މިރޭވެސް އަހަރެން މިއޮތީ އޭނާގެ އިންތިޒާރުގައެވެ. އިރުއިރުކޮޅާ ކައިރީގައި އޮތް 6 މަހުގެ ތުއްތު ދަރިފުޅު ކުކުރާލައެވެ. އެ މައުޞޫމް ފުރާނަވެސް އެމީހަކަށް އިންތިޒާރު ކުރާކަހަލައެވެ. ކޮންމެ ރެއެއްގެ އެގަޑީގައި، އެ ތުއްތު ދަރިފުޅާ އެއްކޮށް ހީ ސަމާސާކުރާ މީހަކު މިއަދު ލަސްވުމުން އެދަރިފުޅަށްވެސް ކޮންމެވެސް ކަހަލަ އިހުސާސްތަކެއް ވާނެ ނޫންހެއްޔެވެ؟ ހިނދުކޮށްކޮޅުން ބާރު ބާރަށް ގުގުރާ ވިދާލައެވެ. ފަހަރުގައި އޭނާ ލަސްވާ ސަބަބަކީ އެއީކަމުގައިވެސް ވެދާނެއެވެ. އިންތިޒާރު ކޮޅުންލާ ހިސާބަށް ދިޔުމުން މަޑުމަޑުން އެނދުން ތެދުވެ، ދަރިފުޅު ކައިރީ ބާލީހެއް ލައްކޮށްލުމަށް ފަހު ދޮރާ ދިމާޔަށް ހިނގައިގަތީމެވެ. އާދައިގެ ގޮތަށް ހަދާފައި ހުރިނަމަވެސް މިގެއިން ހިތްހަމަ ޖެހުމާއި އަރާމު އަހަންނަށް ލިބެއެވެ. ކުރިން މަންމަ މެންނާއެއްކޮށް އަހަރެން އުޅުނު ނަމަވެސް ކޮންމެ ދުވަހަކީ ކޮންމެވެސް ކަމަކާ ޒުވާބުކޮށް އަޑުގަދަ ކުރަން ޖެހޭ ދުވަހެކެވެ. މަންމަމެންގެ ނުރުހުމުގައި އަހަރެން އަމަރާ ކައިވެނި ކުރީ އޭނާ ނޫން މީހަކު އަހަރެންގެ ޙަޔާތަށް ގެންނަން ބޭނުން ނުވާތީއެވެ. ކައިވެނިކުރުމުން މަޑުމަޑުން އެރުޅިގަނޑު ތިރިވެ އަމަރް ބަލައިގަންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް، ކައިވެންޏަށް އަހަރެއް ފުރުނު އިރުވެސް މަންމަމެންގެ ހިތް އަމަރާ ދޭތެރޭ ސާފުވާ ގޮތެއްނުވިއެވެ. މެދުނުކެނޑި ތަފާތު ހިތްހަމަނުޖެހުންތައް ދިމާވާން ފެށުމުން އަހަރެން ގަސްތުކުރީ އަމަރްމެން ގެއަށް ބަދަލުވުމަށެވެ. އެއީ އަމަރަކީ އަހަންނަށް އަޅާލާ އޯގާތެރި ފިރިއެއް ވީމައެވެ. ދުވަހަކުވެސް މަންމަމެންނާ ދިމާލަށް ނުރުހުމުގެ ބަހެއްވެސް ނުބުނާތީއެވެ.
އަހަރެން ސިހިގެން ދިޔައީ ކުއްލިއަކަށް ފިރިހެންވަންތަ އަތަކުން އުނަގަނޑުގައި ވަށާލުމުންނެވެ. ހަމަ އެ ނޭވާއާ އެއްކޮށް އަހަންނަށް ފަހަތަށް އެބުރެވުނެވެ. އަމަރްގެ ލާނެތް ހިނިތުން ވުމާއެކު އަހަރެންގެ ހިތް ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަން ފެށީމެވެ. އަމަރްއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ މަންމަ ވިހެއުމުގެ ތެރޭވަނީ މިދުނިޔެ ދޫކޮށްފައެވެ. އަދި އަމަރްގެ އުމުރުން 16 އަހަރުގައި، ދޯންޏެއް ކަނޑުވެ އޭނާގެ ބައްޕަވެސް ވަނީ މިދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އޭގެ ފަހުން އޭނާ އުޅެމުން އައީ ރިސޯޓުގައި މަސައްކަތް ކޮށްގެން ލިބޭ މަދު އާމްދަނީ ކޮޅުންނެވެ.
