ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 7000 ހައުސިން ޔުނިޓަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި ދެކޮޅު ޖެއްސޭނެ ގޮތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.

މުއިއްޒު ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ ކޮންސްޓްރަކްޝަން ކޮސްޓާއި ހުރިހާ ފިނިޝިން ކޮސްޓަކާއި އެއްކޮށް އަދި ފައިނޭންސިން ކޮސްޓުވެސް ހިމަނައިގެން ޖެހޭ ވަރުގެ މައްޗަށް ފައިދާ ހިމަނާފަ ވެސް ކުއްޔަށް އަރާނީ މަހަކު 5600 ރުފިޔާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، މަހަކު 5600 ރުފިޔާގެ ކުލި 20 އަހަރަށް ބަހާލައިގެން ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމެވީ، އެގޮތަށް ދެއްކުމުން ދެކޮޅު ޖެހޭތީ ކަމަށެވެ. އޭނާ ވަނީ މީގެ ކުރިން ވެސް މިކަން ފާހަގަ ކުރައްވާ އެންމެ ގިނަވެގެން ވެސް 7000 ރުފިޔާގެ ކުއްޔަކުން 15 އަހަރު ތެރޭގައި އެޗްޑީސީއަށް ފައިދާ ވަނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭގައި ފްލެޓްތައް އަޅާފައި ވަނީ 500 އަކަފޫޓުގެ ކުދި "ކޮތަރު ކޮށި" ތަކެއް ގޮތަށް ކަމަށް ވިދާޅުވެ ހިޔާ މަޝްރޫއަށް ރައީސް ނަޝީދު ފާޑު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ، އޭގެ ތަނެއް ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަފޫޓަކަށް 1900 ރުފިޔާ ކަމަށާއި، މިވަރަށް ހަރަދުކޮށްފައިވާ ނަމަ ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ ކުއްޔަށް 11000 ރުފިޔާ ނަގާނަމަ ދެކޮޅު ޖައްސާނެ ގޮތަކާ މެދު ސުވާލު އުފައްދާފައެވެ.

ނަޝީދު ވިދާޅުވީ މި ފްލެޓްތައް ފިޔަވާ ދެން ހަދާފައިވާ ގިނަ ތަންތަނަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި އެތަންތަން ތަނަވަސްވެ، އަގު އެކަށީގެންވުމުގެ އިތުރުން ބޮޑު ދަރަންޏެއް ނޯންނާނެ ކަމަށެވެ. އަދި މި ދަރަނިވެސް ސަރުކާރުން ދައްކާ، އިތުރުތަނަވަސް ފްލެޓުތައް ވެސް އަޅާދޭނެ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޫބައްދާ ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ، 900 ރުފިޔާގެ އަކަ ފޫޓެއްގެ މަގުން އަސްު އަގު ހުރި މަސައްކަތެއް 1900 ރުފިޔާ އަށް ކުރީމަ ތަފާތުވާ ބައި ކޮބާތޯ ސުވަލު އުފައްދަވާފައެވެ. އަދި ޗައިނާ ކުންފުނިން ދެކޮޅު ނުޖެހޭ މިންވަރަށް އަގު އުފުލީ ދަރުވަލާފަ ފަހުން އެ ކުންފުނި ގަންގަންތޯ ސުވާލު ކުރައްވަމުން އެމަނިކުފާނު ވަނީ ލަންކާއާއި އެފްރިކާގެ ގައުމުތަކަށް ވެސް މީ އެހެން ކަމަށް ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މި ފްލެޓުތަކުގެ ކުއްޔަށް 11000 ރުފިޔާ އަރާ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައި ވާއިރު، އެއީ އެންމެ ފަހުގެ އަގު ނޫން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓުތަކުގެ ފިނިޝިން ޗާޖު (ނިންމުމުގެ ހަރަދު) ނުލާ ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމެނިގެން މި ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މި ޕްރޮޖެކްޓަކީ ފައިނޭންސް ކުރުމަށް 100 ޕަސަންޓު ދަރަނީގެ ގޮތުގައި ނެގޭ ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.