ކޮވިޑް-19އާ ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ޖިންސީ ފުރައްސާރައިގެ 46 މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް ތަފާސް ހިސާބްތައް އާންމުކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށާއި ޖިންސީ އަމަލެއް ހިންގަން އެދުމުގެ އިތުރުން ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުމާއި ޖިންސީ ގޯނާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ތަފާތު 46 މައްސަލައެއް ޕީޖީ އޮފީހުން ވަނީ ދައުވާ ކުރަން ފޮނުވާފައި ކަމަށެވެ.
އިތުރުން އެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ޖިންސީ ފުރައްސާރައިގެ މައްސަލުތަކުގައި ތުހުމަތު ކުރެވެނީ އެވެރެޖް ކޮށް 35 އަހަރުގެ މީހުންނަށް ކަމަށްވެސް ބުނެފައި ވެއެވެ.
މޯލްޑިވިސް ޕޮލިސް ސާވިސްއަށް މިފަދަ މައްސަލައެއް ހުށަހެޅުމާ ގުޅިގެން ތަހުގީގަށް 88 ދުވަސް ހޭދަވާ އިރު، އެވެރެޖްކޮށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވުމަށް ނަގަނީ 2.6 ދުވަސް ކަމަށާއި ތަހުގީގީ މަރުހަލާގައި އެ ކޭސްއާ ގުޅޭ ފައިލްތަކުގެ މައުލޫމާތު ލިބޭކަން އޭނާ ވަނީ އެ ތަފާސް ހިސާބުތަކުގައި ފާހަގަ ކުރައްވާފައެވެ.
މި ތަފާސް ހިސާބުތައް އާންމުކޮށްފައި ވާއިރު، ދާދި ފަހުން ގެސްތްހައުސްއަކަށް ގެންގޮސް 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައެއް ވަނީ ފެނަމްތިވެފައެވެ. އެ މައްސްލައިގައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަގާއި ތުހުމަތު ކުރެވޭ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް ކޮމިޝަނާ އޮފް ޕޮލިސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންކަން ފާހަގަ ކުރެވެއެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވާ ގެސްޓް ހައުސަކަށް ކުޑަކުއްޖަކު ގެންގޮސް ޖިންސީ ގޯނާ ކުރި މީ ދެވަނަ މައްސަލައެވެ. އެ ގޮތުން މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ނުފުރޭ އަންހެން ކުއްޖެއް، އޭނާގެ އާއިލާއަށް އޮޅުވާލައިގެން ކަމަށް ބުނެ ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައެވެ.
ހަމަ އެހެންމެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުމަކީ ކުރާ ކަމެއް ކަމަށާއި، އެއީ ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިކަމަށް ސަމާލުވެ، ބެލެނިވެރިން ކުދިން ރައްކާތެރި ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.