"ކޮންމެރެއަކު ތިހެން އައިސް އަހަރެން ހޭލަން ވާއިރަށް އަމަރް ފިލަނީއޭ! ގޮވާވެސް ނުލާ. އަހަރެން ފަތިސް ނަމާދަށް ހޭލާއިރު އަމަރްއެއް ނޯވޭ! ދެން ރިސޯޓްއިން އޮފްއެއް ނަގައިން މި ހުކުރު ދުވަހު އެއްކޮށް މަޑުކޮށްލަން އަންނަންވީނުން؟"
މަޑުމަޑުން އަމަރްގެ އަތުތެރެއަށް ވަންނަމުން އަހަރެން ބޮޑާހާކާލީމެވެ. އޭރުވެސް އަމަރްގެ ތޫނު ނަޒަރު ވަނީ އަހަންނަށް ހުއްޓިފައެވެ.
"އާލް ބުނެފިއްޔާ މުޅިދުނިޔެވެސް ގުރުބާން ކުރަން އަހަރެން މިހިރީ ހަމަ ތައްޔާރަށް! އެކަމަކު މިދުވަސްކޮޅު ހިޔެއްނުވޭ ޗުއްޓީ ލިބޭނެހެނެއް. ދެން އެހެންވިޔަސް، އާލް ބުނީމަ އަހަރެން ބޮޑުމީހާއާ ވާހަކަ ދައްކާލަފާނަން!"
އެފިނިފިނި އަތުން އަހަރެންގެ ދަތްދޮޅީގައި ހިފާ މައްޗަށް ނަގާލަމުން އަމަރް ޖަވާބުދިނެވެ.
ޖަލުން ނުކުތް ފަހުން އެލޮލުގައި ވިދަމުން އަންނަނީ ތަފާތު ވިދުވަރެކެވެ. ކުރިއަށް ވުރެ މާ ހިތްގައިމު ގޮތެއް ހުރެއެވެ. ކޮންމެވެސް ކަހަލަ ތަފާތު އުޖާލާ ކަމެއް އެމޫނުގައި ފެތުރިފައި ހުރެއެވެ. ލޯބީގެ އޮއެވަރު ތެރެއަށް ގެބެމުން ދިޔަ ދެމީހުންނަށްވެސް ހޭވެރިކަންވީ ދަރިފުޅު ފަލަކް ރޮއެގަތް އަޑާއެކުއެވެ. އަހަރެން އެ އަތުތެރެއިން ނުކުތުމަށް ފަހު ލޯބިލޯބި ދަރިފުޅު ނަގާ ކުޑަކޮށް ތަޅުވާލީމެވެ.
"އާލް އަދިވެސް އަހަންނަށް އިތުބާރެއް ނުކުރަންތަ؟ މިހެން މިއެހީ އަހަންނަށް އެހެން ހީވާތީ!" އެނދުގެ އެއްކަނެއްގައި އިށީންނަމުން ކުރެހިފައިވާ އަޑަކުން އަމަރް ވާހަކަދެއްކިއެވެ.
"އަމަރް؟ އަހަރެން ދުވަހަކުވެސް ރަށުމީހުން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނަން. ދުވަހަކުވެސް އަމަރް އެކަހަލަ އެއްޗެއް ބޭނުން ނުކުރާނެކަން އަހަންނަށް އެނގޭ! އަހަރެން މިހާރު މިރަށުގަ ކިތަންމެ އެކަނިވެރިކޮށް އުޅުނަސް އަދި މިރަށު މީހުން އަހަރެން ބަލާގަންނާނެ ދުވަހެއް އަންނާނެ. އަހަރެން މަންމަމެން އަހަންނާ ކިތައްމެ ދުރަށް ދާން މަސައްކަތް ކުރިޔަސް، އެމީހުންނަކަށް އަހަންނާ ވަތްކެއް ނުވެވޭނެ! އަހަރެންމީ އެމީހުންގެ ދަރިޔެކޭ. އަމަރް ފަގީރުވުން އެއީ އަމަރްގެ މައްސަލްއެއް ނޫން! އަމަރް އަހަންނާ އެއްކޮށް ހުންނަހާ ހިނދަކު އަހަރެން އަމަރްއަކާ ވަތްކެއް ނުވާނަން.. ދުވަހަކުވެސް..." އަހަންނަށް ރޮވޭ ގޮތް ވުމުން އޭނާ އަހަރެންގެ ނިތްކުރިއަށް ބޮސްދިނުމަށް ފަހު ގަޔާލާ ބޮނޑިކޮށްލިއެވެ.
