ރަމަޟާން މަހެއް އަންނަ ނަމަ ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވޭނެ އެއް ވާހަކަ އަކީ އއ. ތޮއްޑޫއިން ނުވަތަ ތ. ކަނޑޫދޫން، ރައްޓެއްސަކު ހޯދާ ވާހަކައެވެ. ރޯދަ ވީއްލުމަށް ފަނިގިރާލުމަށް ތޮއްޑޫއިން ކަރައެއް ހޯދުމަށާއި މީރު ހެދިކާއަކަށް ލުމަށް ކަނޑޫދޫ މިރުހެއް ބޭނުން ކޮށްލުމަށެވެ. ތޮއްޑޫގެ ކަރައާއި ކަނޑޫދޫގެ މިރުހަކީ ބައެއް ދިވެހިންނަށް އެއާ ނުލައި އުޅެން އުނދަގޫ ދޭއްޗަށް ވީއިރު ރަމަޟާން މަހު ދިވެހިންގެ ދިރިއުޅުމާއި ގުޅިފައިވާ މި ދެބާވަތުގެ އަޑު މަޑުވެ މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ބަނބުކޭލުގެ ވާހަކައެވެ. އެއީ ރާއްޖޭގެ ވަކި ރަށަކަށް ނިސްބަތް ނުވިޔަސް މުޅި ދިވެހި ރާއްޖެއަށެވެ.

ފޭސްބުކާއި ޓްވިޓާއާއި އޮފީސްތަކުގެ އަން އޮފިޝަލް ގްރޫކް ތަކުން ފެށިގެން އާއިލާގެ ވައިބާ ގްރޫޕްތަކުގައިވެސް ދައުރުވަމުން ދަނީ ބަނބުކޭލުގެ ފޮޓޯއާއި ވީދިއޯ ތަކެވެ. ކެއުމަށް ތައްޔާރުކުރާ ތަފާތު ބާވަތްތަކުން ގޮސް ގަސް އިންދުމާ ހެއްދުމާ ހަމައަށް މިހާރު ބަނބުކޭލުގެ ކަންތައް ވަނީ ގޮސްފައެވެ. ބަނބުކޭލަކީ ވަކި މޫސުމެއްގައި އަޅާ އެއްޗަކަށް ވީއިރު މި ރޯދަމަހުގެ ފަހު 10 އަށް އެޅުނު އިރު ރާއްޖޭގެ މީޑިއާތަކަށްވެސް މިވަނީ ބަނބުކެޔޮ މޫސުން އައިސް ހަރުވެ ފައްކާ ވެފައެވެ.

ބަނބުކޭލުގެ ވާހަކަ މި ދައްކަނީ ކީއްވެ؟

މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ސަރުކަރަށް ހުށަހެޅީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ނިސްބަތުން ބަނބުކެޔޮ ހެއްދުމުގެ ޕްރޮގްރާމެއް، ކައުންސިލްތަކުން މި އަހަރުގެ ތެރޭގައި ފުރިހަމަ ކުރުމަށެވެ.

މީހަކު ބަނބުކެޔޮ ގަހެއް އިންދަނީ / ފޮޓޯ: ސޯޝަލް މީޑިއާ

ބަނބުކެޔޮ ގަސް ހެއްދުމަށް ހުށަހެޅީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށާއި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒު ކުރުމުގައި، ތިމާވެއްޓަށާއި، އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުމާއި އެކަންކަން ފުރިހަމަ ކުރުމަށް ޕްރޮގްރާމްތައް ހިންގާނެ އުސޫލު ތަކުގެ ދަށުންނެވެ.

ރާއްޔިތުންގެ މަޖިލީހުގައި ކުރި ސީރިއަސް މަސައްކަތެއްގެ ގޮތުގައި ބަނބުކެޔޮ ހައްދަ ވާހަކަ ދެއްކުން ވީ އާންމު ރައްޔިތުންނަށް ޖޯކަކަށެވެ. އެންމެ ބޮޑު ޖޯކަކަށް ވީ، ކޮންމެ 5 އާއިލާއަކަށް ބަނބުކެޔޮ ގަހެއްގެ ރޭޓުން އެކަން ކުރާ ވާހަކަ ދެއްކީމައެވެ.

"މި އުޅެނީ ޖެހިގެން ހުންނަ ގޭގެ އިމުން ހިކި ފަތެއް އަނެއް ގޭގެ އިމަށް ވަނަސް ކަރުހިފާ ވަރުން އޮބި ނޯވެގެން، ބޮޑު ފުރޯ ހިފައިގެން އެ ނުކުންނަނީ ގަސް ކަނޑާލަން، އެވަރުން ދާ ބައެއްގެ ތެރެއަށް 5 އާއިލާއަށް ބަނބުކޭލޭ ބުނީމައި އަންނަނީ ހިނި"
އާންމު ރައްޔިތެއް

މަޖިލީހުގެ ކޮމިޓީން ނިންމި ބަނބުކެޔޮ އުސޫލަށް ހަޖޫ ޖަހަމުން އާންމު މީހަކު ބުންޏެވެ. އޭނާ ބުނީ، ކޮންމެ 5 މީހަކަށް ބަނބުކެޔޮ ގަހެއް ހައްދާ ވާހަކަ ދައްކާއިރު އެއް އާއިލާ ތެރޭގައިވެސް އެހާ ހާޖާނު ބޮޑު ބައެއްގެ ތެރޭގައި 5 އާއިލާއަކަށް ވާ ގޮތަށް ބަނބުކެޔޮ ހައްދަން އުޅުނީމާއި ދެން ނުކުންނާނީ ބޮޑު ފުރޯ ހިފައިގެން ކަމަށެވެ.

ބަނބުކެޔޮ ހައްދަންވީ ކީއްވެ؟

ބަނބުކޭލަކީ ފަލަމަޑީގެ ބާވަތެކެވެ. ބަނބުކޭލަކީ ދެވަނަ ބޮޑު ހަނގުރާމައިގައި މުޅި ދުނިޔެ ބަނޑަށް ޖެހި، ކާބޯތަކެތީގެ ތަދުމަޑުކަން ޖެހުނު ދުވަސްވަރު ދިވެހިން އެންމެ ގިނައިން ކައި އުޅުނު އެއް ބާވަތެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފަސޭހައިން ހެދޭއިރު ދުނިޔޭގެ 90 ގައުމެއްގައިވެސް ބަނބުކެޔޮ ހުރެއެވެ. ރާއްޖޭގެ އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ކޮންމެ ގެއެއްގެވެސް ގޯތިތެރޭގައި ނުވަތަ ދަނޑުމަތީގައި މަދުވެގެން އެއްގަސް ނުވަތަ އެއަށް ވުރެ ގިނައިން ބަނބުކެޔޮ ގަސް އިންދާފައި ހުންނަކަން ފާހަގަވެއެވެ. ވެރިރަށް މާލޭގައިވެސް މީގެ ކުރިން ބަނބުކެޔޮ ހައްދާފައި ހުއްޓެވެ.

ބަނބުކެޔޮ ގަހެއްގައި ބަނބުކެޔޮ އަޅާފައި / ފޮޓޯ: ސޯޝަލް މީޑިއާ

ގިނަ ދުވަހަށް އެހާމެ ވަރުގަދައަށް ހެދިފައި ހުންނަ ބަނބުކޭލަކީ، މުސްތަގުބަލުގެ ކާނާކަމުގައި ވާނޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާ ކުރާ އިރު، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ކާނާގެ ޔަގީންކަން ދެމެހެއްޓުމަށް މިއަދު މި ވަނީ ގިނަ ދުވަހަށް ދެމި ހުންނާނެ މޭވާ އާއި ތަރުކާރީ އަޅާ ގަސްތަށް އިންދަން ޖެހިފައެވެ.

އެވޭލާ ޒަމާނާއި ހަމައިން މިއަދާ ހަމައަށް އައި އިރުވެސް ރާއްޖޭގައި މީހުން މައިގަނޑުގޮތެއްގައި ކެއުމަށް ބޭނުން ކޮށްއުޅޭ އެއް ބާވަތަކަށް ބަނބުކެޔޮ ވަނީ ވެފައެވެ. އެ ޒަމާނުއްސުރެ މިހުންގެ ފަރާތުން ދެކެވޭ ވާހަކަތަކުން އިނގޭގޮތުގައި ބަނބުކޭލުގައި ކެއުމަށް ބޭނުން ނުކުރަނީ ގަސްގަނޑު އެކަންޏެއެވެ. ބަނބުކޭލާއި ބަނބުކެޔޮ ގަހުގެ ތޮޅި އާއި ބަނބުކެޔޮ ފަތުގެ ތަނޑަކީވެސް ރާއްޖެ ކާއެއްޗެއްސަށް އެންމެ ތަދުވި ދުވަސްވަރު ދިވެހިން ކެއުމަށް ބޭނުން ކުރި ތަކެތި ކަމަށް މާމަމެން ބުނާ އަޑު އަހަމެވެ.

އެ މީހުންގެ ވާހަކަތަކުން ހަނދާނުގައި ހުންނަގޮތުން އެންމެ ދެކެވޭ އެއް ވާހަކަ އަކީ ރޯދަމަހުގެ އިރާކޮޅަށް (ރޯދަ ވީއްލުމަށް) ބަނބުކޭލުގެ ތޮށިކޮޅު ބޭނުން ކުރާ ކަމަށާއި ހާރުދަމަށް ފުއްކޮޅު (ބަނބުކެޔޮ) ބޭނުން ކުރާ ކަމަށް ބުނެވޭ ވާހަކައެވެ. އެ ޒަމާނާއި މިޒަމާނުގައިވެސް ބަނބުކެޔޮ ފިހެގެންނާއި ފެނު ކަށްކައިގެން ގަރުދިޔަ އާއި މަހާއި ހުންޏާއި އަދި ލޮނު މިރުހާއި އެކު ކެއުމަށް ބޭނުން ކުރުމަކީ ބައެއް ދިވެހިންނަށް މާ ކަމުދާ ކެއުމަކަށް ވަނީ ވެފައެވެ. ހަކުރު އަޅައި ބަނބުކެޔޮ ބޯކޮށްގެންނާއި ރިހަ އާއި ސަންނެއްޓި ކައްކައިގެންނާއި ބޮނޑިބަތް ކައްކައިގެން މިޒަމާނުގައިވެސް ކައިއުޅެއެވެ. މީގެ އިތުރުން އެ ޒަމާނުގައި ފޮނިއެއްޗަކަށް ނުވަތަ މި ޒަމާނުގެ ނަމުން ނަމަ (ޑެޒާޓް) އަކަށް ބަނބުކެޔޮ ކޮށުމަށް ފަހު ދުމަށި މަތީގައި ހިއްކައިގެން ދިޔާހަކުރާއި ޖަހައިގެން ކައިއުޅޭ ކަމަށް އެ މީހުންގެ ވާހަކަތަކުން އެނގެއެވެ.

ބަނބުކޭލުން ތައްޔާރުކުރެވޭ ބައެއް ބާވަތްތައް

މި ހުރިހާ ބާވަތްތަކުގެ ތެރެއިން މިއަދާ ހަމައަށް ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކަށްވެސް އެންމެ ކަމުދާ އެކައްޗަކަށް ވެފައި ވަނީ ތެލުލާފައި ހުންނަ ބަނބުކޭލެވެ. އެމީހުންގެ ނަމުން ނަމަ "މޯލްޑިވިއަން ޗިޕްސް" އެވެ.

