މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރައިގެން ށ. އަތޮޅުގެ ފަސް ރަށަކަށް ދަތުރު ކޮށްފައި ވާ "އަމާޒު" ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވި ހަބަރަކީ މުޅި ރާއްޖެއަށްވެސް ލިބުނު ކުއްލި ސިހުމެކެވެ. އެ ބޯޓުގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އެކަމުގެ ބިރުވެރިކަން އެތައް ރަށަކަށް ވެރިވެގެން ދިޔައެވެ. ސަބަބަކަށް ވީ އެ ބޯޓުން ދަތުރު ކުރި މީހުން ނ އާއި ށ ގެ އިތުރުން ހއ ބައެއް ރަށްރަށަށް ވެސް ދަތުރުކޮށްފައި ވާތީއެވެ.
އެގޮތުން، ނ އަތޮޅުން މާފަރާއި ހެނބަދޫ އާއި ކެނދިކުޅުދޫ އާއި ހޮޅުދޫ އަށް އެ ބޯޓުން ދަތުރުކުރި މީހުން ގޮސްފައި ވާއިރު ށ އަތޮޅުން އެ ބޯޓު ޖައްސާފައި ވަނީ ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އަދި ފީވަކަށެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން ވަނީ އެ އަތޮޅު މާއުނގޫދޫ އަށްވެސް ދަތުރުކޮށްފައެވެ. މީގެ އިތުރުން ހއ. އުތީމާއި އެ އަތޮޅު ދިއްދު އަށް ވެސް އެ ބޯޓުން ދަތުރު ކުރި މީހުން ވަނީ ގޮސްފައެވެ.
މިހާ ގިނަ އަތޮޅުތަކެއްގެ ގިނަ ރަށްރަށަށް މީހުން ދަތުރުކޮށްފައި ވުމުން އެއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އޭރު ވަނީ ބުނެފައެވެ. އެ ކްލަސްޓާއިން މިހާތަނަށް ޕޮޒިޓިވް ވެފައިވާ 12 މީހަކު ހިމެނޭ އިރު އޭގެތެރޭގައި ހިމެނެނީ، ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވި އަމާޒު ބޯޓުގެ ކައްޕިގެ އިތުރުން ކައްޕީގެ ދަރިންނާއި އަންހެނުންނެވެ. އެއަށް ފަހު އަމާޒު ބޯޓުން ދަތުރު ކުރި ދެ ކްރޫއިންނާއި އެ މީހުންގެ އާއިލާ އައި އަނބި ދަރިންނެވެ. އަދި އެ އަތޮޅު މިލަންދޫން ޕޮޒިޓިވް ވި އެކަކެވެ.
"އަމާޒު" ބޯޓުން ދަތުރުކުރި، މިލަންދޫ / އަލްފާގެ އަހްމަދު ރަޝީދު (މީހާގެ ވަނަވަރު އާއްމުކޮށްފައި ވަނީ އެމީހާގެ އިޒުނައާ އެކު) ވަނީ އޭނާގެ ތަޖުރިބާ "ދަ ޕްރެސް" އާ ހިއްސާ ކޮށްފައެވެ. އޭނާ ކިޔައިދިން ގޮތުގައި އަމާޒު ބޯޓުން ރަަށަން ގޮސް 3 ދުވަސް ވީ ތަނުން ހަށިގަނޑު ތެރޭގައި ހޫނެއް އުފެދެން ފެށިއެވެ. އެއާއެކު ހިތް ބިރުގަތް ކަމަށާއި އެހެން ކަމުން އެހެން މީހުންނާ ވަކިން ގޭގައި އެކަހެރިވެ، ވަކިން އުޅެން ފެށި ކަމަށް އޭނާ ކިޔައިދިނެވެ.
މިހާރު ދޮނަކުޅި އައިސޮލޭޝަން ފެސިލިޓީގައި ހުރި އަހްމަދު ރަޝީދު ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވް ނަމަވެސް އެހާ ބަލި ނޫން ކަމަށެވެ. ނަމަވެސް އާއިިލާއާ ވަކިން ދުރުގައި ހުންނަން ޖެހުމުން ހިތްދަތިކަން އޮތް ކަމަށް އޭނާ ބުންޏެވެ.
