ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 29 އަށް އިތުރުކޮށްފިއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި މީ 3 ވަނަ ފަހަރެވެ.
ހެލްތު މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވަނީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިހާރު އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖޫން މަހުގެ 29ގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށް އެ ގަރާރުގައި ބުނެއެވެ. އަދި އެ ނުރައްކާ ކުޑަކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށް ވެސް ވެއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރީ މިދިޔަ މާޗް 12 އިން ފެށިގެން 30 ދުވަހަށެވެ.
މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ. އެ ފަހުން މާލޭ ސަރަހަައްދު ލޮކްޑައުން ކުރިއެވެ. އަދި މިއަދުން ފެށިގެން ލޮކްޑައުންގެ ހާލަތުން ލުއި ދޭން ނިންމާ އެކަން ވަނީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިުލާން ކޮށްފައެވެ.