މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅީފަޅު ހިއްކުމަށް މި ސަރުކާރުން މަސައްކަތް ފަށާފައި ވާއިރު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ގުޅީފަޅު ހިއްކުމުގެ މަޝްރޫއާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުރަކަ ފަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ރައްޔިތުންގެ މަޖިލީހަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައި ވަނީ ގިނަ ޓްވީޓްތަކެއް ކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ގުޅީފަޅު ހިއްކުމުގެ ސަބަބުން ވަށައިގެންވާ ފަރުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
އަދި އެ މަޝްރޫއުގެ ސަބަބުން 30 ޑައިވިން ސައިޓަށް ގެއްލުން ވަމުން ދާ ކަމަށާއި 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ހާންސް ހާސް ޑައިވް ޕޮއިންޓުވެސް ނުރައްކަލަށް ހުށަހެޅިފައި ވާކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ގުޅިފަޅު ހިއްކަމުންދާ އިރު، މިހާރު މޫސުމަށް އަންނަ ބަދަލުތަކާ އެކު އެ ސަރަހައްދުން ވެލި ބޭރުވިޔަ ނުދޭން އަޅާ ސިލްޓް ސްކްރީން މަސައްކަތް ނުކުރާކަމަށާއި އެހެންކަމުން، ވިލިމާލޭ ފަރަށް އެކަމުގެ ސަބަބުން ލިބޭނެ ގެއްލުންތަކާ މެދުވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވަމުން ދާ ދަނޑިވަޅެއްގައި ވެލީގެ ސަބަބުން މުރަކަތަކަށް އިތުރު ގެއްލުންވެ، މުރަކަތައް އަލުން އިޔާދަވުމުގެ ފުރުސަތު ކުޑަވާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.
ހަމައެއާއެކު ބިން ހިއްކުން ފަދަ މަޝްރޫއުތައް މިހާތަނަށް ހިންގާފައި ވަނީ މުރަކަތަކާއި ކަނޑުގެ އެހެނިހެން ދިރުންތަކަށް ގެއްލުން ނުވާނެހެން ފިޔަވަޅު އަޅައިގެން ނޫން ކަމަށް އެފަރާތުން ބުނެއެވެ. އެކަމުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށް ވެސް އެ އިންސްޓިޓިއުޓުން ފާހަގަ ކުރިއެވެ. ކަންމިހެން އޮތް އިރު، ތިމާވެއްޓަށް މިފަދަ ބޮޑެތި ގެއްލުންތަކެއް ވަމުން ދާނަމަ ބަދަލު ދިނުމަކާ ނުލައި ކަމާބެހޭ ފަރާތްތަަކަށް މަޝްރޫއު ހުއްޓުވޭނެ ކަމަށް ތިމާވެށީގެ ގާނޫނާއި، އެންވާރަމަންޓް އިންޕެކްތް އެސެސްމަންޓް (އީއައިއޭ) ރިޕޯޓު ހެދުމާ ގުޅޭ ގަވާއިދުގައި އެނގެން އޮތް ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މީގެ އިތުރުން ތިމާވެއްޓަށް ގެއްލުން ނުވެ، ފައިދާ ވާނެ ގޮތްތަކަށް ވެސް ގައުމު ތަރައްގީ ކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށާއި މުރަކަތަކާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ގާނޫނާ ގަވާއިދު ވަރުގަދަ ކުރަން ރައްޔިތުންގެ މަޖިލީހަށާއި، ކަމާ ބެހޭ އެހެން އިދާރާތަކަށް ގޮވާލާ ކަމަށްވެސް ކޮރަލް އިންސްޓިޓިއުޓުން ބުނެއެވެ.
މިކަމާ ގުޅިގެން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އީއައިއޭ އިން އަންގާފައި ވާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ.
ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި، އެ މަޝްރޫގެ ސަބަބުން ފަރުތަކާއި މުރަތަކަށް ހަލާކުވާނެއެވެ. އަދި އެކަމުގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމަށާއި މަސްވެރިކަމަށްވެސް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އެ ދާއިރާތަކާ ގުޅުން ހުރި ފަރާތްތަކުން ބުނެފައި ވެއެވެ.
އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައިވަނީ 10 ހެކްޓަރަށް 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެއެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.