"އަހަރެންގެ އެއްވެސް ކުށެއް ނެތްކަން ޝަރީއަތުން ސާފުވި ހިސާބުން އަހަރެން މިކޮޅަށްވެސް ނައިސް ރިސޯޓަށް ދިޔައީ ހަމަ ތި ދެމައިންގެ ހައްގުގައި. އާލް އަށް ދެރަގޮތެއް ވާކަށް އަހަރެން ދުވަހަކުވެސް ނޭދޭނަން. އަހަރެން އަބަދުވެސް އެދެނީ އާލްއަށް އުފާވެރިކަން ލިބުން. އާލްގެ އުފާވެރިކަމަށް ހުރަސްއަޅާ ކޮންމެ މީހެއްގެ ދުވަސް އަހަރެން ދުއްވާލާނަން! " އެ އަޑުގައި އެކުލެވިގެން ވަނީ ރުޅިވެރިކަމާއި ހިތްދަތި ކަމެވެ.
މީގެ ދެހަފްތާއެއް ކުރިން، މަސްތުވާތަކެތީގެ މައްސަލައެއްގައި އަމަރް ހައްޔަރުކޮށް މާލެ ގެނެގޮސްފައި ވަނީ އޭނާގެ ރައްޓެހި ދެކުއްޖަކާވެސް އެއްކޮށެވެ. އެހިސާބުން އަމަރްއާއި އަހަންނާ ވަކިވިއެވެ. އޭނާގެ ނަމްބަރަކަށް ނުގުޅެއެވެ. މަންމަމެންނަށްވެސް އަހަރެން ގުޅޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ކާމިޔާބު ވާގޮތެއް ނުވިއެވެ. ނަމަވެސް އެ ތުހުމަތަކީ ދޮގެއްކަން އަހަރެންގެ މުޅި ނަފްސު ބުނަމުން ދިޔައެވެ. އަހަރެންގެ އަމަރް އެކަހަލަ ކަމެއް ނުކުރާނެކަން އަހަރެން ހިތާއި ސިކުނޑިން ޤަބޫލުކުރަމެވެ. ކަންވީވެސް އެހެންނެވެ! އޭގެ 5 ވަރަކަށް ދުވަސްފަހުން އަމަރް އަނބުރި އަހަރެން ކައިރިއަށް އައެވެ. މިހާރު އަހަރެންގެ އުނގުގައި ބޯ އަޅައިގެން ނިދިފައި އޮތް އަމަރް އެއީ އަހަރެންގެ ދިރިއުޅުމުގެ އުއްމީދެވެ. އަހަރެންގެ ލޯ މެރިގެން ދިޔައީވެސް ލޯބިވާ ފިރިމީހާ އާއި ދިމާލަށް ނަޒަރު ހުއްޓާލައިން އޮއްވައެވެ.
ފަތިސް ނަމާދަށް ބަންގި ގޮވުމުން އަހަރެން ތެދުވެ ނަމާދަށް އެރީމެވެ. އާދައިގެ މަތިން އަމަރެއް މިއަދަކުވެސް ނެތެވެ. ހޭލައިގެން ރިސޯޓަށް ދިޔައީއެވެ. ހެނދުނުގެ ނާސްތާ ހަދާ ނިންމާލުމަށް ފަހު އަހަރެން ފަލަކް އަށް ކާންދޭން އިށީނީ ބޭރު އުނދޯލީގައެވެ. ފަލަކްގެ އަނގައަށް ލަވަން ނެގި ބަކުން ސަމްސަލަށް ހުއްޓުމެއް އައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒަހާ ގެ އަޑު ޖެހުމާ އެކުއެވެ.
"އާލް! އަމަރް 5 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި. ކިހިނެތް މިވީ؟ ....... ދެންމެ ޚަބަރުން ކީ! މިރަށު ވަލުތެރެއިން ބައިވަރު މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ވެސް ފެނުނީޔޯ.. ކޯއްޓޭ ސަރަހައްދުން.." ހާސްވެ ކަންބޮޑުވެފައިވާ އަޑަކުން ޒަހާ ކިޔައިދޭންފެށިއެވެ.
"ކީކޭ؟ އެކަމު..... އެކަމު ރޭގަ .. " އަހަރެންގެ އަޑު ކުރެހިގެން ދިޔައެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ޒަހާއަކީ ރަށުގައި މިހާރު އަހަރެންގެ ހާލުބަލާ އުޅޭ ހަމައެކަނި މީހާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަޑުމަޑުން ހަމަޔަކަށް އެޅޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަދި އޭނާގެ އެއްވެސް ކުށެއް ނެތުމުން ދޫކޮށްލި ކަމަށް ބުނިކަމާއި، ފާއިތުވި ކޮންމެ ރެއެއްގައި އަމަރް އަހަންނާ އެއްކޮށް ނިދާ، ދަރިފުޅާ ސަކަރާތް ޖަހާ، އަދި ކޮންމެ ދުވަހެއްގެވެސް އިރުއެރުމާއެކު ރިސޯޓަށް ދާ ވާހަކަ ތަފްޞީލްކޮށް ކިޔައިދިނީމެވެ. އެހެންކަމުން، ޒަހާ ނިންމީ ރިސޯޓު އެޑްމިންއަށް ގުޅާ މިކަން އޮޅުން ފިލުވާށެވެ. އެއީ އަމަރްގެ ފޯނު ނިއްވާލާފައިވެސް އޮތުމާ އެއްކޮށެވެ.
"މީގެ މަހެއް ވަރު ކުރިން މިކޮޅުން އަމަރް މުހައްމަދު ވަނީ ވަޒީފާއިން ވަކިކުރެވިފަ! ފާއިތުވި އެއްމަސް ދުވަސް ތެރޭ އެ ނަންކިޔާ އިތުރު މީހަކު މިތާކު ދެން މަސައްކަތެއް ނުކުރޭ!" އެކޮޅުން ފޯނުނެގީ ދެބައި އުމުރުގެ ފިރިހެނެކެވެ. އަހަރެން އަތްފައި ތުރުތުރު އަޅަން ފެށިއެވެ. ލައިގަންނަން މިއުޅެނީ ކޮންފަދަ ބޮޑު ކަންތައްގަނޑެއް ބާވައޭ ހިތަށް އެރިއެވެ. ކައިރީގައި އިން ޒަހާ މަޑުމަޑުން އަހަރެން ގަޔާލާ ކައިރި ކޮށްލިއެވެ. އަދި ކޮންމެ ރެއަކު އެއްގަޑިއެއްގައި އެގޮތަށް އަމަރް އައިސް ފަތިސް ވާން ވާއިރަށް ލޯމަތިން ގެއްލުން އެއީ އާދައިގެ ކަމެއް ނޫން ކަމަށް ބުނެ އޭނާގެ ކާފަކައިރިން އިތުރު ލަފާ ހޯދުމަށް ނިންމިއެވެ.
އިރުއޮއްސުމުގެ ކުރިން އަހަރެން ބެލީ ޒަހާ ކާފަ ކައިރިއަށް ދިޔުމަށެވެ. ހަމަ އެގެއަށް ވަނުމާއެކު، އިނގިލީގެ އިޝާރާތުން ކަމެއް ގޯސްކަމަށް އަހަންނަށް އެންގިއެވެ.
"އޭނާ އަންގަނީ، މާކުރިންވެސް އޭނާ ހިތާވާ ކަމަށް. ކުރީގަ ރޭގަނޑު ގަޑީ ކޯއްޓޭ ސަރަހައްދަށް ގޮސް އުޅެންތަ؟" އެކިއެކި ކިޔެވެލިތައް ކިޔެވުމަށް ފަހު ޒަހާގެ ކާފަ އަހަންނާ ސުވާލުކުރިއެވެ. ހަމަ އެއާއެކު ހަނދާނަށް އައީ އަމަރާއި ރައްޓެހިވެގެން އުޅުނުއިރު އޭނާއާ ބައްދަލުކުރަން އެސަރަހައްދަށް ގޮސް އުޅުނު ހަނދާނެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް ހިތަށް ވެރިވަމުން ދިޔައެވެ.
