މިވަގުތު ރާއްޖެއިން ދެވެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ފަރާތްތަކަށް ބޭރަށް ނުދެވި ލަސް މައްސަލަ މަޖިލީހުން ބަލައި ދިނުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ތޯރިގު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު އޮޅުން ބޮޅުން ވެފައިވާ ކަމަށެވެ. ކޮވިޑް19 އަށް ސަމާލުކަން ދިނުމުގެ ސަބަބުން އެހެން ބަލިތަކަށް ދޭންޖެހޭ އަޅާލުން ނުދެވި، ބަލި މީހުންނަށް ފަރުވާ ނުކުރެވުމުގެ ސަބަބުން އެތައް ދިވެހިންތަކެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވި އެތައް ބަޔަކު ނާޒުކު ހާލަތުގައިވާ ކަމަށެވެ. އަދި ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވި އެކަމުގެ ސަބަބުން އެތައް ބަޔަކު ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ދުނިޔެ ދޫކޮށްފައިވާ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދެވޭނެ ކަމުގެ އުއްމީދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެފަދަ ބަލި މީހުންނާއި އާއިލާތަކަށް ދެމުން ގެންދާތާވެސް މިހާރު ދެމަސް ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށްވެސް އެއްވެސް ބަލި މީހަކު ރާއްޖެއިން ބޭރަށް ފުރުވާލެވިފައި ނުވާ ކަމަށް ތޯރިގު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އަވައްޓެރި އިންޑިޔާ އަދި ލަންކާއިން މިފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެވިފައި ނެތް މައްސަލަ ބަލާ އެއްވެސް ފަރާތެއްގެ އިހުމާލު އެކަމުގައި އޮތްނަމަ އެފަރާތަކާ މެދު ފިޔަވަޅު އެޅުމަށް ތޯރިގު ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖެއިން ކޮވިޑް19 ފެނުމުގެ ސަބަބުން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކޮށްފައި އޮތް ހާލަތުގައި ބައެއް ބަލިތަކަށް ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލުތައް ހުންނަ ރަށްތަކަށް ފުރައިގެން ނުދެވޭ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އަދި އެކަމުގެ ސަބަބުން އެތައް މާބަނޑު މީހުންނެއްގެ ބަނޑުގައި އޮއްވާ ދަރިން ނިޔާވެފައިވާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.