ރަޝީދުގެ 3 ކުދިންނާއި އަނބި މީހާއާ ދުރުގައި ހުއްޓެއް ކަމަކު އޭނާ އެ ކުދިންނާ ގުޅާ ވާހަކަ ދައްކާ ހަދައެވެ. ކޮވިޑަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ކަމަށް ނުވާއިރު، ވާގި އެދެނީ ﷲ ގެ ހަޒުރަތުން ކަމަށާއި، ބައްޕަ (ރަޝީދު) ރަނގަޅުވެގެން ދާނެ ކަމަށް ބުނެ ދަރިންނަށް ހިތްވަރު ދީ ހަދައެވެ.
ރަޝީދު އިތުރަށް ބުނީ ކޮވިޑް ޖެހޭ މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި، ކޮންމެ މީހަކީވެސް ބަލިވެދާނެ މީހެއް ކަމަށް ބަލައި ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދު ތަކަށް ބޯލަނބައި، އެންމެންގެ އަމަލުތައް އެގޮތަށް ބެހެއްޓުމަށް އެދޭ ކަމަށެވެ.
ހައިޑް އަވޭ އައިސޮލޭޝަން ފެސިލިޓީގެ ހާލަތާއި އެތަނުގެ ކަންތަށްތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން، އަހުމަދު ރަޝީދު ބުނީ، ރާއްޖޭގެ ޑޮކްޓަރުންނާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިން ކުރަމުން ދާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
އޭނާ އެ ހުރި އައިސޮލޭޝަން ފެސިލިޓީގައި ސިއްހީ އެހީތެރިން ކުރަމުންދާ މަސައްކަތް އޭނާއަށް ފެންނަ އިރު، އެ ހިދުމަތަށް ޝުކުރު އަދާކުރާނޭ ގޮތެއްވެސް ނޭނގޭ ކަމަށް އޭނާ ކިޔައިދިނެވެ.
އަހުމަދު ރަޝީދު ޕޮޒިޓިވް ވެފައި ވާކަން އެނގިފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ. މިއަދަށް 9 ދުވަސް ވެފައި ވާއިރު އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އޭނާ ބުނެއެވެ.
"ދަ ޕްރެސް" ގެ ފަރާތުން އެދެނީ، މާތްﷲ އަހުމަދު ރަޝީދަށާއި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމެވެ.
އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވައި، މި ބަލިމަޑުކަމުން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވާށިއެވެ. އާމީން.
މުރޭ ދުނިޔެމިކަމާހެދި ހަލާކުވަނީ އަދިވެސް ކަލޭހަމަ ޖެހިލާފަ ގަމާޜު
އަހަރެންގެ ވެސް ވަޒީފާ ގެއްލިއްޖެ... މާލޭގައި ތާށިވެފައި މިހުންނަނީ، ބޭނުންވަނީ ފިރިމީހާ ކައިރިއަށް ރަށަށްދާން... ގޭގައި ހުންނަތާ 14 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެ.. އަދިވެސް ސަރުކާރުގެ ފަރާތުން އެއްވެސް ހަބަރެއްނުވެ... ރައްޔިތުން ހޯދަން އަންނަންޖެހެނީ ހަމަ އެކަނި ވޯޓްލާންވީމަތަ؟ ރައްޔިތުންނާއި ދޭތެރޭގައި ވިސްނައިލައިގެން ފަސޭހަވާނެ ގޮތަކަށް ކަންތައް ރާވައިގެން ހިންގާނަމަ ރައްޔިތުން ގަނަތެޅޭކަށް ނުޖެހޭނެ.. ނޫސްވެރިން އަޅެ ހަބަރު ލިޔަނީ ރައްޔިތުންނަށްތަ؟
ތީއެއްގޮތަކަށްވެސް ބިރުގަނެ ކަންބޮޑުވާވަރުގެ ބަައްޔެއްނޫ ބަޔަކު މާބޮޑު ކަމަކަށް ހަދައިގެން މީހުންނަށް ބިރުދައްކަައިގެން ގައޮމު ހަލާކުކުރަނީ
ކަލެއާއި ޖެހުނީމަ އެނގޭނީ..