ކޮވިޑް-19އާ ގުޅިގެން ފަސްކޮށްދޭ ލޯނުގެ ލިޔެކިޔުން ފުރިހަމަ ނުކުރާ ކަސްޓަމަރުންނަށް އިތުރު ފުރުސަތެއް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލުން) ދޭން ނިންމައިފިއެވެ.
ބީއެމްއެލުން ބުނީ ނަގާފައިވާ ލޯނު ފަސްކޮށްދިނުމަށް އެދި މިމަހުގެ 10 ނުވަތަ އެއަށް ވުރެ ކުރިން ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން މިހާތަނަށް ލިޔެކިޔުން ފުރިހަމަ ނުކުރާ ކަސްޓަމަރުން މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުން ފުރިހަމަ ކޮށް ބޭންކަށް ހުށަހަޅަން އެދޭ ކަމަށެވެ.
ލޯނު ފަސްކޮށްދޭން ހުޅުވާލި ފުރުސަތުގައި 12000 ލޯން ފަސްކޮށްދޭން އެދިފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާޗް މަހުގެ 25 ވަނަ ދުވަހެވެ.
ލޯނު އަނބުރާ ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުން ވާނެ ގޮތް:
- ފުރަތަމަ 6 މަސްދުވަސް: މި މުއްދަތުގައި ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ. މި މުއްދަތުގައި އިންޓަރެސްޓް ނަގާނީ ކޮމްޕައުންޑްކޮށެއް ނޫނެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެެވެ.
- ޖެހިގެން އަންނަ 6 މަސްދުވަސް: ކޮންމެ މަހަކަށް ދައްކަން ޖެހޭނީ މިހާރު ލޯނަށް ދައްކަމުންދާ އަދަދަށް ވުރެ 20 ޕަސެންޓު މަދު އަދަދެކެވެ.
- ލޯނުގެ ބާކީ މުއްދަތު: ލޯނު ދެއްކުން ފަސްކުރެވުނު ފުރަތަމަ ހަ މަސްދުވަހުގެ އިންޓަރެސްޓް ލޯނަށް ދައްކަންޖެހޭ ފައިސާގެ ތެރޭގައި ހިމެނުމަށް ފަހު ލޯނަށް ދައްކަންޖެހޭ ޖުމްލަ ފައިސާ ބާކީ މުއްދަތަށް ބަހާލާނެއެވެ. ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައި ވާ މުއްދަތަށް އިތުރު ހަ މަސްދުވަސް ލިބޭނެއެވެ.
ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ހަމައެއާއެކު ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ މުއްދަތު ގުނަން ފަށާނީ މިކަމަށް އެދި ހުށަހަޅާ މަހުން ފެށިގެންނެވެ. އަދި ލޯނު ފަސްކުރަން އެދި ހުށަހަލާ ފަރާތްތަކުން ލޯނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުންނަތާ 30 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލް އިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުން ނަގާފައިވާ ޕާސަނަލް، ހައުސިންގް، އަދި ބިޒްނަސް ފައިނޭންސިންގް ތެރެއިން މުރާބަހާ ފައިނޭންސިންގް ފިޔަވައި ހުރިހާ ފައިނޭންސިންގް އަކަށް ވެސް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.