މިއަހަރުގެ ފިތުރު އިޑު ދުވަހަށް ހަނދު ސާބިތު ވެއްޖެ ނަމަ މިރޭ ބަޑި ޖަހާނީ އަންހެން ސިފައިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގެ މަދުގައި ކަމަށާއި އެ ރަސްމިއްޔާތު އޮންނާނީ މިރޭގެ 8:30 އާއި 9:00 އާ ދެމެދު ކަމަށެވެ.

އެ ރަސްމިއްޔާރުގައި އަންހެން ސިފައިންވެސް ބަޑި ޖެހުމުގައި ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނާއިރު، މީގެ ކުރިންވެ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ރަސްމިއްޔާތަށްފަހު ވެސް ދިވެހި އަންހެން ސިފައިން ވަނީ ރާއްޖޭގެ ތާރިހުގައި ފުރަތަމަ ފަހަރަށް ބަޑި ޖަހާފައެވެ.

އެއީ ދިވެހި ތާރީހުގައި ފުރަތަމަ ފަރަށް ކުރެވުނު ކަމެއް ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ.

މިރޭ ފިތުރު އީދަށް ހަނދު ސާބިތު ކުރާއިރު، ޑީޖޭއޭ އިން މީގެ ކުރިން ރަމަޟާން މަހުގެ ހަދު ސާބިތުކުރުމަށް ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މި ދުވަސްވަރު އޮފީސްތައް ނުހުޅުވިޔަސް، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުމަށްޓަކައި މާލޭގައި ނަމަ، ޑީޖޭއޭ އަށް ގުޅުމުން އެ އިދާރާ އިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެއެވެ. އަދިި އަތޮޅު ތެރޭގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއިން ބުނެފައި ވެއެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެއެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