ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގެ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހަކަށް ފުލުހަކު ޖިންސީގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރެވެމުން ދާ ކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެޗްއައިއެޗްގައި މަސައްކަތް ކުރާ ފިރެހެން ފުލުހަކު އެތާ މަސައްކަތް ކުރާ (އެެހެން އިދާރާއެއްގެ) އަންހެން މުވައްޒަފަކަށް 24 ވަނަ ދުވަހު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރެވެމުންދާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭނަޑަޑްގެ ކޮމާންޑުންވެސް އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

އެޗްއައިއެޗްގައި ހިނގާފައިވާ މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ކުރަމުން ދާއިރު، މިމަހުގެ 11 ވަނަ ދުވަހު އއ. ވެލިދޫގައި ގާއިމު ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެމްއެންޑީއެފް ކޮމާންޑަރަކު ދަންވަރު ވަގުތު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ފުލުހުން ބަލަމުން ދާ ކަމަށްވެސް އެ މުއައްސަސާއިން ވަނީ ބުނެފައި ވެއެވެ.

އެ މައްސަލާގައި ފުލުހުން ބަލަމުން ދަނީ އެމްއެންޑީއެފްގެ މޭޖަރެއްގެ މަގާމުގައި ހުންނެވި ސިފައިންގެ ބޭފުޅެއްގެ މައްސަލަ ކަން އެނގިފައި ވެއެވެ.