ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިންއެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޮކްސްފޯޑް ޔުނިވާސިޓީއިން ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓިއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެކްސިންއެއް ތަރައްގީ ކުރުމަށް ކުރިއަށްދާ ދިރާސާގައި އެއް މަރުހަލާ ދެވަނަ މަރުހަލާއަށް ވަންނަމުންދާ ކަމަށާ، މި މަރުހަލާއަކީ އިންސާނުންގެ ހަށިގަނޑުގައި ވެކްސިން ޓެސްޓު ކުރާ މަރުހަލާ ކަމަށެވެ. މި މަރުހަލާގައި 10260 މީހުން ބައިވެރިވާ ކަމަށްވެސް އޮކްސްފޯޑް ޔުނިވާސިޓީއިން ބުނެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާ ޓީމުން މިމަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ފާމަސޫޓިކަލް ކުންފުނި އަސްޓްރާޒެނެކާ ގުޅިގެންނެވެ. މި ކުންފުންޏަކީ ވެކްސިން ކާމިޔާބު ވެއްޖެނަމަ ފުޅާ ދާއިރާއެއްގައި ވެކްސިން ތަރައްގީކޮށް، ވިއްކަން ނެރޭނެ ކުންފުންޏެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ބަޔާން ބުނާ ގޮތުގައި ދިރާސާގެ ފުރަތަމަ މަރުހަލާ މިހާރު ވަނީ ނިމިފައެވެ. ދެވަނަ މަރުހަލާއަށް ފަށާއިރު، މި މަރުހަލާގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ ދޮށީ އުމުރުގެ މީހުންވެސް ބައިވެރިވާނެ ކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.

ދިރާސާގެ 3 ވަނަ މަރުހަލާއަކީ އުމުރުން 18 އަހަރުން މަތީގެ ގިނަ ބައެއްގެ ތެރޭގައި ވެކްސިން މަސައްކަތްކުރާނެ ގޮތެއް ވިލަރެސް ކުރުމުގެ މަރުހަލާއެވެ.

އޮކްސްފޯޑް ވެކްސިން ގުރޫޕުގެ އިސްވެރިޔާ ޕްރޮފެސާ އެންޑްރޫ ޕޮލާޑް ވިދާލުވީ ދިރާސާގެ މަސައްކަތް ކުރިއަށްދަނީ އެދެވޭ ރޫހެއްގައި ކަމަށާ، ދެން އޮތީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ޒަރިއްޔާއިން ރައްކާތެރިކަން ކަށަވަރުވޭތޯ ބެލުން ކަމަށެވެ.

އަސްޓްރާޒެނެކާއިންވަނީ ވެކްސިން ކާމިޔާބު ވެއްޖެނަމަ 400 މިލިއަން ޑޯޒް އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.