ކައިވެނީގެ ހަފްލާތަކަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާ ހަފްލާއެކެވެ. ދެމީހަކު ޒަވާޖީ ހަޔާތެއް ފަށާއިރު ރައްޓެހިންނާއި އާއިލާ މީހުންނާއި މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންނަށް ސަޔެއް ނުދީ ފަރު ޖައްސާލެވޭކަށް ނޯވެއެވެ. ދެމީހެއްގެ ހަޔާތަށް އަންނަ އެފަދަ އުފާވެރި ދުވަހެއް ވެގެން ދާނީ އެ ދެމީހަކަށް ވަރަށް ހާއްސަ ދުވަހަކަށެވެ. އެހެންކަމުން ކައިވެނީގެ ހަފްލާގެ ހުރިހާ ކަމެއްވެސްް އެންމެ "ޕާފެކްޓް" ވާން ކޮންމެ ބަޔަކުވެސް އެދޭނެއެވެ.
ކައިވެނީގެ މިފަދަ ހަފްލާތަކުގެ ވެޑިން ކާޑާއި ކައިވެނީގެ ރަން ފުރިހަމަ އަށް ތައްޔާރު ކުރަން ބޭނުންވާއިރު އެފަދަ ހަފްލާތަކުގެ މޭޒުތައް ފަޅު ފިލުވާލަދޭ ސެންޓާ ޕީސްތަކާއި ބެކްޑްރޮޕް އަދި ލައިޓިންގްއަކީ މުޅި ހަފްލާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަންކަމެވެ.
އެގޮތުން އުމުރުން 33 އަހަރުގެ މުހައްމަދު ނުހައިޒު އަބޫބަކުރު، އާންމު ނަމުން ނަމަ "ބަކޫ" އަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަން ހުންނާތީ ޕާޓީ އަދި އިވެންޓްތައް ޕްލޭންކޮށް ޑެކަރޭޓް ކުރާ ފަރާތެކެވެ.
މި މަސައްކަތް ފެށިގޮތް ހިއްސާ ކުރަމުން އޭނާ ބުނީ މަސައްކަތް ފެށިފައި ވަނީ 2012 ވަނަ އަހަރުގައި ކަމަށެވެ. އޭރު ގާތް ރައްޓެހިންނާއި ރައްޓެހިންގެ ރައްޓެހިންގެ ކައިވެނި ހަފްލާތަކަށް ބެކް ޑްރޮޕް ހަދައިދީ ހަފްލާއަށް ތަން ރީތިކޮށްދިނުމާއި ކައިވެނި ކާޑު ހެދުމުގެ ކަންކަން ކުރަމުންދިޔައީ އެކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ކަމަށެވެ. އޭރު މަސައްކަތް ކުރި އިރު މަސައްކަތަށް އެއްވެސް އަގެއް ނުނަގާ ކަމަށާއި ހަމައެކަނި ނަގަނީ މަސައްކަތައް ބޭނުންވާ ސާމާނު ގަތުމުގެ އަގު އެކަނި ކަމަށް އެނާ ބުނެއެވެެ.
މި މަސައްކަތް ފެށިގެން މިހާތަނަށް އައި އިރު ބަކޫއަށް އެންމެ ބޮޑު އެއްބާރު ލުމެއް ލިބިފައި ވަނީ ގާތް ރަހްމަތްތެރިންގެ ފަރާތުން ކަން އޭނާ ފާހަގަކުރެއެވެ. އޭނާއާ އެކު މަސައްކަތްތަކުގައި އަތް ގާތްކޮށްދީ އެހީތެރިވެ ދިނުމުގައި ގާތް ރައްޓެހިން މުހިއްމު ރޯލެއް އަދާކޮށްފައި ވެއެވެ.
2014 އާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު ބަކޫ ދެން އިންޑިއާގެ މައިސޫރަށް ފުރައިގެން ދިޔައީ މަތީ ތައުލީމް ހާސިލް ކުރުމަށެވެ. ޑިޒައިނިންއަށް ބޮޑު ޝައުގުވެރިކަމެއް ހުރި ބަކޫ ކިޔެވީ އެރޭނާ އެނިމޭޝަން އިންސްޓިޓިއުޝަން އިން މަލްޓިމީޑިއާ އާއި ތްރީޑީ އެނިމޭޝަންއެވެ. އެ ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެއަށް އައިސް އޭނާ ދެން އޮވޭޝަންގެ ނަމުގައި އިވެންޓް ޕްލޭން ކުރުމާއި ޑިޒައިންކުރުމުގެ މަސައްކަތް ފެށީ ވަރަށް އުންމީދާ އެކުގައެވެ.
