މި ވެރިކަން ނިމޭއިރުވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އިންސާފު ނުލިބޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީ ފައިސާގެ މައްސަލައިގައި 18 ވަނަ މަޖީލީހުގެ މެންބަރުންގެ ތެރެއިން އެމްޑީޕީގެ މަދު މެންބަރުންތަކެއް ފިޔަވާ އެންމެނަށް އެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އޭރުގެ އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށާއި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އޮތް ތުހުމަތު ނުބެލެނީ ވެރިކަމުގައި މިވަގުތު ހުންނެވުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި މިހާރު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ބަލަމުން ދަނީ ދެއްކުންތެރިކަން ދެއްކުމުގެ ނިޔަތުގައި "ޝޯވް" އަކަށް ކަމަށާއި ވަކި ބަޔަކަށް ސިޔާސީ ދައުވާ ކުރަމުންދާ ކަމަށް ޖަމީލް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި ވެރިކަން ނިމިގެން ދާއިރުވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އިންސާފް ގާއިމް ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރިކަމުގެ ކުށް ސާބިތުކޮށް އެމަނިކުފާނަށް ވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް އަންނަނީ މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ދާދި ފަހުންވެސް ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ޖިނާއީ ކޮން ކުށެއް ކުރައްވައިގެންތޯ އައްސަވާފައެވެ. އަދި އެމަނިކުފާނު އަތްޕުޅުގައި ދައުލަތުގެ ފައިސާއެއް ހުރި ކަމަކަށް މިއަދާ ހަމައަށްވެސް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތްޕުޅުގައި ހުރި ރައީސް ޔާމީންގެ ފައިސާގެ މިންވަރަށް، މަދަނީ އެއްބަސްވުމެއް ހެއްދެވީ ކަމަށާއި ޖިނާއީ ދައުވާއެއް ކުރެވޭނެ ގާނޫނީ ހަމައެއް އެއްވެސް އިންސާފުވެރި މަގަކުން ނުދެއްކޭނެ ކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ. އަދި މި ކަމަކީ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހްގެ "ހަސަދަ ފިލުވާލުމެއް" ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މި މައްސަލައިގައި ޖަލަށްލައިފައިވާ އިރު، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލް ކޮށްފައެވެ.