އަހަރެންގެ ކުށެއްނެތް ތުއްތު ތުއްތު ފުރާނަ ކިތަންމެ ރެއަކު އެ ޖިންނިއާއި ހަވާލު ކުރުމަށް ފަހު އަހަންނަށް ނިދެއެވެ. އަންބެއްގެ ފަރާތުން ލިބޭނެ ހުރިހާ ލޯތްބަކާ އަރާމެއް ނޭނގުމެއްގެ ތެރެއިން ހިއްސާ މިކުރެވުނީ ރޫޙާނީ މަޚުލޫޤަކާއެވެ. އަހަންނަށް ބާރުބާރަށް ރޮއެގަނެވުނީ ބޭއިޚްތިޔާރުގައެވެ.
ބަރާބަރު 2 މަސްދުވަހު އަހަރެން އެކި ގޮތްގޮތަށް އޭތީގެ އުދަނގުލުން ސަލާމަތް ވެވޭތޯ މަސައްކަތް ކުރީމެވެ. ދޮރުގައި ޓަކި ޖަހާ އަޑާއި، ރޭގަނޑު އަހަންނަށް ގޮވާއަޑު މަޑުމަޑުން މަދުވަމުން ދިޔައެވެ. ކާމިޔާބީގެ ކޮޅުމައްޗަކާއި ހަމައަށް އާދެވުނީ 2 މަސް ދުވަހު ރުޤްޔާ ކުރުމަށް ފަހު އޭތި މުސްލިމް ވުމުންނެވެ. އެހިސާބުން ކޮންމެވެސް ވަރަކަށް އަހަރެންގެ ދިރިއުޅުމަށް ލުއިފަސޭހަ ތަކެއް ވަމުން ދިޔައެވެ. ނަމަވެސް އެ ބިރުވެރި ހަނދާން ތަކަށް ލުޔެއް ނުލިބުނެވެ. ދަރިފުޅަށްޓަކާ އަހަރެން އެ ކުޑަކުޑަ ގޭގައި ދިރިއުޅެވޭތޯ މަސައްކަތް ކުރީމެވެ. އަދި ވަޒީފާއަކަށް ވަދެ އަމިއްލަ ފައިމައްޗަށް ތެދުވެ ޙަޔާތުގައި ކުލަ ޖެއްސޭތޯ މަސައްކަތް ކުރަން ފެށީމެވެ. އެނބުރި އަމަރް އައުމުން އޭނާގެ ގެ ހަވާލުކުރުމަށް ފަހު، ރީތިގޮތުގައި ވަކިވުމަށް ހިތުނިޔަތް ގަނެގެންނެވެ. އޭނާ އަހަރެން ދެކެ ކިތަންމެ ލޯބިވި ނަމަވެސް، ދެން އަހަންނަކަށް އޭނާއަށް އިތުބާރެއް ނުކުރެވޭނެއެވެ. ޢަމަލު ތަކަށް އެކަންޏެއް ނޫނެވެ. އެ ސޫރަވެސް ވަނީ އަހަންނަށް މިއަދު އޮޅުވާލާފައެވެ. ކިތަންމެ ލޯބިވިނަމަވެސް، ތަޤުދީރުގައި އޭނާ އަހަރެން އެދޭފަދަ ބައިވެރިޔަކަށް ނުވިއެވެ.
ދުނިޔޭގެ ހޭވެރިކަމަށް އަހަންނަށް އާދެވުނީ، ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ދޮރުހުޅުވާލި އިރު، ކުރިމަތީ ހުރީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިން ނުދާނޭ ސޫރައެކެވެ. "އާލް؟" 5 އަހަރު ފަހުން ފެނުނުއިރުވެސް އެ ސޫރައަކަށް ބަދަލެއް ނާދެއެވެ. އެއަޑަކަށް ބަދަލެއް ނާދެއެވެ. ހަމަ އެއާއެކު އަހަރެންގެ ހަނދާނަށް އައީ މީގެ 5 އަހަރު ކުރީގެ ހަނދާން ތަކަށެވެ. އެ ބިރުވެރިކަމުން ފުރިގެންވި ރޭތަކަށެވެ.