ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ފިޔަވަޅު އަޅާފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ މިމަހު 28 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގާފައިވާ ކަމަށެވެ. އަދި މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ކުރުމަށްވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ފަސްކޮށްފައިވާއިރު، އިތުރު 14 ދުވަހުގެ މުއްދަތަށް ލޮކްޑައުން ވެސް ވަނީ އިތުރުކޮށްފައެވެ.