މޯލްޑިވްސް އެސޯސިއޭޝަން ފޮ ޓްރެވަލް އެޖަންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އާއި ނެޝެނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކާބޯތަކެތި ފޯރުކޮށްދޭ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ރަމަޟާން މަސް ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެށި މި ޕްރޮގުރާމު، ރަމަޟާންމަހުގެ އިތުރުން ފިތުރު އީދާއި ޝައްވާލްމަހުގެ ފުރަތަމަ 6 ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. މަޓާޓޯ އާއި އެންބީއޭއެމުން ފެށި މި ޕްރޮގުރާމު ދިރާގުން ބަލައިގަނެ، މި ކަމަށް އެއްބާރުލުންދޭން ނިންމި ސަބަބަކީ މި ދަނޑިވަޅުގައި މިއީ އިންސާނިއްޔަތަށްޓަކާ ކޮށްދޭ ނުހަނު އަގުހުރި މަސައްކަތައްކަށްވާތީ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގުރާމްގެ ދަށުން ކަރަންޓީން އަދި ލޮކްޑައުންގެ ސަބަބުން މާލެ އަދި ހުޅުމާލޭގައި ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ކާބޯތަކެތީގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މި ފަރާތްތައް މިހާރު ދިރިއުޅެމުންދަނީ މާލެ އަދި ހުޅުމާލޭގައި ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ހިޔާތަކުގައިއެވެ. މިއަދާ ހަމައަށް މި ޕްރޮގުރާމްގެ ދަށުން 25000 އެއްހާ "މީލް ޕެކޭޖް" ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެކުންފުނިން ކޮވިޑް-19 އާ ގުޅިގެން މުޖުތަމަޢަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުންދާ ކަންތައްތަކުގެ ތެރެއިން ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ސަރުކާތުގެ އިދާރާތަކާއި، އެންޖީއޯ ތަކަށާއި މުޅި މުޖުތަމައަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.