މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް ނިމުމެއް ގެނެވެން އޮތީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި މަސައްކަތްކޮށް، މުހިންމު، ހައްސާސީ މައުލޫމާތާ ވަސީލަތްތައްވެސް ހިއްސާކޮށްގެން ކަމަށް ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ މެމްބަރު ގައުމުތަކުގެ ސިއްހީ ދާއިރާގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ވޯލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ، ވާޗުއަލް ވީޑިއޯ ލިންކް މެދުވެރިކުރައްވާ ބައިނަލްއަގުވާމީ ޕްލެޓްފޯމުގައި ތަގުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް ނިމުމެއް ގެނެވެން އޮތީ މުޅި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައިގެންކަމަށެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ފުލުހުން ފޯރިމަރަނީ / ފޮޓޯ: ޕޮލިސް

ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުހިންމު ފިލާވަޅުތަކެއް ނަގައިދިން ކާރިސާއެއް ކަމުގައި ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ބަލިމަޑުކަމުގެ އަސަރަކީ އެކަމުގެ މިންވަރު ވަޒަންކޮށްލުމަށް ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި ޚުދު ޑަބްލިއުއެޗްއޯއަށްވެސް ކުޅެދުނު ކަމެއް ނޫންކަމަށެވެ.

މާޒީ ދެކެފައިނުވާ ވަރުގެ ވަރުގަދަ ބަލިމަޑުކަމަކާ މުޅި ދުނިޔެ ކުރިމަތިލާ ގައުމުތަކުން ވަސީލަތްތަކާ ހަކަތަ މި ބަލިމަޑުކަމަށް ހުސްކުރަމުން ދާންޖެހުމުގެ ނަތިޖާއެއްގެ ގޮތުން ސިއްހީ އެހެން މައްސަލަތަކާ، ސިއްހީ ނިޒާމުގެ އިތުރު ބޭނުންތަކާ، އިގުތިސޯދީ-އިޖުތިމާއީ އެހެން ބޭނުންތައް އެކަހެރި ކުރެވިފައިވާކަން އަމީން ވަނީ ފާހަގަ ކުރައްވަމުން އަމީން ވަނީ، މިކަމުގައި އޮތީ ބަލިމަޑުކަމުގެ ކާރިސާއަށް ފަހު ދެން ކަންވެގެންދާނެ ގޮތަށް ނަޒަރު ހިންގުން މުހިންމުކަންވެސް ފާހަގަ ކުރައްވާފައެވެ.

ސަވައިލަންސްގައި ތިބި ބިދޭސީންގެ ސިއްހީ އޮޕަރޭޝަނެއް ކުރިޔަށް ގެންދަނީ / ފޮޓޯ: އެޗްޕީއޭ

ކޮވިޑް-19ގެ ބަލިމަޑުކަން އަންގައިދިން އަނެއް ކަމަކީ، ދިރިއުޅުމުގެ ކޮންމެ ބަހާއެއްގައިވެސް ސިއްހަތު އަދާކުރާ މުހިންމު ދައުރު ކަމަށްވެސް އަމީން ވަނީ ފާހަގަކުރައްވާފައެވެ. އިގުތިސޯދީ، ތިމާވެށި އަދި އެނޫންވެސް އެފަދަ ކޮންމެ މޭރުމަކުން ބެލިކަމުގައި ވީނަމަވެސް މިކަން މިއޮތީ މިހެންކަން އަމީންގެ ތަގުރީރުގައި ވަނީ ބަޔާން ކުރައްވާފައެވެ.

