ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން އެންމެ ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރި ކުރަމުންދާ ހޭންޑް ސެނިޓައިޒާ ފުޅިއާއި މާސްކުގައި ރައްކާކޮށްގެން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިން (މެތް) އެތެރެ ކުރަން އުޅުނު ބަޔަކު އަތުލައިގެންފައިވާކަން އޮސްޓްރޭލިއާއިން ހާމަކޮށްފިއެވެ.

އޮސްޓްރޭލިއާގެ ބޯޑާޒް ފޯސްގެ ސުޕްރިންޓެންޑްގެ ޖޯން ޕްލެމިންގް މިއަދު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އެންމެ ގިނައިން ބޭނުންކުރަންޖެހޭ ޒާތުގެ ޕްރޮޑަކްޓްތަކުގައި ރައްކާކޮށްގެން އޮސްޓްރޭލިއާއަށް އެތެރެ ކުރަން އުޅުނު 2 ކިލޯގްރާމްގެ މެތް، މިމަހުގެ ކުރީކޮޅު އަތުލައިގެންފައިވާކަމަށެވެ.

ސުޕްރިންޓެންޑެންޓް ފްލެމިންގް ވިދާޅުވީ އެންމެ ޑިމާންޑް ބޮޑު އުފެއްދުންތަކުގައި ރައްކާކޮށްގެން ޑްރަގް އެތެރެކުރަން އުޅުމަކީ ހައިރާންވާ ކަމެއް ނޫންކަމަށާ، މަސްތުވާތެކެތީގެ ވަގު ވިޔަފާރި ކުރާ ފަރާތްތަކުން ކޮންމެ އިމެއްވެސް ހުރަސްކޮށްފާނެ ކަމަށެވެ.

ފުރަތަމަ ބެލި ބެލުމުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަ ނުވާ ކަމަށާ، ނަމަވެސް ރަނގަޅަށް ބެލުމުން ސެނިޓައިޒާ ފުޅިތަކުގެ ފުލުގައި ތަފާތު ކަމެއް ފާހަގަކުރެވުނު ކަމަށާ، އެއިން ފެނުނު މާއްދާ، މެތްއަށް ޕޮޒިޓިވްވެފައިވާކަމަށް އޮސްޓްރޭލިއާގެ ފުލުހުން މައުލޫމާތު ދެއެވެ.

އޮސްޓްރޭލިއާގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެގައުމުން އަތުލައިގަތް 2 ޝިޕްމަންޓްއަކީވެސް ކެނެޑާއިން އައި ޝިޕްމަންޓްތަކެކެވެ.