ކޮވިޑް19އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދަކަން ޖެހޭ ކުއްޔަށް ލުއި ދިނުމަށް ނިންމި ނިންމުން މި މަހާއި އަންނަ މަހަށް އިތުރު ކުރަން ނިންމައިފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިދިޔަ އެޕްރީލް މަހާއި މޭ އަދި މި މަހާއި އަންނަ މަހުގެ މަހުގެ ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓު ދެއްކުން ފަސްކޮށްދެވޭނީ އެކަމަށް އެދި 31 ޖުލައިގެ ނިޔަލަށް، އެ ކޯޕަރޭޝަންގެ ވެބް ޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުން ކަމަށެވެ. އެގޮތުން މިދިޔަ ދެމަހުގެ ކުލި ފަސްކުރުމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ކުއްޔަށް ލުއި ދެވޭނީ 31 މާޗު އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށާއި، މިއާއެކު ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓުގެ 70 ޕަސެންޓު އެޗްޑީސީއަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު އަންނަ އޯގަސްޓު މަހުގެ 15 އާ ހަމައަށް ދެވޭނެ ކަމަށެވެ.

ހަމައެއާއެކު ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ ހަތަރު މަހުގެކުއްޔާށްވާ ފައިސާގެ 30 ޕަސަންޓު އަނބުރާ ދައްކަން 12 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ދިނުމަށް ހަމަޖެހިވާ ކަމަށާއި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ އަންނަ ނޮވެމްބަރު މަހުގައި ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން ފައިސާ ދެއްކުން ފަސްކުރެވޭ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމަރު ދައްކަން ޖެހޭނީ ކުރިން ވެސް ދައްކަމުން ދިޔަ ކުލީގެ އަދަދެވެ.

މީގެ އިތުރުން ގަވާއިދުން ފައިސާ ނުދެއްކި ހުރި ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.