މިމޭރުމުން ތަގުރީރު ކުރިއަށް ގެންދަވަމުން ވަޒީރު ވިދާޅުވީ ސިއްހަތުގެ މުހިންމު ކަމަކީ ކުޑައިމީސް ކޮށްލެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެހެނީ، ދުނިޔެއަށް ސިއްހީ ބަލިމަޑުކަމުގެ ކާރިސާއެއް ކުރިމަތިވެއްޖެނަމަ އެކަމުގެ ތަކުލީފު ކުރިމަތިވަނީ އިންސާނީ ދަރިފަސްކޮޅަށްކަން އަމީން ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19އަށް ރާއްޖެއިން ދިން އިޖާބަ ސިފަކުރައްވަމުން އަމީން ވިދާޅުވީ، އެހެން ގައުމުތަކެކޭވެސް އެއްފަދައިން ދުރާލާ، ރާއްޖެއިންވެސް ވަރުގަދަ ފިޔަވަޅުތަކެއް އެޅި ކަމަށާ، ނަމަވެސް ރާއްޖޭގެ އައްސޭރިފަށަށް އެ ވައިރަސް އެތެރެވިޔަނުދީ، ނުހުއްޓުވުނު ކަމަށެވެ. ވައިރަހަކީ ބޯޑަރު ނުވަތަ ސަރަހައްދީ އިން ދަންނަ އެއްޗެއް ނޫންކަމަށްވެސް ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ނަތީޖާއަކަށްވީ ދިވެހިރާއްޖެއަށްވެސް މި ބަލިމަޑުކަން ކުރިމަތިވެ، އެކަމުގެ ތަކުލީފުތައް އުފުލަންޖެހުން ކަމަށް ވިދާޅުވެ އަމީން ވަނީ ރާއްޖޭގެ ހާލަތު ބައިނަލްއަގުވާމީ މުޖުމަތައަށް ބަޔާން ކޮށްދެއްވާފައެވެ. އެގޮތުން، ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، މަސްވެރިކަމުގެ އުފެއްދުންތެރިކަން އެކްސްޕޯޓް ނުކުރެވުމުގެ އަސަރު ކުރަމުން ދަނީ ސީދާ ދިވެހިންގެ އާންމު ދިރިއުޅުމަށްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް

މިފަދަ ވަގުތެއްގައި، އުފެއްދުންތެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ، ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި ހުރި ހުރަސްތަކުގެ ސަބަބުންވެސް ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ވަޒީރު ބަޔާންކޮށްދެއްވިއެވެ. އެގޮތުން ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށާ، ސިއްހީ އަދި އެނޫންވެސް ސަޕްލައި ގަތުމަށާ، ރާއްޖެއަށް އިމްޕޯޓް ކުރުމުގައި ބޮޑެތި ދަތިތަކަކާ ގޮންޖެހުންތަކެއް ގިރާކުރަން ޖެހިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ މިއާއެކު ވަޒީރު ވަނީ، މި ދަނޑިވަޅުގައި ރާއްޖެއަށް ލިބެމުންދާ އެހީތެރިކަންވެސް ފާހަގަކުރައްވާފައެވެ. ވަކިން ހާއްސަކޮށް ޑަބްލިއު.އެޗް.އޯގެ ސަރަހައްދީ އިދާރާގެ ލީޑާޝިޕާ، ޖިއޮގްރަފީ ގޮތުން ރާއްޖެ ހިމެނޭ ސަރަހައްދުން ލިބެމުންދާ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާއެވެ. މީގެ ތެރެއިންވެސް ވަޒީރު ވަނީ އިންޑިއާގެ ނަން ވަކިން ފާހަގަކުރައްވާފައެވެ. އަދި ސަރަހައްދީ ގައުމެއް ނޫންކަމުގައި ވީ ނަމަވެސް، އެތައް ޒަމާނެއް ވަންދެން އެކުވެރި ގައުމެއްގެ ގޮތުގައި އޮތް ޗައިނާގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ އެހީގެ ވާހަކަވެސް ވަޒީރު ވަނީ މި ޕްލެޓްފޯމުގައި ފާހަގަކުރައްވާފައެވެ.

ކޮވިޑްއަށް ފަރުވާދެވޭ މިނަގްނަޑުތައް ހިމެނޭ ގައިޑްލައިން މިނިސްޓަރު އަބްދުﷲ އަމީން ނެރެދެއްވަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސިއްހީ އޮފިޝަލުންނާ، ވަޒީރުންނާ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ވޯލްޑް ހެލްތް އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ވަޒީރު އަމީން ވަނީ، މި ކާރިސާއިން އަރައިގަތުމަށްޓަކައި އިހުނަށްވުރެ ސަމާލުވެ ތިބެ، ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނަށް ގޮވާލައްވާފައެވެ.މި ބަލިމަޑުކަމާ ކުރިމަތިލުމަށް ދިވެހިރާއްޖެ އޮތީ ޑަބްލިއު.އެޗް.އޯއާއި މެމްބަރު ގައުމުތަކާއެކުގައި ކަން ދިވެހިރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

މިއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތާރީހުގައިވެސް ވޯލްޑް ހެލްތް އެސެމްބްލީ، އޮންލައިން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.