އަންނަ ޖުލައި މަހު އަލުން ފަތުރުވެރިކަން ހުޅުވާލައި ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކުރި އިސްތިހާރު ވީޑިއޯއަށް ހަރަަދުވީ 3،000 ރުފިޔާ ކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ކުޅުއްވި އިސްތިހާރު ވީޑިއޯއަށް ހަރަދުވީ ޖުމްލަ 3،000 ރުފިޔާ ކަމަށާއި އެ ހަރަދު ކޮށްފައި ވަނީ މިއުޒިކް ކޮމްޕޯސަރަށް ދޭން ކަމަށެވެ. އަދި އެ ވީޑިއޯއަކީ މިނިސްޓްރީގެ ސްޓާފުންގެ ބުރަ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަަހު، އަންނަ ޖުލައި މަހު އަލުން ހުޅުވާލައި ފަތުރުވެރިން ގެނައުމަށް "ދަ ސަން ވިލް ޝައިން އަަގެއިން" ގެ ނަމުގައި ސޯޝަލް މީޑިއާގައި ލައިވްކޮށް ހިންގި ކެމްްޕޭން ފެށީ ކުރު އިސްތިހާރު ވީޑިއޯ އަކުންނެވެ.

ކެމެރާ މަސައްކަތާއި ޕްރޮޑަކްޝަން އަކީ މިނިސްޓްރީގެ ސްޓާފުންގެ ބުރަ މަސައްކަތް. މުޅި އިސްތިހާރުގެ ޖުމްލަ އަގަކީ، 3،000 ނުވަތަ 194 ޑޮލަރު. ވީ ކެއާ.
އަލީ ވަހީދު

56 ސިކުންތުގެ އެ ކުރު ވީޑިއޯގައި ފެންނަނީ، ދޮންވެލި ފޮނޮޅެއްގައި އަލީ ވަހީދު ލެޕްޓޮަޕަކާއި ކާއްޓެއް ހިއްޕަވައިގެން އުޅުއްވާ ތަނާއި، އަނގަމަތީ ކުޑަ ލޯންޗެއްގައި އަލީވަހީދު ދަތުރު ކުރައްވާ ތަނެވެ. އެ ލޯންޗު ދުއްވަން ހުންނަވަނީވެސް އޭނާއެވެ.

އެ ވީޑިއޯ ޕްބްލިޝް ކުރުމާއެކު ގިނަ ބަޔެއްގެ ފާޑު ކިޔުން އެ ވީޑިއޯ އަށް އަމާޒުވެ، އެ ވީޑިިއޯ ހަދުމަށް ދިޔަ ހަރަދާމެދު ސުވާލު ކުރިއެވެ. ހަމަ އެއާއެކު މިފަދަ ދަނޑިވަޅެއްގައި ހަރަދުކުޑަކުރުމުގެ ބަދަލުގައި މިފަދަ ވީޑިއޯއެއް ތައްޔާރު ކުރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.