ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕްރެޝަން (އެޗްޑީސީ) އުވާލައި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހުޅުމާލޭގެ ބިންތަކަކީ އެޗްޑީސީގެ ތަރިކަ މުދަލެއް ކަމަށް އެ ކުންފުނިން ދެކިގެން ނުވާނެ ކަމަށެވެ. އެޗްޑީސީ އަކީ ރައްޔިތުންގެ ކުންފުންޏެއް ކަމަށާއި އެ ބިމަކީ ރަައްޔިތުންގެ ބިން ކަމަށް ބޮންޑޭ ވިދާޅުވިއެވެ. ހަމައެއާއެކު އެޗްޑީސީ އުވާލުމަށް ފަހު އަލުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުންފުނި ބިނާވެށީގެ ތަރައްގީ ކުރުމުގެ އުސޫލުގެ ދަށަށް ފައްތާ ކުންފުނި ރީ ސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އެޗްޑީސީން ނިންމާފައިވާ މައްސަލަ ބަލައިދިނުމަށް އެދި ބޮންޑޭ ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެޗްޑީސީން މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހުޅުމާލޭގެ ބިމަކީ އެކުންފުނީގެ ނަންމަތީ ރެޖިސްޓްރީ ކޮށްފައިވާ ބިމެއް ކަމަށެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން އެންމެ ފަހުން ބިން ވިއްކާފައިވަނީ 2017 ވަނަ އަހަރު ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން މިވަގުތަށް ނިންމާފައި ނުވާ ކަމަށް އެޗްޑީށީން ބުނެފައި ވެއެވެ. ހުޅުމާލެއަކީ އެޗްޑީސީއިން މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުންދާ ރަށަކަށް ވާއިރު، އެ މާސްޓާޕްލޭން ފަރުމާ ކުރެވިފައި ވަނީ އެކި ބޭނުންތަކަށް ހާއްސަކުރެވިގެން ކަމަށާއި އެގޮތުން ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް އެ މާސްޓާޕްލޭންގައި ޖާގަ ދެވިފައިވާ ކަން އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިން އެ ކުންފުންޏަށް ރެޖިސްޓްރީ ކޮށްފައިވާއިރު ދެވަނަ ފިޔަވަހީގެ ބިން އެ ކުންފުނީގެ މައްޗަށް ރެޖިސްޓްރީ ކޮށްފައިވަނީ 2017 ވަނަ އަހަރު ކަމަށް އެޗްޑީސީ އިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ބޮންޑޭ ވިދާޅުވީ އެޗްޑީސީ އަކީ ދަރަންޏަށް ޒިންމާވާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނީގެ ދަރަނި ނުދެއްކިއްޖެ ހާލެއްގައި ހުޅުމާލެ ވިއްކާލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ޅުމާލޭގެ މިލްކުވެރިންނަކީ ރައްޔިތުން ކަމަށާއި އެޗްޑީސީގެ ފަރާތުން ހުޅުމާލެއިން ބިން ވިއްކާ ހައިސިއްޔަތު ސާފުކޮށްދިނުމަށް އޭނާ އެދިލެއްވިއެވެ. އަދި އެ މައްސަލާގައި އެޗްޑީސީގެ ވެރިން ކޮމެޓީއަށް ހާޒިރުކޮށް ދިނުމަށް ވެސް ބޮންޑޭ އެދިލެއްވިއެވެ.
އެޗްޑީސީ އުވާލުމަށް މެންބަރު އިބްރާހިމް ރަޝީދު ދެއްކެވި ވާހަކައަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުވެސް ތާއީދު ކުރެއްވިއެވެ. ނިހާދު ވިދާޅުވީ ހުޅުމާލޭގެ ބިން ކުންފުންޏެއް ދަށަށް ގެންގޮސްފައިވާ ނަމަ އައްޑޫ ސިޓީ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ ދަށަށް އެ ސިޓީގެ ރަށްތަކާ ފަޅުތަކާ ގިރިތަކާ ގެންގޮސް ތަރައްގީ ކުރަންވީ ކަމަށެވެ. ފުވައްމުލައް އަދި ދިއްދޫގައިވެސް އެގޮތަށް ކަންކުރަންވީ ކަމަށް ނިހާދު ވިދާޅުވިއެވެ.
އެމްޑީޕީ ވެރިކަންލިބޭ ކޮންމެ ފަހަރަކު ހުޅުމާލެއާއި އެޗްޑީސީ އާއި އަޅައިގަނެގެން އުޅެނީ ކީއްވެ. ހުޅުމާލެއަކީ އެޗްޑީސީ ގެ މަސައްކަތުން ތަރައްގީ ކުރަމުންދާ ތަނެއް. އެމްޑީޕީގެ ތަރިކަ މުދަލެއްނޫން.