ކައްކާ ކައިބޮއި ހަދަން ގެންގުޅޭ ތެލިތައްޓާ، އޫ ސަމުސާ ފަދަ ގެވެހި ކަންވާރު ދޮވެ ސާފު ކުރުމަށާ، ބަދިގޭގައި މަސައްކަތް ކުރަން ބޭނުން ކުރާ ސަރަހައްދު ސާފު ކުރުމަށާ، އަވަން ފަދަ އާލާތްތައް ސާފު ކުރުމަށް އެންމެ ގިނަ ބަޔަކަށް ފަރިތަ އެކައްޗަކީ ސްޕޮންޖެއެވެ. ޖީބަށް ލުއިވެފާ، ބޭނުން ކުރަންވެސް ފަސޭހަވުމުން ކަމުގައިވެސް ވެދާނެއެވެ. ކޮންމެ ކަމަކަށް ހާއްސަ ސްޕޮންޖެއް ބޭނުން ކުރި ކަމުގައި ވީ ނަމަވެސް، މިއީ ދުވާލެއްގެ މައްޗަށް ފުދޭ ވަރަކަށް ބޭނުން ކުރެވޭ އެއްޗަކަށް ވުމުން، މިއީ އަވަސް އަވަހަށް ބަދަލުވެސް ކުރަންޖެހޭ އެއްޗެކެވެ.

ގަވައިދުން ސްޕޮންޖު ބަދަލު ނުކުރުމަކީ ނުރައްކާ ކަމެކެވެ. ލޮލަށް ނުފެންނަ ބެކްޓީރިއާއާއި ޖަރާސީމުތަކުން މުޅި ސްޕޮންޖު ފުރާލައެވެ. ނަތީޖާއަކަށް ވަނީ ސާފުކުރާ ތެލިތަށި ކަންވާރު ލޮލަށް ސާފުވިއަސް، ޖަރާސީމާ ބެކްޓީރިއާ އިން ތަޣައްޔަރު ވުމެވެ. މި ސްޕޮންޖް އަކީ ގޭގައި އޮތް އެންމެ މުޑުދާރު އެތި ކަމުގައިވެސް ވެދާނެއެވެ.

ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ސައެންސް މެގް

ސްޕޮންޖް ބަދަލުކުރާނީ ކިހާ ދުވަހަކުން؟

އެންމެ ބުއްދިވެރި ގޮތަކީ ހަފުތާއަކި އެއް ފަހަރު ސްޕޮންޖު ބަދަލު ކުރުމެވެ. ނަމަވެސް ގިނައިން ބޭނުން ކުރާނަމަ މިއަށްވުރެވެސް އަވަސް އަވަހަށް ސްޕޮންޖު ބަދަލު ކުރަން ވާނެއެވެ. ރަމަޟާން މަހަކީ ބަދިގޭގެ މަސައްކަތްތައްވެސް އިތުރުވާ ދުވަސްވަރެއް ކަމުން، މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

ސްޕޮންޖު އޮތީ ބަދަލު ކުރަންވެފައިތޯ ކަށަވަރު ކުރުމަށް ތިބާގެ އިހުސާސްތަކަށް ބަރޯސާވާށެވެ. މީގެ އިތުރުން ސްޕޮންޖުގެ ސިފައަށް އަންނަ ބަދަލާ، ދުވާ ވަހަކީވެސް އެ ސްޕޮންޖެއް ބަދަލުކުރަންވެއްޖެކަން އަންގައިދޭ ވަރުގަދަ ސިގުނަލްތަކެކެވެ.

ސްޕޮންޖުގައި ވަހެއް ހަރުލާ، އެ ވަސް ނުފިލާ ހިސާބުން އެ ސްޕޮންޖު އެއްލާލާށެވެ. ސާފުކުރަން ބޭނުންކުރާ މާއްދާއެއް މިސާލަކަށް ޑިޝްވޮޝް ލިކުއިޑް ކަހަލަ އެއްޗެއް ސްޕޮންޖުގައި ބޭނުން ކުރާނަމަ އެންމެ ލަސްވެގެން ހަފުތާއަކު 1 ފަހަރު ސްޕޮންޖު ބަދަލު ކުރަންވާނެއެވެ.

ބަދިގޭގައި ބޭނުންކުރާ ސްޕޮންޖު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އިންފެކްޝަން ކޮންޓްރޯލް ޓުޑޭ

ސްޕޮންޖު ސާފު ކުރާނީ ކިހިނެއް؟

ބެކްޓީރިއާ ޖަރާސީމާ ކިތަންމެ ދޯޅަ އެއްޗަކަށް ސްޕޮންޖު ވި ކަމުގައި ވީ ނަމަވެސް، އެއީ ސާފުކޮށްލަން ފަސޭހަ އެއްޗެކެވެ. ނަމަވެސް ސްޕޮންޖަށް ލިބިފައިވާ ހާއްސަ ސިފަތަކެއްގެ ސަބަބުން، 100 ޕަސެންޓް ސާފެއް ނުކުރެވޭނެއެވެ.

ތަޖުރިބާކާރުން ވަނީ ސްޕޮންޖު ސާފުކުރާނެ ތަފާތު ގޮތްތައް ކިޔައިދީފައެވެ. މިފަދަ ބައެއް އުކުޅުތަކުގެ ތެރޭގައި މައިކްރޯވޭވް ކުރުމުން ފެށިގެން ގޮސް ވިނެގާގައި ފޯކުރުން ފަދަ ކަންކަން ހިމެނެއެވެ. ބަދިގޭގައި ބޭނުންކުރާ ސްޕޮންޖެއް ސާފުކުރުމަށް އެންމެ ރައްކާތެރި ގޮތަކީ ބްލީޗް ސޮލޫޝަންއެއް ބޭނުން ކުރުން ކަމަށްވެސް ބުރަވެވެއެވެ. އެގޮތުން 3 ލީޓަރުގެ ފެނަށް ¾ ޖޯޑު ބްލީޗް އެއްކޮށްލާށެވެ. އެއަށްފަހު އެ ފެންގަނޑުގައި 5 ވަރަކަށް މިނެޓް ވަންދެން ސްޕޮންޖު ބާއްވާށެވެ. އަދި އޮހެރޭ ސާފު ފެނުން ސްޕޮންޖު ދޮވެލާށެވެ. މި ގޮތަށް ސްޕޮންޖު ސާފު ކުރުމުން 99.9 ޕަސެންޓް ބެކްޓީރިއާ ނެތިކޮށްލައެވެ. ނަމަވެސް ބްލީޗްއަކީ ފުރާނައަށް ނުރައްކާ މާއްދައެއްކަން ހަނދާނުގައި ބަހައްޓަންވާނެއެވެ. އެހެންކަމުން ސްޕޮންޖުން ރަނގަޅަށް ބްލީޗް ސްލޫޝަން ފިލުވާލަންވާނެއެވެ. މިފަދަ ނުރައްކަލަކަށް ބަރޯސާވުމުގެ ބަދަލުގައި، ގަވައިދުން އަވަސް އަވަހަށް ސްޕޮންޖު ބަދަލު ކުރަން އާދަކުރައްވާށެވެ.