މިހާތަނަށް އޭނާ ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އޭނާގެ ކައިވެނި ހަފްލާއަށް ތައްޔާރުކުރި ސެންޓާ ޕީސްއެވެ. އަމިއްލަ ކައިވެނި ހަފްލާގައި ތައްޔާރު ކުރި ސެންޓާ ޕީސް އެންމެ ކަމުދިޔަ ސަބަބު ހާމަ ކުރަމުން ބަކޫ ބުނީ އެ ސެންޓަ ޕީސް ފެނިގެން އައްޑޫއިން ކަސްޓަމާއެއް ގުޅިކަމަށެވެ. ބަކޫއަށް އެ ފަރާތުގެ ވެޑިން ޑެކަރޭޓް ކުރަން ރިކުއެސްޓް ކުރީ އެ ސެންޓާ ޕީސް ކަމުގޮސްގެން ކަމަށް ބުނުމުން ބަކޫ އެކަމާ ވަރަށް އުފާވި ކަމަށް ބުނެއެވެ.
އަމިއްލަ މަސައްކަތެއްގެ ގޮތުން އޮވޭޝަންގެ މަސައްކަތް ކުރަމުން އައި ނަމަވެސް ބަކޫ އަކީ ފޯސައިޓް ސާވެޔާސްގެ ޕްރޮޖެކްޓް މެނޭޖަރެއްގެ މަސައްކަތް ވެސް ކުރަމުންދާ ފަރާތެކެވެ. ވަޒީފާގައި އުޅެމުންވެސް މި މަސައްކަަތަށް ވަގުތު ހޯދައިގެން މަސައްކަތް ކުރަނީ ކުރިއާލައި ޕްލޭންކޮށްގެން އެކަމަށް ވަގުތު ހޯދައިގެން ކަމަށް ބަކޫ ބުނެއެވެ. އަދި ކޮންމެ މަސައްކަަތެއް ކުރި ކަމުގައި ވިޔަސް އެ މަސައްކަތެއް ކުރެވޭނީ އެކަމަށް އެމީހެއްގެ ޝައުގުވެރިކަން އޮންނަ ކަންކަން ކަމަށް ބަކޫ ބުނެއެވެ. ޝައުގުވެރިކަން ނެތް މަސައްކަތެއް ކުރުން ވާނީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމެއް ކަމަށް އޭނާ ދެކެއެވެ.
ކުޑައިރުއްސުރެ ވެސް ބަކޫއަކީ ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން ނާށި ބޭނުންކޮށްގެން ވެސް ތަފާތު އެއްޗިސް ހަދާފައި ވާނެ ކަމަށާއި ސްކޫލުގައި ބާއްވާ ހަފްލާތަކަށް ތަން ޒީނަތްތެރިކުރުމުގައި އަމަލީ ގޮތުން އިސްނަގައިގެން މަސައްކަތް ކޮށްފައިވާނެ ކަމަށް އެނާ ބުނެއެވެ. މި ހުރިހާ ކަމެއްގެ ފެށުން އައިސްފައި ވަނީ އެހިސާބުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެއެވެ.
އެ ގޮތުން ކުޑައިރު ކުރި ކްރިއޭޓިވް މަސައްކަތެއްގެ ވާހަކަ ހިއްސާކުރަމުން ބަކޫ ބުނީ، އޭނާގެ ބޭބެއަކާއެކު ކޮމިކްއެއް ގޮތަށް ކުރަހައިގެން ޑައަލޮގް ލިޔެގެން ތައްޔާރުކުރި ފޮތަކީ ހަނދާނުގައި ވަރަށް ހުންނަ މަޖާ މަސައްކަަތެއް ކަމަށެވެ.
މިހާ ހިސާބަށް ބަކޫ އައި އިރު ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އޭނާ ވަނީ ހުރިހާ ރައްޓެހިންނަށާއި އާއިލާ މެންބަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. އޭގެތެރެއިން ޔާންޓެ އާއި، އަބުޅޯ އާއި، އަހުމަދު ޔައުގޫބް އާއި، މަންމަ އާއި އަންހެނުންގެ އިތުރުން އައްޕި އާއި ސައިމަން އަދި ކުޑީގެ ނަން ވަކިން ހާއްސަކޮށް އޭނާ ފާހަގަކުރިއެވެ.
ކުރިއަށް އޮތްތަނުގައި އޭނަ ބޭނުން ވަނީ ކޮމްޕެނީއެއްގެ ގޮތުގައި އޮވޭޝަން ރަޖިސްޓާ ކޮށްގެން ފުޅާ ދާއިރާއެއްގައި އޭނާގެ ބިޒްނަސް ކުރިއަށް ގެންދާށެވެ. ޕާޓީ އަދި އިވެންޓް ޕްލޭން ކުރުމުގެ އިތުރުން އޭނާ ބޭނުން ވަނީ އިންޓިރިއާ ޑިޒައިނިންގް އިންވެސް އާ ކުރިއެއް ފަޅުވައިގެން އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދާށެވެ.