުންނާއި ކުރިއަށް އޮތް ތަނުގައި ހުޅުމާލޭގެ އާބާދީ ބޮޑު ތަނުން އިތުރުވާނެތީ ވަކި ސިޓީއަކަށް ހަދަން ޖެހޭ ކަމަށެވެ.

ސައުދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެޗްޑީސީއާ ގުޅިގެން ވާހަކަތައް ދެކެވިފައިވާ ދަނޑިވަޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން އެޗްޑީސީ ނިންމާފައިވާ ކަމަށް ބުނެ އެކަން ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެޗްޑީސީ އުވާލަން ޖެހޭ ކަމަށް ބުނެ ވާހަދައްކަވާފައެވެ.

ބޮންޑޭ މިހެން ވިދާޅުވީ އެ ކުންފުނީގެ މާލިއްޔަތާއި އެސެޓްގެ ތެރޭގައި ހުޅުމާލޭގެ ބިން ހިމެނޭ އިރު އެ ބިންތައް ފެންނަ އަގެއްގައި ވިއްކުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް އެޗްޑީސީން ބުނުމާ ގުޅިގެންނެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ ކަންކަން ބަލަހައްޓަމުން އަންނަ މައި ކުންފުންޏެވެ. އެގޮތުން ހުޅުމާލެއިން ބިން ވިއްކުމާ ފްލެޓްތައް ދޫކުރުމާ މިފަދަ ހުރިހާކަމެއް ވެސް ކުރަމުން އަންނަނީ އެޗްޑީސީގެ ބެލުމުގެ ދަށުންނެވެ.