ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު ދަށްކުރެވިފައި ވުމުން ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދޭން ނިންމާފައިވާ ދެހަފްތާގެ މުއްދަތުގައި ބޭންކުތައް ހުޅުވާ ދުވަސްތައް އިތުރުކޮށްފިއެވެ.
މިހާރު ދަރުބާރު ގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ފުރަތަމަ ދެ ހަފްތާގައި ބޭންކު ހުޅުވާނީ ތިން ދުވަހު ކަމަށާއި އަދި އެ ދެ ހަފްތާއަށް ފަހު 5 ދުވަހު ބޭންކު ހުޅުވަން ނިންމާފައިވާ ކަމަށެވެ.
ލޮކްޑައުންގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ލޮކްޑައުނަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފަިއވާ އިރު ކުރިއަށް އޮތް ދެ ހަފްތާއަކީ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގުނާ ދުވަސްތައް ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ކަމަށް އަމީން ވިދާޅުވިއެވެ.
ރީޓެއިލް ފިހާރަތަކުގެ ހިދުމަތްތައް ފުލާކުރަން ރާވާފައިވާ ކަންކަމުގެ ތެރެއިން ސުޕަމާކެޓްތައް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ފާމަސީތައް ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑްވެއާ ފިހާރަތައް ލޮކްޑައުނަށް ލުއިދިނުމުގެ ފިޔަވަހީގެ ދަށޫން ހުޅުވޭނެ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މޯބައިލް ފޯން ވިއްކާ ފިހާރަތަކާއި އިލެކްޓްރޯނިކް ސާމަނުތައް ވިއްކާ ފިހާރަތަކާއި، ކުޅޭ ސާމާނު ވިއްކާ ފިހަރަތަކާއި ފޮތި ފިހާރަތަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަ އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފިހާރަތަަކަށް އޮންލައިންކޮށް ވިޔަފާރި ކުރުމާއި ޑެލިވާ ކުރުމަށް ފުރުސަތު ހުޅުވޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ޑެލިވަރީ ސާވިސް، އޮޓޯ މޯބައިލް، ކޮންސްޓަރްކްޝަން، އިލެކްޓްރޯނިކް ރިޕެއާ ވޯކްޝޮޕްތަކުގެ ހިދުމަތްތައް ދިނުމަށް މި ދުވަސްތަކުގައި ހުޅުވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި މަސްމާރުކޭޓުވެސް ހުޅުވޭނެ ކަަމަށް އަމީން ވިދާޅުވިއެވެ.