ކޮވިޑް-19 އާ ގުޅިގެން ފެނަށާއި ކަރަންޓަށް ދިން ޑިސްކައުންޓުގެ ޖުމަލް ހަރަދަށް ޖެހޭ އަދަދު 60.6 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދޭ ރިލީފް ފަންޑުގެ ތެރެއިން ފެނަށް ދީފައިވާ ޑިސްކައުންޓުގެ ޖުމްލަ އަދަދަކީ 10.9 މިލިއަން ކަމަށާއި ކަރަންޓަށް ދީފައިވާ ޑިސްކައުންޓުގެ ޖުމަލަ އަދަދަކީ 49.7 މިލިއަން ރުފިޔާ ކަަމަށެވެ.
ފެނަށް ޑިސްކައުންޓް ދީފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު ޖުމްލަ 46،417 ގޭބިސީއަކަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 12،661 ގޭބިސީއަަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 33،198 ގޭބިސީއަކަށް ޖުމްލަ 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 558 ގޭބިސީއަކަށް ޖުމްލަ 0.8 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ކަރަންޓަށް ޑިސްކައުންޓް ދީފައިވާ ގޮތުގެ ތަފްސީލަށް ބަލާލާއިރު ޖުމްލަ 92،588 ގޭބިސީއަކަށް ވަނީ ޑިސްކައުންޓް ދީފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 46،839 ގޭބިސީއަަކަށް ޖުމްލަ 22 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 681 ގޭބިސީއަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 45،068 ގޭބިސީއަކަށް ޖުމްލަ 27.4 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
ކަރަންޓާއި ފެނުން ޑިސްކައުންތްގެ ގޮތުގައި ޖުމްލަ 60.6 މިލިއަން ރުފިޔާ ދީފައިވާއިރު ފެން ބިލްތަކަށް ބަލާއިރު އެވްރެޖްކޮށް ބިލަކަށް 235 ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށާއި ކަރަންޓު ބިލްތަކަށް ބަލާއިރު އެވްރެޖްކޮށް ބިލަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އެކި ފަރާތްތަކަށް ލިބެމުންދާ ދަތިތަަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިއަހަރުގެ އޭޕްރިލް އަދި މެއި މަހުގެ ކަރަންޓް އަދި ފެން ބިލު ކުޑަކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފެންބިލުން 30 ޕަސެންޓް އަދި ކަރަންޓު ބިލުން 40 ޕަސެންޓް ސަރުކާރުން ސަބްސިޑައިޒް ކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ކަރަންޓު އަދި ފެންބިލުން ޑިސްކައުންޓް ދޭން ނިންމާފައި ވީ ނަމަވެސް މިދިޔަ މަހުގެ ބިލު ލިބުނު އިރު ގިނަ ބަޔަކަށް ޑިސްކައުންޓެއް ލިބިފައި ނުވާ ކަަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ.