މާލެއަށް ކޮރޯނާ ވައިރަސް ފެތުރެން ފެށިކަން އިއުލާނު ކުރިތާ 3 ވަނަ ދުވަހު، އުފަންވެގެން އައި ކްލަސްޓާއަކީ ލިލީސްޓޯރު ކްލަސްޓާއެވެ. އެކި ދިމަދިމާއަށް މޫލައިފައި އޮތް މި ބޮޑު ކްލަސްޓާގައި ހާއްސަ އެތައް ކަމެއް ހިނގާފައިވެއެވެ. އެއް ކަމަކީ އެ ކްލަސްޓާގައި ހިމެނޭ ފުރަތަމަ ކޭސް ކަމަށް އިއުލާނު ކުރި، ކޭސް 27 އާ ގުޅުގައިވެސް ދައްކަމުން ދިޔަ ހަގީގަތެއް ނެތް ވާހަކަ ތަކެވެ. އެ ކޭސްއަކީ އެތައް ބަޔަކާއެކު ޕާޓީ ކުރި ކޭސްއެއް ކަމާއި، އެއާޕޯޓުން ޕޮޒިޓިވް ވި ކޭސްއަކާ ގުޅޭ ކަމާއި، އެ ކްލަސްޓާގައި ހިމެނޭ ބަންގްލަދޭޝް މީހުންނާއެކު އުޅުނު ކަމަށާއި، އަދި ޖަރީމާގެ ކްލަސްޓާއާ ގުޅޭ ވާހަކަވެސް ދެއްކިއެވެ.

ކޭސް 21 ގެ ކްލަސްޓާގެ ކޭސް އެއް، އެޗްޕީއޭއަށް ބޭނުންވާ މައުލާތު ދިނުމަށް އެއްބާރުލުން ނުދިން ވާހަކަ އެޗްޕީއޭއިން ބުނުމުންވެސް ބައެއް މީޑިއާތަކުން އެއީ ކޭސް 27 ކަމަށް ބުނެ ހަބަރު ފެތުރުމުން އޮޅުން ބޮޅުންވެގެން ދިޔަ މައްސަލަވެސް ފާހަގަ ކުރެވެއެވެ.

ކޭސް 27 އާ ގުޅުވާ ދެއްކި ހުރިހާ ވާހަކަ ތަކެއްގެ ހަގީގަތަކީ މިއޮތީއެވެ.

ކޭސް 27 ގެ ފެށުން

ކޭސް 27 މަސައްކަތް ކުރާ އޮފީހުގެ ދެ ފްލޯއެއްގައި 23 މުވައްޒަފުން އުޅެއެވެ. އޭގެ ތެރޭގައި ދިވެހި މެނޭޖަރަކާއި ސްޓޮކް މެނޭޖަރެއްގެ ގޮތުގައި ހުންނަ އިންޑިއާ މީހަކުވެސް ހިމެނެއެވެ. އެ ދެމީހުންނަކީވެސް މި ކްލަސްޓާގައި އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހުންނެވެ.

މެނޭޖަރާއި ސްޓޮކް މެނޭޖަރަކީ މަސައްކަތުގެ ގޮތުން އަބަދާ އަބަދު ކަހަލަ ގޮތަކަށް ބޭރަށް ގޮސް ހަދާ ބައެއް ކަމަށް ކޭސް 27 ބުންޏެވެ. ކޭސް 27 މަސައްކަތް ކުރާ އޮފީހަކީ މަސައްކަތުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވަދެ ނުކުމެވާ އޮފީހެއް ކަމަށާއި، އޭގެ ތެރޭގައި ދިވެހިންގެ އިތުރުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ނޭޕާލު މީހުންވެސް ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.

"މެނޭޖަރު އަބަދު ތިރިއަށް ފައިބެ، މައްޗައް އަރާ އެހެން އުޅޭނެ، ސްޓޮކް މެނޭޖަރު ދާނެ މިތާ ގޯޑައުންތަކާއި ބިދޭސީން ތިބޭ ތަންތަނަށްވެސް، ދެން މި އޮފީހަށް އެހެން ވަދެ އުޅޭ މީހުންވެސް ކެއްސާ ހަދާ"
ކޭސް 27

އޭނާ ބުނީ، ރާއްޖެ ލޮކްޑައުންވުމުގެ މާކުރިން ދުބާއީގައި އޮތް ފެއާއަށް ދިޔަ މީހުންގެ ތެރޭގައި ސްޓޮކް މެނޭޖަރު (އިންޑިއާ) އާއި، އެތާނގެ އެމްޑީ ހިމެނޭ ކަމަށެވެ. އަދި މާޗު މަހުގެ ތެރޭގައި އެމްޑީ ތައިލެންޑަށްވެސް ވަޑައިގެންނެވި ކަމަށާ އެނބުރި ވަޑައިގެން އޮފީހަށް ނުކުންނެވި ކަމަށެވެ. އަދި އޭރުވެސް އިންޑިއާ މެނޭޖަރު އުޅެނީ ބަލިކޮށް ކަމަށްވެސް ބުންޏެވެ.

"އޭރުވެސް ސްޓޮކް މެނޭޖަރު ހުންނަނީ ބަލިކޮށް، ދެން ދޭތެރެ ދޭތެރެއިން ހޫނުފެން ބޮއެ ހަދާނެ، ދެން އޮފީހަށް އައިސް ބަރާބަރަށް އުޅޭ"
ކޭސް 27

އޭނާ އިތުރަށް ބުނީ އެދޭތެރެއިން ލަންކާ ލޮކްޑައުން ވާން އުޅެނިކޮށް، އެތާނގައި މަސައްކަތް ކުރާ ލަންކާގެ 2 ސްޓާފަކުވެސް މާލެ އައި ކަމަށެވެ. އެމީހުން އޮފީހަށް ނުކުތީ 14 ދުވަސް ކޮށްފައި ނޫންކަމަށާ، އެމީހުންވެސް ތިބީ ބަލިކޮށް ކަމަށެވެ. އަދި އެތަނުން އެކަކު ނިދާ ހަދަނީ ޕޮސިޓިވް ވި އިންޑިއާ މެނޭޖަރާ އެއް ގެއެއްގައި ކަމަށްވެސް ބުންޏެވެ. ނަމަވެސް އެމީހާ އަދިވެސް ޓެސްޓް ނުކުރާ ކަމަށްވެސް ބައެއް މަސްދަރުތަކުން ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން އެމްޑީއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ދުބާއީ ފެއާއަށްވެސް ވަޑައިގެންނެވި ކަމަށާއި، ނަމަވެސް ވަޑައިގަތީ އިންޑިއާ ސްޓާފާއި އޭނާއާ ދެމީހުން ވަކިން ކަމަަށެވެ. އަދި އޭރު ދުބާއީ ހިސާބަށް އެ ރޯގާގެ އަސަރު ނާންނަ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އެތަނަށް ޗައިނާ މީހަކު ނުވެސް އާދޭ، އޭރު އެތާ ނޫޅެ އެކަހަލަ ކަމެއް ވެސް، ދެން ރާއްޖޭންވެސް ވަރަށް ގިނަ މީހުން ދިޔަ ކަމަށް ވޭ އެފެއާއަށް، މިތާ އިންޑިއާ ސްޓާފުވެސް ދިޔަ، އޭނާ ދިޔައީ 18 ގައި، އަޅުގަނޑު ދިޔައީ 20 ގައި، ދެން އެ އިންޑިއާ މީހާ ބަލިކޮށް އުޅުނޭ ސްޓާފުން ކިޔާ، ދެން އޭނައަކީ މައިބަދައިގެން މައްސަލައެއް ހުންނަމީހެއް، އެކަމަކު ހާޒިރީއަށް ބަރާބަރު، އޮފީހަށް ނުކުމޭ"
އެމްޑީ

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް މެދުއިރުމައްޗަށް މިސްރާބު ޖަހާ އެންމެ ފުރަތަމަ ރިޕޯޓު ކުރި ގައުމަކީ ޔޫއޭއީއެވެ. އެގައުމުން ކޮރޯނާވައިރަސް ފެނުނުކަން އިއުލާން ކުރީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ކޭސް 27 ކިޔައިދިން ގޮތުން އޭނާ ޕޮޒިޓިވް ވުމުގެ ކުރިން، އެ އޮފީހަށް ވަދެ ނުކުމެ ހަދާ އެތާނގެ އެެހެން ބައެއް މުވައްޒަފުންނާއި އެ އޮފީހުގެ އޮފީސް ބޯއީވެސް އުޅުނީ ބަލިކޮށެވެ. އޮފީސް ބޯއީ އަކީ އެތާނގެ ދަށުގައި ހުންނަ ހުރިހާ ތަނަކަށާއި، ބޭންކަށާއި އެތަން މިތަނަށް ފައިސާ ނަގަން (ޕޭމަންޓް ކަލެކްޓް ކުރަން) ދާ މީހާއެވެ. ކޮވިޑް ޖެހެމުންދާ ކްލަސްޓާތައް ނިއުޅެމުން ދިޔަ އިރު ބީއޯސީ ކްލަސްޓާގެ ޑައިރެކްޓް ކޮންޓެކްޓަކީވެސް އޮފީސްބޯއީކަން ވަނީ އެނގިފައެވެ.

ބާޒާރު ލިލީ ސްޓޯރު ހުންނަ އިމާރާތް

ކޭސް 27 މަސައްކަތް ކުރާ އޮފީހުގެ ގިނަ އަދަދެއްގެ މުވައްޒަފުން ޕޮޒިޓިވް ވެ މަސައްކަތަށް ބުރޫއެރުމުގެ ޒިންމާ މެނޭޖުމަންޓުން އޭނާގެ ބޮލަށް ކަނޑާލި ނަމަވެސް އެ ކްލަސްޓާގެ ފުރަތަމަ ކޭސް އަކީ އޭނާކަމަށް ކޭސް 27 ގަބޫލެއް ނުކުރެއެވެ. އޭނާ ބުނީ އެ ކްލަސްޓާއިން ފުރަތަމަ ޓެސްޓް ކުރަން ދިޔައީ އޭނާ ކަމަށް ވުމަކީ އެ އޮފީހުގެ އެންމެން ބަލިވުމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވަން ޖެހޭ ސަބަބެއް ނޫން ކަަމަށެވެ.

"އެތާ ބަލިވެ އުޅުނު އެހެން މީހުން ޓެސްޓް ހަދަން ނުގޮސް ތިބީ، އަހަރެން ދިޔައީ، އޭރު ކޮލީގުންވެސް އުޅެނީ ހުން އައިސްގެން، ދެން އެމްޑީ ވިދާޅުވި، ކަލޭމެނަށް ތިވީ ގޮތަށް ވުރެ މާ ދެރަ ގޮތެކޭ އަހަރެމެންގެ ވިޔަފާރިއަށް ލިބުނު ގެއްލުމަކީ، އަދި މީހަކު މަރެއް ނުވޭ ނޫންހޭ"
ކޭސް 27

މިކަމާ ގުޅިގެން އެމްޑީ ވިދާޅުވީ، އެ ވާހަކައަކީ، އެގޮތަށް ވިދާޅުވި ވާހަކައެއް ނޫން ކަމަށާއި، އެ ބައްޔަކީ މަރުވާ ބައްޔެއް ނޫންކަމާއި، ރާއްޖޭގައި އެތައް ބަޔަކު ޕޮޒިޓިވް ވި އިރުވެސް މީހަކު މަރު ނުވާކަން ބުނެދޭންވެގެން ވިދާޅުވި އެއްޗެއް ކަމަށެވެ. އަދި އެއީ ސަމާސާއަށް ވިދާޅުވި އެއްޗެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ބައްޔަކީ ކޮންކަހަލަ ބައްޔެއްކަން އޭރު ރަނގަޅަށް އެނގިވަޑައިވެސް ނުގަންނަވާ ކަމަށާ، އެކަން އެނިވަޑައިގެންނެވި ނަމަ އެންމެ ފުރަތަމަވެސް ފިޔަވަޅުތައް އަޅުއްވާނީ މެނޭޖުމަންޓުން ކަމަށެވެ.

ކޭސް 27، އޭނާގެ ވާހަކަ ކިޔައިދެމުން ބުނީ، ކޮވިޑާ ގުޅިގެން ރިސޯޓުތަކާ ތަންތަން ހުއްޓުމަކަށް އައި އިރު އޭނާ ކުރަން ޖެހޭ މަސައްކަތުގެ ގޮތުން، ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވިދާނެ ތީ އާއި، އެ އޮފީސްތެރޭގައި މީހުން ބަލިކޮށް އުޅޭތީ ގޭގައި ހުރެގެން މަސައްކަތް ކުރުމަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެކަން މެނޭޖުމަންޓުން ހަމަޖައްސައި ނުދިން ކަމަށް އޭނާ ބުންޏެވެ. އޭނާ އެގޮތަށް އެދުމުގެ އަނެއް ބޭނުމަކަށް ވީ، އޭނާއަކީ އޮފީހުން ގެއަށް، ގެއިން އޮފީހަށް ދާ މީހަކަށް ވެފައި، އާއިލާގެ އެންމެންވެސް އޭރު ތިބީ ގޭގައިކަމުން، އޭނާވެސް ގޭގައި ހުރެގެން މަސައްކަތް ކުރުން ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން ކުންފުނީގެ އެމްޑީ ވިދާޅުވީ، އެ އޮފީސް ހާ ރީތި އޮފީހެއް ނުހުންނާނެ ކަމަށާއި މިކަންތައް (ކޮވިޑް-19) އައުމުގެ މާ ކުރިން ޑިސްއިންފެކްޓްވެސް ކޮށްފައި ވާނެ ކަމަށެވެ. އެއީ ފެބްރުއަރީ ނިމެނިކޮށް ކަމަށާ އެކަން ސްޓާފުންނަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެން ބަލި ޖެހިފައި ތިއްބާ ނުކެރޭނެ ތާ މަސައްކަތަށް ނެރޭކަށް، އެހެނެއްނުން ތިބޭނެ މަކަރު ހަދާކުދިން، ބަނޑުގައި ރިއްސާ، ބޮލުގައި ރިއްސާ، ނުލާހިކު މުހިންމު މަގާމުގައި ތިބޭ ކުދިން ފޯނުކޮށްލާފަ ބުނެފާނެ ނާދެވޭނޭ، އެކަމަކު އޭނާގެ ހާދަ މުހިންމު މަސައްކަތް އެބަހުއްޓޭ، ރޯދަ އަންނަނީ، އެހާ ކަންތައްގަނޑު ބޮޑުވެފައި އޮއްވާ ނާންނަންޏާ ވާނެ ގޮތަކީ ބައްޔޭ ބުންޏަސް ބުނެވޭނެ ޑޮކްޓަރު ސެޓްފިކެޓް ހިފައިގެން އަންނަން، ބުނީމަ ޑޮކްޓަރު ސެޓްފިކެޓްވެސް އައީ 5 ދުވަސް ކޮށްފައި ތި ފުރަތަމަ ކުއްޖާ"
އެމްޑީ

އޭނާ އިތުރަށް ވިދާޅުވީ، ކޭސް 27 ބަލިކޮށް އުޅޭތީ، އޭނާ ޑޮކްޓަރަށް ދައްކާ ޓެސްޓް ހަދާލަން އިރުޝާދު ދިނީވެސް މެނޭޖުމަންޓުގެ ފަރާތުންކަމަށް އަޑު އިވިވަޑައިގެންފައި ވާ ކަމަށެވެ.

މިވާހަކަ ކޭސް 27 ދޮގުކުރެއެވެ. އޭނާ ބުނީ، އެ ދުވަހާ ޖެހެންދެން އެމްސީއެއް ހުށަހަޅަންވެސް ނުޖެހޭ ކަމަށާއި އެއީ އެޗްއާރެއްވެސް އޮންނަ އޮފީހެއް ނޫން ކަމަށެވެ. އަދި އޭނާ ޑޮކްޓަރަށް ދިޔައީ މީހަކު ބުނެގެން ނޫން ކަމަށާއި، އަމިއްލައަށް ފެނިގެން ޓެސްޓްކޮށްލަން ބޭނުންވެގެން ކަމަށެވެ.

ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ

ކޭސް 27 ޕޮޒިޓިވްވުން

ކޮވިޑް ފެތުރެން ފެށިފަހުން ދެވަނައަށް ފާހަގަ ވި އެންމެ ބޮޑު ކްލަސްޓާގެ ފުރަތަމަ ޕޮޒިޓިވް ކޭސް އިއުލާން ކުރީ ހުސްވި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އެއާއެކު ޖެހިގެން އައި ދުވަހުވެސް އެ ކްލަސްޓާގެ 4 މީހަކު ޕޮޒިޓިވް ކަމަށް އިއުލާން ކުރިއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ކޭސް 27 ގެ ކޮލީގުންނެވެ.

ކޭސް 27 ޕޮޒިޓިވް ވި ކަން އިއުލާނު ކުރުމުގެ ކުރިން، އޭނާ ބަލިވެގެން އޭޑީކޭ އޮންލައިން ކްލިނިކަށް ދެއްކި ކަމަށާ އެއީ "ފުލް ލޮކްޑައުން" އިއުލާން ކުރުމުގެ 1 ދުވަސް ކުރި ކަމަށް ބުންޏެވެ. އަދި އެކަން ކުރީ މީހަކު ބުނެގެން ނޫން ކަމަށާ ފަރުދީ ޒިންމާ ނަގައިގެން ކަމަށްވެސް ވަނީ ބުނެފައެވެ.

އޭޑީކޭއަށް ދެއްކުމުން، އެތަނުގެ ޑޮކްޓަރުން އޭނާއަށް ލަފާދިނީ ސެނެހިޔާގައި ގާއިމު ކޮށްފައި ހުރި ކްލިނިކަށް ދައްކާށެވެ. އެގޮތުން އޭނާ ސެނެހިޔާއަށް ދެއްކުމުން، ކޮވިޑްގެ އަލާމާތެއް ނެތް ކަމަށާއި ދިނީ ޑެންގޫ ޓެސްޓެސް ހަދަން ކަމަށް ބުންޏެވެ.

އޭނާ އެދުވަހު ދެން އޮފީހަށް ނުގޮސް ސަލާމް ބުނެ ގޭގައި މަޑުކުރީއެވެ. ގޭގައި އޭނާ އިނީ ކޮޓަރީގައި ކަމަށާއި އެއީ ކޮވިޑަށް ޕޮޒިޓިވް ވެގެން ނޫން ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެ ގޭގައި އޭނާގެ މަންމައާއި ކުޑަކުއްޖަކާއި އިތުރު ދެމީހުން އުޅޭތީ އެމީހުންނާ ދޭތެރޭ ވިސްނާފައެވެ. ނަމަވެސް އޭނާގެ ފިރިމީހާ އުޅެނީ އޭނާއާ އެއްކޮޓަރިއެއްގައެވެ. އަދި ބޭނުން ކުރަނީވެސް އެއް ފާހާނާއެވެ.

"ﷲގެ އިރާދަފުޅުން ފިރިމީހާވެސް އަދި ގޭގެ މީހަކުވެސް ޕޮޒިޓިވް އެއް ނޫން، ނަމަވެސް އަހަރެންގެ އޮފީސް ބައެއް ކޮލީގުންނާއި އެމީހުސް މީހުންގެ އާއިލާގެ މީހުން ޕޮޒިޓިވްކަން އެނގިފައި ވޭ، އެއީ އަހަންނާ ގުޅުން ހުރި ކޭސް ތަކެއް ނޫން، އެކަން އިނގޭނެ ކްލަސްޓާގެ ކޭސްތައް ގުޅިފައި ހުރި ގޮތް ބެލީމައި"
ކޭސް 27

އޭނާ ބުނީ ސެނެހިޔާއިން އައިސް ގޭގައި އިން އިރުވެސް އިރުއިއުކޮޅާ ހުން ގަދަވާތީ އޭނާ ދިޔައީ 4 ގަޑިން 4 ގަޑިން ޕެރެސެޓްމޯލް ކަމުންނެވެ. އެގޮތަށް އެއްދުވަސް ވީ ފަހުން، ޓެސްޓުގެ ނަތީޖާ ލިބުމާއެކު ސެނެހިޔާގެ ޑޮކްޓަރަށް، އެ ވައިބާ ކުރި ކަމަށާ ނަމަވެސް ބޭސް ލިޔެދެވޭނީ ސެނެހިޔާއަށް ދިއުމުން ކަމަށް ބުނުމުން، އެގޮތް މިގޮތުން ހުއްދައެއް ހޯދައިގެން ދިޔަ ކަމަށް ބުންޏެވެ. އަދި އެ ދުވަހު ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށް ބުނެ އެންޓިބައޮޓިކެއް ދީފައި ކޮވިޑް ޓެސްޓެސްވެސް ހަދަން ދިންކަމަށް ބުންޏެވެ.

އެ ދިން ކޮވިޑް ޓެސްޓު ވީ، ކޭސް 27 ގެ މުޅި ހަޔާތަށް އައި ކަޅު ދުވަހަށެވެ. ދެކެން ބޭނުން ނުވިމަވެސް އެދުވަހު އޭނާއާ ބައްދަލު ކުރީ ކޮވިޑެވެ.

"އަނެއްދުވަހު ހެނދުނު 10 ޖަހާ ހާއިރު އެޗްޕީއޭއިން ގުޅާފަ ބުނި، ނަތީޖާ ޕޮޒިޓިވް އޭ، ރެޑީވެލާށޭ، އިރުކޮޅަކުން ބަލާ ދާނަމޭ"
ކޭސް 27

ކޮވިޑު ޓެސްޓުގެ ނަތީޖާ ލިބުނު ގޮތް ކިޔައިދެމުން ކޭސް 27 ބުނީ ނަތީޖާ އެނގުމުން ހުއްޓުން އެރި ކަމަށާއި އަދި ރޮވުނު ކަމަށެވެ. ހަމަ އެއާއެކު ފިރިމީހާއަށްވެސް ލިބުނު ޝޮކްގައި ހުރި ގޮތަށް ހުރި ތަނުގައި އިށީދެވުނީ ކަމަށެވެ. ކޮވިޑް ޓެސްޓުގެ ނަތީޖާ އާއެކު ކުރެވުނު އިހުސާސް "ދަ ޕްރެސް" އާ ހިއްސާ ކުރަމުން ބުންޏެވެ.

އޭނާ ބުނީ ރޮވުނީ ބަލިވެގެން ނޫން ކަމަށާއި ގޭގައި ތިބި އާއިލާގެ މީހުންނާ މެދު ވިސްނާލެވުމުން ކަމަށެވެ. ދެން ހިތްވަރު ކޮށްލާފައި 2 ހެދުމަކާއި ޓޮއިލެޓްރީްސްއާއި އެއްޗެހި ލައި ރެޑީވީ އައިސޮލޭޝަނަށް ދާން ކަމަށް އޭނާ ބުންޏެވެ.

ދިއުމުގެ ކުރިން އޭނާގެ އޮފީސް ކޮލީގަށް ގުޅިއެވެ. އެއީ އޭނާ ސެނެހިޔާއަށް ދިއުމުގެ ކުރިން، އޭނާގެ ކޮލީގު ބަލިވެގެން ސެނެހިޔާއަށް ގުޅި ވާހަކަ އޭނާ ގާތުގައި ބުނެފައި އޮތުމާއި، އެ އޮފީހުގެ ދިވެހި މެނޭޖަރުވެސް ޓެސްޓް ހަދަން ސެނެހިޔާއަށް ދިޔަކަން އެނގިފައި އޮތުމުން، އޭނާ ޕޮޒިޓިވް ވި ކަން އެމީހުން ގާތުގައި ބުނުމަށެވެ. އޭނާ ބުނީ އޭނާ އަށް ވުރެ 1 ދުވަސް ކުރިން އޭނާގެ ކޮލީގު (އޭނާއާ އެއް ފްލޯއެއްގައި އިންނަ އަންހެން) ސެނެހިޔާއަށް ގުޅި ކަމަށާއި، އަދި އޭނާއަށް ކާއެއްޗެހީގެ ރަހަ ނުލުމާއި ވަސް ނުދުވާ ވާހަކަ ބުނެފައި ވާ ކަމަށެވެ. އަދި ސެނެހިޔާއިން އެކަން އެޗްޕީއޭއަށް އެންގުމުން، އެޗްޕީއޭއިން ކޮލީގަށް ގުޅާ، ސާމްޕަލް ނަގަން ދާންދެން ގޭގައި އިނުމަށް ބުނެފައި އޮތް ކަމަށްވެސް ބުންޏެވެ. އަދި ދިވެހި މެނޭޖަރުވެސް ސެނެހިޔާއަށް ދިޔަ ކަމަށާ ނަމަވެސް އެތަނުން އޭނާގެ ކޮވިޑް ޓެސްޓް ނަހަދާ ހެދީ ބްލަޑް ޓެސްޓެއް ކަމަށް އެނގިފައި ވާ ކަމަށެވެ.

އެއީ (އެޕްރީލް 16، 2020) ވީ ހުކުރު ދުވަހުގެ ހެނދުނެވެ. އޭނާ އެކަން ކޮލީގަށް އެންގުމުން، ކޮލީގު ދިވެހި މެނޭޖަރަށް ގުޅި ކަމަށާ، އޭރު އޭނާ ހުރީ ރިޕޯޓު ނަގަން ސެނެހިޔާއަށް ގޮސްފައި ކަމަށް ކޭސް 27 ބުންޏެވެ. އެހެން އެކަން ވުމާއެކު ކޮލީގް ދެން ގުޅީ އެޗްޕީއޭއަށް ކަމަށާ، އެޗްޕީއޭއަށް ގުޅާ އޭނާގެ ކޮލީގް (ކޭސް 27) ޕޮޒިޓިވް ވެއްޖެ ކަމަށާއި، އަދިވެސް އޭނާ ގޭގައި އިންނަން ވީތޯއާއި މެނޭޖަރުވެސް ހުރީ ސެނެހިޔާގައި ކަމަށް ބުނި ކަމަށް އޭނާ ބުންޏެވެ. އަދި އެޗްޕީއޭއިން އޭނާއާއި މެނޭޖަރު އައިސޮލޭޝަނަށް ގެންދިޔައީ ދާދި އެކުއެކުގައި ކަމަށް އެނގިފައިވާ ކަމުގައިވެސް ކޭސް 27 ބުންނެވެ. އަދި އަނެއް ކޮލީގު ގެންދިޔައީ ޖެހިގެން އައި ދުވަހު ކަމަށްވެސް ބުންޏެވެ.

އައިސޮލޭޝަން ފެސިލިޓީގައި އެނދެއްގެ މައްޗަށް ފުރާޅުން ފެންފައިބާފައި

ކޭސް 27 އައިސޮލޭޝަނަށްގައި

"އެއީ ހިތި ތަޖުރިބާއެއް، ވާރޭ ވެހެންޏާ ފެން ލީކުވޭ، ކަރަންޓް ދޭ، ފާހާނާ އަށް ފަހުން ދާން ޖެހެނީ އެހާ ދުރަށް، މަދިރި އޮންނަނީ ފުރިފައި" ކޭސް 27 ގެންދިޔަ، ފަރުކޮޅު އައިސޮލޭޝަނު ފެސިލިޓީގެ ވާހަކަ ހިއްސާ ކުރަމުން ކިޔައި ދިނެވެ. އޭނާ ބުނީ ކަރަންޓީނަށް ގެންދިޔަ އިރު އެތަނުގައި ތިބީ އޭނާގެ އިތުރުން ކުޑަކުއްޖަކާއެކު 4 މީހުން ކަމަށެވެ. އެއީ ޖަރީމާގެ ކްލަސްޓާގެ މީހުންނެވެ. އޭރު މީހުންވެސްް މަދުވުމާއެކު އެކަށީގެންވާ ޖާގަ އޮތް ކަމަށާއި ފުރަތަމަ އޭނާ އިން ވޯޑުގެ ކުރިމަތިން ކަހަލަ ގޮތަކަށް ފާހާނާވެސް ހުރި ކަމަށެވެ.

ނަމަވެސް އައިސޮލޭޝަނުގައި ހުއްޓާ ވިއްސާރަވީ ދުވަސްކޮޅު ފުރާޅުން ވާރޭ ވެހޭ ކަމަށާއި، ނިދިފައި އޮއްވާ އެއް ދުވަހު ހޭ ލެވުނީވެސް ގަޔަށް ވާރޭ ވެހެން ފެށުމުން ކަމަށެވެ.

"ދެން އެނދު ދުރަށް ޖައްސާލާފައި އަނެއްކާ އޮށޯންނަނީ، އެކަމަކު މަދިރީގެ އުނދަގުލުން ސަލާމަތެއް ނުވޭ، އެތަން ހުންނަ ގޮތުން ކަންނޭގެ މަދިރި ވަންނަނީ"
ކޭސް 27

މަދިރީގެ އުނދަގޫ ވާ ކަމުގެ ޝަކުވާއާއި، ވާރޭ ވެހުމާއި ކަރަންޓު ކެނޑުން ފަދަ ހާދިސާތަކުގެ ވާހަކަ ނޫސްތަކުގައި އެދުވަސްވަރު ލިޔުނެވެ. އެކަމަށް ރައްދު ދެއްވަމުން ކޮވިޑް ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެފައި ވަނީ، ވާރޭ ވެހުނު އިރު ފެން ވަން ކަމަށާއި މަދިރީގެ އުނދަގުލުން ސަލާމަތް ވުމަށް ފޮގް ކުރުމާއި އެތަން ބެއްދުމުގެ މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް ކޭސް 27 ބުނީ، އޭނާ ޑިސްޗާޖުކުރުމުން ގެއަށް އައި އިރުވެސް މަދިރީގެ އުނދަގޫ ނުފިލާ ކަމަށެވެ. އަދި ވާރޭ ވެހޭ އިރު ފެންވެސް ލިކުވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެ ފެސިލިޓީގައި ތިބި މީހުންގެ ޝަކުވާއާއި އަދި މީޑިއާތަކުގެ ޕްރެޝަރާ ހެދި އެ ވޯޑުގައި ތިބި މީހުން އެހެން ވޯޑަކަށް ބަދަލު ކުރި ކަމަށެވެ. ނަމަވެސް އެވޯޑަކީ މާ ކުޑަ ވޯޑެއް ކަމަށާއި އެ ވޯޑުގައި 17 މީހަކު ތިބިކަމަށެވެ. އަދި ވާރޭ ވެހޭ އިރު އެ ވޯޑަށްވެސް ފެން ފައިބާ ކަމަށާ، އެ ވޯޑުގައި ތިބޭ މީހުން ފާހާނާއަށް ދާން ޖެހެނީވެސް މުޅިތަން ވަށާ ހިނގާ ވަރަށް ދުރުގައި ހުންނަ ފާހާނާއަކަށް ކަމަށެވެ.

"އެ ވޯޑުގައި އެނދުތައް ހުރީ ފޫޓެއްހާ ދުރު މިނުގައި، 17 މީހުން ތިބި، ފާހާނާއަށް ދާން ޖެހެނީ މުޅިތަން ވަށާ ހިނގާފައި، ވާރ ވެހެންޏާ ތެމިގެން، ބިރުން ނުކުރޭ ރޭނގަޑު ފާހާނާއަށް ދާކަށް ވެސް"
ކޭސް 27

އެ ޕްރެޝަރުގެ ތެރޭގައި ހިއުމަންރައިޓްސް ކޮމިޝަނުން ގުޅި ކަމަށާއި، އެޗްއާރުސީއެމަށް އެތާނގެ ހާލަތު ކިޔައިދިން ކަމަށް އޭނާ ބުންޏެވެ.

"އެޗްއާރުސީއެމްގައި ބުނިން، އެތާ ހުންނަ 4 ވޯޑެއްގައި ފެން ކައްކަން ގެންގުޅެނީ އެންމެ ކެޓަލްއެއް ކަމަށާއި، އެއްބަޔަކު ކައްކާ ނިމުނީމައި އަނެއް ބަޔަކު ގެންދަނީ ކަމަށް، ދެން ފަހުން ފަހުން އައިސް އެގޮތަށްވެސް އެ ނުލިބޭ ކަމަށް، ދެން ބުނިން، އެހުރިހާ އެންމެން އެއްޗެހި ދޮންނަން ދީފައި އޮތީ އެއް އޯމޯ ޕެކެޓް ކަމަށާއި އެމީހެއްގެ ހެދުން އެންމެން ބޭނުން ކުރާ ފާހާނާ ސިންކަށް ލައިގެން ދޮންނަނީ ކަމަށް"
ކޭސް 27

އެޗްއާރުސީއެމް އަށް އެވާހަކަތައް ކިޔައިދިނުމާއެކު ކަންކަން ހައްލުވެގެން ދިޔަ ކަން ފާހަގަ ކުރަމުން، ކޭސް 27 ބުނީ، ފަހުން ލޯންޑަރީ ނަގަން މީހަކު އަންނަ ކަމަށާއި ފެންކައްކާ ކެޓަލްގެ މައްސަލަވެސް ހައްލު ވި ކަމަށެވެ. އަދި 4 ވޯޑުގެ ތެރެއިން 2 ވޯޑު އެއީ ފިރިހެނުންނަށް ހާއްސަ 2 ވޯޑު ކަމަށާއި އަނެއް 2 ވޯޑު އެއީ އަންހެނުންނަށް ކަމަށެވެ. ފަހުން 2 ވޯޑެއް އެއްކޮށްލައި ޖުމްލަ 3 ވޯޑަކަށް ހެދިކަމަށެވެ.

ކޭސް 27 އަކީ ކްރޯނިކް ކޮންޑިޝަނެއްވެސް ހުރި މީހެއް ކަމަށް ވުމުން، ކޮވިޑާ ގުޅިގެން ތަފާތު އުނދަގޫތައް އައިސޮލޭޝަންގައި އޭނާ ތަހަންމަލް ކުރިއެވެ.

"އައިސޮލޭޝަނުގައި ހުއްޓާ ރަހަލުން ކެނޑުނީ، ވަހެއްވެސް ނުދުވާ، ދެން އަހަރެން ބަލިވީމައާ އެކީ ނޭވާލާންވެސް އުނދަގޫވި، މެޔަށް ތަދުވުމާއި، ގިނަ ގިނައިން ފާހާނާއަށް ދެވުން ފަދަ އުނދަގޫތައް ބޮޑުވި، ޑޮކްޓަރުން އުޅުނު އަހަރެން މާލެއަށް ގެންނަންވެސް" ކޭސް 27، ތަހަންމަލް ކުރަމުން ދިޔަ އުނދަގޫތައް ކިޔައިދެމުން ބުންޏެވެ. ނަމަވެސް އެއީ ކޮލީގުންވެސް އައިސޮލޭޝަނަށް ގެންދިޔަ ދުވަސް ކަމާ، އެމީހުންނާ ދިމާވުމުން ކުޑަކޮށް ހަމައަކަށް އެޅުނު ކަމަށް ބުންޏެވެ.

ކަރަންޓީން ފެސިލިޓީގައި ދުވަސްތައް ގުނަމުން ދިޔަ އިރު އުނދަގޫވި އަނެއް ކަމަކީ ކެއުމުގެ މައްސަލަ ކަމަށާއި، ފުރަތަމަ ރަހަ ނުލާއިރު ކެވުނަސް ފަހުން ރަހަލާން ފެށުމުން ކާ އެއްޗެހި ބައެއް ފަހަރު ގިނައިރުވެފައި ހުންނަކަން ފާހަގަކުރެވުނު ކަމަށެވެ.

ނަމަވެސް ފެސިލިޓީގައި ތިބި ނަރުހުންނާއި ސިއްހީ އެހީތެރިންގެ ވާހަކަ ފާހަގަ ކުރަމުން އޭނާ ބުނީ އެމީހުން ވަރަށް ހިތްހެޔޮ ކަމަށާއި އެމީހުންގެ ހިދުމަތް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށެވެ. އެތާނގައި ނަރުހުންނަށް ތިބެނީ ބޭރު މީހުން ކަމަށް ވިޔަސް ވަރަށް "ކެއާ" ކުރާ ކަމަށް ބުންޏެވެ. އަދި ޑޮކްޓަރުންވެސް "ވަރަށް ނައިސް" ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19އާ ގުޅިގެން ޓާސްކް ފޯސްއިން ބޭއްވި ޑްރިލްގެ ތެރެއިން / ފައިލް ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކޭސް 27 މާލެ އައުން

ކޭސް 27 ރަނގަޅުވެގެން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ދޫކޮށްލުމުން ގެއަށް އާދެވުުގެ އުފާ އިހުސާސް ކުރެވުނު ނަމަވެސް ޑަބަލް ނެގެޓިވް ވެ އެކަން އޭނާއަށް އަންގާ، މާލެ ގެނައުން ލަސްވުމުން ދިމާވި ކަންބޮޑުވުންވެސް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ ޑަބަލް ނެގެޓިވް ވެގެން މާލެ ފޮނުވާލަން ޑޮކްޓަރު އެންގި ކަމަށާ ނަމަވެސް އެޗްޕީއޭގެ ފަރާތުން ބަލައި ނުގޮސް ލަސްވެގެން ދިޔަ ކަމަށެވެ.

"އެހެން ހުއްޓާ އެ ވޯޑަށް ގެނެސް ލައިފި ޕޮޒިޓިވް ވެފައި ތިބި އެހެން ބައެއް، އޭރު އަހަރެމެން ވޯޑުގައި ކުރިން ތިބި މީހުންގެ ތެރެއިން 5 މީހަކު ފިޔަވާ އެންމެން ކުޑަބަނޑޮހަށް ބަދަލު ކޮށްފި، ދެން ވަރަށް ހާސްވި، ބަލިން ރަނގަޅުވިކަން އިއުލާން ކުރި ގަޑީގައި ޕޮޒިޓިވް ވޭސްތަކެއް ގެނެސް ލީމައި"
ކޭސް 27

ޑަބަލް ނެގެންޓިވް ވެގެން މާލެ ދާންވީ ކަމަށް އަންގާފައި އޮއްވާ ދެން ކަންތައް ވީ ގޮތް ކިޔައިދެމުން އޭނާ ބުންޏެވެ.

އޭނާ ބުނީ މާލެ ފޮނުވަން ބުނި ދުވަހު އެޗްޕީއޭ މީހުން އޭނާ ބަލާ ނުގޮސް ލަސްވެގެން ގޮސް ޖެހިގެން އައި ދުވަހު ޑޮކްޓަރު އައި އިރުވެސް އޭނާ އިނީ ޕޮޒިޓިވް ކޭސްތަކާއެކު ވޯޑުގައި ކަމަށެވެ.

"އެ ދުވަހު ޑޮކްޓަރު ވަރަށް ރުޅި އައި، އެޗްޕީއޭއަށް ގުޅާފަ ބުނި، އިތުރު ކަންތައް ބަހައްޓާފައި ނެެގެޓިވް މީހާ މާލެ ގެންދިއުމަކީ ފަސްޓް ޕްރިއޮރިޓީއަށް ހަދާށޭ" ޖެހިގެން އައި ދުވަހު ޑޮކްޓަރަށް ކޭސް 27 ފެނުމާއެކު ކަންތައް ވެގެން ދިޔަގޮތް ކިޔައި ދިނެވެ.

އޭނާ ބުނީ އެދުވަހު ނަސީބަކުން އެޗްޕީއޭގެ ފަރާތުން ބަލައި ދިޔަ ކަމަށާއި، ވެހިކަލްގައި ޑްރައިވަރާއި، އިތުރު ސްޓާފެއް ގޮސް އޭނާ ގެއަށް ގެންގޮސްދިން ކަމަށެވެ.

ކޭސް 27 އާ ގުޅިވައިގެން ދެއްކި ވާހަކަތައް

ކޭސް 27 އަކީ ލިލީ ސްޓޯރު ކްލަސްޓާގެ ފުރަތަމަ ކޭސް އަށް ވީ އޭނާ ފުރަތަމަ ޓެސްޓް ކުރަން ދިޔައީމައެވެ. އެ ކްލަސްޓާގައި އޭނާއަށް ވުރެ ކުރިން ބަލިވެ އުޅުނު މީހުންނާއި، ދުބާއީ ދަތުރު ދިޔަ މީހުން ހިމެނެއެވެ. ދުބާއީއަށް ދިޔަ މީހުންގެ ވާހަކަ އަކީ އެޗްޕީއޭއިންވެސް ފާހަގަ ކޮށްފައި އޮތް ވާހަކަ އެކެވެ. ދުބާއީ އަށް ގޮސް އައި މީހުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަ ގޮތް ތަފާތު ކަމަށާއި، އެއީ މާލެ ސްޕްރެޑްގެ ފެށުން ކަމަށް ވެދާނެ ކަމަށްވެސް އެޗްޕީއޭގެ ޑޮކްޓަރުން ބުންޏެވެ. ދުބާއީގައި އޮތް ފެއާއަށް ރާއްޖެއިން ދިޔައީ ކިތައް މީހުން ކަމެއް އަދި ސާފުވެފައި ނުވާ އިރު، ދުބާއީއަށް ދިޔަ ލިލީ ސްޓޯރުގެ ކްލަސްޓާގައި ހިމެނޭ އިންޑިއާ މީހާއަކީ، ބިދޭސީން އުޅޭ އެތައް ގޯޑައުންއަކާ، ލޭބާ ކްއާޓާތަކާއި ތަންތަނަށް ދިޔަ މީހެކެވެ. އެ ކްލަސްޓާއިން ޓެސްޓް ކުރި މީހުންގެ ތެރެއިން 40 މީހުން ޕޮޒިޓިވް އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްލަސްޓާއަށް ނިސްބަތްވާ ބައެއް މީހުން އަދިވެސް ޓެސްޓް ނުކޮށް އައިސޮލޭޝަނުގައި އެބަ ތިއްބެއެވެ.

ކޭސް 27 އަކީ "ޓާގެޓް" ކަމަށް ހަދައިގެން އެކިއެކި ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔަ އިރު، ލިލީސްޓޯރުގެ މެނޭޖުމަންޓާ ހަވާލާދީ ދުވަހު ނޫހެއްގައިވެސް އެވާހަކަ ޖެހި ކަމަށާއި ފަހުން ކޭސް 27 ޝަކުވާ ކުރުމުން، އެބަައި އެ ލިޔުމުން އުނިކުރި ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކޭސް 27ގެ އޮފީހުގެ އެމްޑީ ވިދާޅުވީ ދުވަހު ނޫހެއްގައި އެވާހަކަ އޮވެެގެން ކޭސް 27 ގުޅުމުން އެ ނޫހަކުން އެބައި ނެގި ކަމަށެވެ.

ކޭސް 27 މައުލޫމާތު ނުދީ، އެއްބާރުލުން ނުދޭން އުޅުނު ކަމަށް ބުނެ ޓީވީއަކާއި ނޫހަކުން ފެތުރީވެސް ނުބައި މައުލޫމާތެކެވެ. މައުލޫމާތު ނުދޭން އުޅުނީ އެހެން ކޭސް އެކެވެ.

މާލެއިން ކޮވިޑް ފެނި، ގައިންގަޔަށް ބަލި އަރާ އިސާހިތަކު ފެތުރިގެން މޫލައިގެން ދިޔަ އިރު ލީލީސްޓޯރުގެ ކްލަސްޓާއަކީ، އެ ކްލަސްޓާގައި ބަލި މީހުންތަކެއް އުޅެ، ކަމާބެހޭ ފަރާތްތަކުން ޓެސްޓް ނުހަދާ އެތައް ބަޔަކު އުޅެމުން ދިޔަ ކްލަސްޓާއެއް ކަމާ ދުރަށް ފެތުރިގެން ގޮސްފައި އޮތް ކްލަސްޓާއެއް ކަން މިހާރު އެނގެއެވެ. މިހާރުވެސް 14 ދުވަސް ހަމަވެ، އެ ކްލަސްޓާއިން ޓެސްޓްކުރާ ބައެއް މީހުން ޕޮޒިޓިވް ވާކަން ވަނީ އެނގިފައެވެ. އޭގެ ތެރޭގައި ކަސްޓަމާއި އެމްޕީއެލް އަށް ދާ މީހުންވެސް ހިމެނެއެވެ.