މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން މަޖިލީހަށް މެންބަރުން ހާޒިރުކޮށްގެން ޖަލްސާއެއް ބާއްވަން ޖެހިވަޑައިގަންނަވާތީ މަޑުކުރެވެން ނެތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރަށް ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.
ރައީސް ނަޝީދު މިގޮތަށް މައިމޫނާއަށް އަންގަވާފައި ވަނީ ހާއްސަ ފިޔަވަޅުތަކާއެކު ރައްޔިތުންގެ މަޖިލީހުގައި މާދަމާ ޖަލްސާއެއް ބާއްވަން ހަމަޖެއްސުމުން އެކަމާ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުނެވެ. ބައެއް މެންބަރުން ވަނީ މިކަން 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ނަޝީދު ވިދާޅުވެފަި ވާކަމަށް ވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާ ކަމަށާއި ނަމަވެސް އެ ދުވަސް އަންނަންދެން މަޑުކުރެވެން ނެތްކަމަށް މައުމޫނާ އަބޫބަކުރަށް އަށް އަންގާފައިވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހެއް ހުށަޅާފައި ވުމުން މަޖިލީހުގެ ތަޅުމުގައި ނޫންތަނެއްގައި ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ފާހަގަ ކުރައްވާފައި ވާ ކަމަށެވެ.
މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވަން ބައެއް މެންބަރުން ދެކޮޅު ހައްދަވާފައި ވާއިރު އެ މެންބަރުން ވިދާޅުވަނީ ކޮވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ހާލަތުގައި ގޭގައި ތިއްބަވައިގެން މަޖިލީހުގެ ބަހުސް ކުރިއަށް ގެންގޮސް ވޯޓު ދެވޭ އިރު ކޮންމެހެން މަޖިލީހަށް ހާޒިރު ވުން ރަނގަޅުނޫން ކަމަށެވެ.
ނަމަވެސް މިވާހަކަތަކަށް ރައްދުދެއްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީ އިސްލާހު ކުރެވެން ވާނީ ރައްޔިތުންގެ މަޖިލީސް ކުރާ ގޭގައި ތިބެގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އިތުރުވުމުން ރައީސް ނަޝީދު ވަނީ ގިނަ މެމްބަރުންނަށް ފެންނިވަޑައިގަންނަވަނީ މަޖިލީސް ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށް ގެންދިޔުމަށް ކަމަށާއި ދެން އިތުރަށް ވަޓްސްއެޕް ގްރޫޕުގައި އެކަމާ ގުޅޭ ގޮތުން ބަހުސް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މާދަމާ މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ ހާޒިރުގައި ޖަލްސާ ބޭއްވުމަށް ނިންމާފައިވާ އިރު، ޖަލްސާއެއްގައި ތިއްބަވާނީ ގިނަވެގެން 42 މެންބަރުން ކަމަށް ރައްޔިތުން މަޖިލީހުގެ ިއދާރާއިން ބުނެއެވެ. އަދި މެންބަރުން ތިއްބަވާނީ އެޗްޕީއޭއިން އަންގަވާފައިވާ ދުރުމިނުގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކޮވިޑް-19 އާއި ގުޅިގެން ވަކި މުއްދަތެއް ނެއްގޮތަށް ފަސްކުރުމަށް މިހާރު ނިންމައިފައި ވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ 2 އަށް ހަމަވާ އިރު ގާނޫނު އަސާސީ އިސްލާހު ނުކުރެވިއްޖެ ނަމަ، އާ ކައުންސިލަރުން އިންތިހާބު ނުކުރެވިދާނެ ކަމުގެ ބިރު މިހާރުވަނީ ހީވެފައެވެ.
މިހާރު ލޯކަލް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. އޭގެ ކުރިން ގާނޫނު އަސީސީއަށް އިސްލާހު ގެނެސް ނިންމަން ޖެހެއެވެ. އެހެންކަމުން މި މަހުގެ 26 ވަނަ ދުވަސް (މާދަމާ) ޖަލްސާތައް ނުފަށާ އެ ތާރީހަށް ނިންމޭނެ ކަމަށް ދެކެވަޑައި ނުގަންނަވާތީ ޖަލްސާތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށް ގިނަ މެންބަރުން ދެކެވަޑައިގަންނަވައެވެ.
ސާބަހޭ ނަޝީދު ޢަހުރެމެން މިތިބީ މާލޭގައި ދިވެހި ބިމުގަ ހާލުގަޖެހިފަ