އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓުކޮށްފިއެވެ.
އައްޑޫގައި ކޮވިޑް-19ގެ ފުރަތަމަ ސާމްޕަލް ޓެސްޓުކޮށްފައި ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ލެބޯޓަރީގައެވެ. އެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހި، ޕީސީއާރް ޓެސްޓުތައް ހެއްދުމަށް ބޭނުންވާ ޓެސްޓު ކިޓުތައް ލިބުނީ މިމަހު 14 ވަނަ ދުވަހެވެ.
އައްޑޫގައި ކޮވިޑްގެ ފުރަތަމ ސާމްޕަލް ކާމިޔާބުު ކަމާއެކު ޓެސްޓު ކުރީ މިއަދެވެ.
އައްޑޫގައި ހުރި ބައޯ ފަޔާ މެޝިން ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް ހެއްދޭނީ 24 ޓެސްޓެވެ. ނަމަވެސް، މި މަސް ނިމުމުގެ ކުރިން އައްޑޫ އަދި ކުޅުދުއްފުށީގައި، ޕީސީއާރް މެޝިން އިންސްޓޯލްކޮށް، ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ. އޭރުން ކޮންމެ ސަރަހައްދެއްގައި ދުވާލަކަށް 100-150 ދެމެދުގެ އަދަދަކަށް ޓެސްޓު ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
އެ ސެންޓަރުން ބުނީ މިކަމުގައި ހަރަކާތްތެރިވާނީ މާލެއިން ޕީސީއާރް މެޝިން ބޭނުން ކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ލެބް ޓެކްނީޝަނުން ކަމަށެވެ.
އައްޑޫގައި ކޮވިޑް ޓެސްޓު ހެއްދޭ އިންތިޒާމްތައް ހަމަޖެހި، ކުޅުދުއްފުށީގައި އެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރެވެނީ އައްޑޫގެ އިތުރުން ހަމައެކަނި މާލެ ސަރަހައްދުގައެވެ.