ބަނބުކޭލުގެ ސިއްހީ ފައިދާ

ބަނބުކޭލަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއްވެސް ލިބޭ ބާވަތެކެވެ. ބަނބުކޭލުގައި ފައިބާ އާއި ވިޓަމިން ސީ އާއި ޕޮޓޭސިއަމްގެ އިތުރުން ފެޓީ އެސިޑް ގިނަ އަދަދަކަށް އެކުލެވެއެވެ. އެގޮތުން ބަނބުކޭލުގައި ފައިބަރު ހުރުމަކީ އެ ބޭނުން ކުރުމުން ބަނޑުފަސޭ ހަކޮށްދޭނެ ކަމެކެވެ. ރަނގަޅު ސަރުބީގެ ނިސްބަތް މަތިކޮށް ލޭގައި ސަރުބީ ގެ ނިސްބަތް ދަށްކޮށްދޭ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

މީގެ އިތުރުން ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދެއެވެ. ޕޮޓޭސިއަމް އެކުލެވޭތީ ހިތުގެ ވިންދު ތަރުތީބު ކޮށްދީ ލޭގެ ޕްރެޝާ ކޮންޓްރޯލް ކޮށްދިނުމުގައި އެހީތެރިވެ ދޭ ކަމަށް ވެސް ސިއްހީ މާހިރުން ބުނެއެވެ. ފެޓީ އެސިޑް ތަކުގެ ސަބަބުން ހަމާއި، އިސްތަށީގެ ހެދިބޮޑުވުމަށް ވާގިވެރިވެ ދިނުމާއި މެޓަބޮލިޒަމް ރަނގަޅު ކޮށްދިނުމާއި ކަށީގެ ދުޅަހެޔޮކަން ދަމަހައްޓައި އެހީތެރިވެދޭ ކަމަށްވެސް ސިއްހީ މާހިރުން އަންނަނީ ބުނަމުނެވެ.

ހަމައެއާއެކު ބަނބުކޭލުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮދިނުމާއި ނޭވާ ހިއްލުމުގެ އުދަނގޫ ލުއިކޮށްދިނުމާއި ހާޓް އެޓޭކް ޖެހުމުން ރައްކާތެރި ކޮށްދިނުމާއި ލޭގައި ހަކުރު ކޮންޓްރޯލް ކުރުމުގައި އެހީތެރިވެ ދިނުމުގެ އިތުރުން ގޮހޮރުގެ ކެންސަރުން ރައްކާތެރި ވުމުގައި އެހީތެރިވެ ދޭ ކަމަށް ވެސް ސިއްހީ މާހިރުން ބުނެއެވެ.

ފަޅާލާފައިވާ ބަނބުކޭލެއް / ފޮޓޯ: ސޯޝަލް މީޑިއާ

މިހާގިނަ އަދަދެއްގެ ކެއުމަށް ބޭނުންކުރާ ތަފާތު ބާވަތްތައް ތައްޔާރު ކުރެވޭ ބަނބުކޭލަކީ ސިއްހީ ގޮތުންވެސް އެތަށް ފައިދާއެއް ލިބޭ ބާވަތަކަށް މި ވަނީ ވެފައެވެ. ދިގު އުމުރަކަށް ހެދިފައި ހުންނަ މި ގަހުގެ ނަފާ ކާބަފައިން ހޯދައިފައި ވަނީ ދުރާލާ ވިސްނާފައެވެ. އަވަހަށް ހެދޭ މި ގަހުން އެއްފަހަރާ ގިނަ އަދަދެއްގެ މޭވާ ލިބޭއިރު ބޭނުން ނުކުރެވޭނެ އެއްވެސް ބައެއް ގަހަކު ނެތެވެ. ގަހުގެ މުލުން ފެށިގެން ފަތުގެ ތުނޑަށް ދާންދެން ކެއުމަށް ބޭނުން ކުރެއެވެ.

މިފަދަ އެތަށް ސަބަބަކަށްޓަކައި ކަނޑޫދޫ މިރުހާއި ތޮއްޑޫ ކަރާގެ އަޑު މަޑުވެ ބަނބުކޭލުގެ މުހިންމުކަން ބޮޑު ވަނީއެވެ. މުސްތަގްބަލަށް ވިސްނާ ބަނބުކޭލަކީ މުހިންމު ބައިވެރިއަކަށް ވަނީއެވެ. ރައްޔިތުންގެ މަޖިލީހާއި ވައިބާ ގްރޫޕުތަކުގައިވެސް ބަނބުކޭލުގެ ވާހަކަ ނުދައްކަންވީ ސަބަބެއް ނެތެއްނޫންތޯއެވެ.