ޕާކިސްތާނުގެ ލާހޯރްއިން ފުރައިގެން ގާތްގަނޑަކަށް 100 އެއްހާ މީހުންނާއެކު ކަރާޗީއަށް ދަތުރުކުރަމުންދިޔަ ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ހިނގި މި ހާދިސަގައި އެއާބަސް-އޭ320 މަރުކާގެ ބޯޓު ވެއްޓިފައިވަނީ ކަރާޗީގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް ކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީކޭ 303 ވެއްޓިފައިވަނީ ވައިގެ ބަނދަރަށް ޖައްސަން ވަގުތު ކުޑަތަންވެފައިވަނިކޮށް ކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނުގެ އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ޢަބްދުއްސައްތާރު ޚޯޚާރު ވިދާޅުވީ، ބޯޓުން ދަތުރުކުރަމުންދިޔަ މީހުންގެ މައުލޫމާތު ކަށަވަރު ކުރަމުންދާކަމަށެވެ. ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ހާދިސާ ހިނގި ވަގުތު ބޯޓުން ދަތުރު ކުރަމުންދިޔައީ 99 ފަސެންޖަރުންނާ 8 ކުރޫއިންނެވެ. ޕާކިސްތާނުގެ ދުވަހު ނޫހެއް ކަމަށްވާ ޑޯން އިން ޚަބަރު ދޭ ގޮތުގައި ބޯޓުގައި ތިބީ 90 ވަރަކަށް ފަސެންޖަރުންނެވެ.

މައުލުމާތު ލިބޭ ގޮތުގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވަނީ ފަށާފައެވެ.

ބޯޓުވެއްޓުނު ސަރަހައްދުގައި ހުރި އިމާރާތްތައްވެސް ހަލާކުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.