ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު ރައްޔިތުން މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ބާއްވަން ނިންމައިފިއެވެ.

މަޖިލިސް އިދާރާއިން ބުނީ ޖަލްސާއެއްގައި ތިއްބަވާނީ ގިނަވެގެން 42 މެންބަރުން ކަމަށެވެ. އަދި މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަށައަޅައި، އަދި އަންގާފައިވާ ދުރުމިނުގައި ކަމަށެވެ.

އެއް މޭޒުކޮޅެއްގައި ދެ މެންބަރުން މީގެކުރިން ތިއްބެވި ނަމަވެސް މީގެފަހުން އެގޮތަށް މެންބަރުން ނުތިއްބަވާނެ ކަމަށާއި ވަކި އިންތިޒާމެއްގެ ދަށުން ވޯޓު ގަޑީގައި މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލަމުން ނިކުންނަވާނެ ކަމަށްވެސް މަޖިލިސް އިދާރާއިން ބުނެއެވެ. އަދި ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލީހުގެ އިދާރީ މޭޒުގައި ވެސް ތިއްބަވާނީ ޖަލްސާ ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ކަމަށް މަޖިލީހުން ބުނެއެވެ. މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކް އަޅައިގެންނެވެ. އެކަންކަން ތަންފީޒު ކުރަމުން ގެންދާނީ މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން ސާޖެންޓު އެޓް އާމްސްއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ފެށީ ކޮވިޑް19 ގެ ސަބަބުން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ސަރުކާރުން ނިންމިތާ ދުވަސްކޮޅެއް ފަހުންނެވެ. އެންމެ ފުރަތަމަ އޮންލައިންކޮށް ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހުއެވެ. ޖަލްސާތަކުގެ އިތުރުން މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިޔަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.