ކޮވިޑް-19އިން ރައްކާތެރިވުމަށް އިއުލާން ކޮށްފައިވާ ލޮކްޑައުނަށް ލުއި ދީފައިވާ ނަމަވެސް ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރުގަ އުޅޭ މީހުނާމެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސް އިން ބުނެފިއެވެ.
ފުލުހުން ބުނީ ޝަރުއީ އުޒުރަކާ ނުލާ މަނާކޮށްފައިވާ ގަޑިތަކުގައި ބޭރުގައި އުޅޭ ނަމަ ދިޔަވަޅު އަޅާނެ ކަމަށެވެ. ހުއްދަ އާއި ނުލައި ބޭރުގައި އުޅޭނަމަ ނަސޭހަތް ދިނުމާއި ޖޫރިމަނާކުރުން ނުވަތަ ހައްޔަރު ކުރުން ފަދަ ފިޔަވަޅުތައް އަޅައެވެ.
ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދީ، އިއްޔެ ފަތިހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި ބޭރުގައި އުޅެވޭނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މީގެ ކުރިން ބޭރަށް ނިކުތުމަށް ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ހުއްދަ އާއި ނުލާ ކޮންމެ ދުވަހެއްގެ ފަތިހު ފަހަކުން ރޭގަނޑު 10 އަށް ބޭރުގައި އުޅެވޭނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، މިހާތަނަށް 9211 މީހަކު ޖޫރިމަނާކޮށް، 602 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކޮންމެ ޖޫރިމަނާއަކީ 1000 ރުފިޔާ ކަމަށް ވާއިރު، 9211 މީހުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 9.2 މިލިއަން ރުފިޔާއަށް ވުރެ ގިނަވާނެއެވެ.
9211 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޖޫރިމަނާ ކުރި 8232 މީހުންނާއި ހުޅުމާލެއިން ކުރި 833 މީހުންގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 146 މީހެކެވެ. ލޮކްޑައުން އަމުރާ ހިލާފުވެގެން މިހާތަނަށް އައި އިރު ވަނީ 602 މީހަކު ހައްޔަރުވެސް ކޮށްފައެވެ. އެއީ މާލެއިން 552 މީހަކާއި ހުޅުމާލެއިން 47 މީހެއްގެ އިތުރުން ވިލިމާލެއިން 3 މީހެކެވެ.
ލޮކްޑައުންގައި ނޭނގި ބޭރަށް ނިކުތް މީހުންގެ ޖޫރިމަނާ ބާތިލުކޮށްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފައިރޫޝް ވިދާޅުވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.