ކުއްލިއަކަށް މޫސުން ގޯސްވެ ވައިގަދަވާން ފަށައިފިއެވެ. ކަޅުވިލާތަކުން އުޑުމަތި ބަނަކޮށްލައިފިއެވެ. ވައިގަދަވާން ފެށުމުން މުންޑުގަނޑުގައި ރަނގަޅަށް ހިފަހައްޓަމުން އައްބާސް އުޑުމައްޗަށް ބަލާލިއެވެ. މުޅި ދުނިޔެމަތި ވަނީ ކަޅު ވިލާތަކުން ބަނަކޮށްލާފައެވެ. އޭނާ ހިފައިގެން އިން ދޫނީ އޭރުވެސް އަތުތެރޭގައި އިނެވެ. އެ ސޮރު އަޑެއް ލައްވާލުމުން އައްބާސް އެ ދޫންޏާ ދިމާއަށް ބަލާލިއެވެ.
އެވަގުތު އެސޮރުގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔަތަން އައްބާސަށް ފެނުނެވެ. އަދި އެސޮރުގެ ލޮލުން ރަތްކުލައިގެ ކަރުނަ ފޭދިގެން ފައިބަމުން ދިޔަ ތަން ފެނި އައްބާސްގެ ދެލޯ ބޮޑުވިއެވެ. ވިސްނާނުލާ ހުއްޓާ އެ ދޫނި އައްބާސްގެ އަތުގައި ކޮށައިގެންފިއެވެ. ވީތަދުން އައްބާސްގެ އަތުން އެ ދޫނި ދޫވިއެވެ. އުދުހިފައި އެ ދޫނި މިސްރާބު ޖެހީ ވަލުތެރެއާ ދިމާއަށެވެ. ކުރިއަށް ދާން ފިޔަވަޅެއް އަޅާފައިވެސް އައްބާސްގެ ފިޔަވަޅު މަޑުޖެހުނީ ފިކުރީ އެ ދުވަހު ވަލަށް ވަތް ހަނދާން ވުމުންނެވެ.
*** *** *** *** *** ***
ވަގުތު އައިސްޖެހުމުން ބަދުރަށް ނިދާކަށް ނޯވެވުނެވެ. ދޮލަނގު ހިފައިގެން ގެއިން ނުކުންނަން އުޅުނު ބަދުރު ފިޔޮހި ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. ނަމަވެސް މިރޭ އޭނާގެ މަސައްކަތަށް ބޭނުންވާ އެކަތި މަދުކަން އެނގުމުން ކަންބޮޑުވިއެވެ. ގޯތިން ބޭރަށް ނުކުތުމަށްފަހު ވަށައިގެންވާ މާހައުލަށާއި އުޑުމައްޗަށް ބަދުރު ބަލާލިއެވެ. އުޑުމަތި ސާފު ރީތި ރެއެކެވެ. ނަމަވެސް އޭނާއަށް މިރޭ ގޮނޑުދޮށަށް ގޮސްގެން މަސައްކަތް ފުރިހަމަ ނުކުރެވޭނެ ކަން އެނގުނެވެ. އެ މަސައްކަތަށް ބޭނުންވާ އެންމެ މުހިއްމު އެކަތި މިރޭ އޭނާގެ އަތުގައި ނެތުމުން ބަދުރު މިސްރާބު ޖެހީ އެގޭ ކުރިމަތިން ފެންނަން އޮތް ބޯ ބިޔަ ގަސްތަކާ ދިމާއަށެވެ.
ރޭގަނޑުގެ އެ ވަގުތު އެ ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔައިރު ޖެހިލުންވުމުގެ އެއްވެސް އަސަރެއް ބަދުރުގެ ކިބައިން ނުފެނެއެވެ. ގަސްތަކުގެ ތެރެއަށް އޭނާ ވަންނަމުން ދިޔަ އިރު ދޭތެރެއަކުން ބަދުރު ހަށިފުރާ ފުން ނޭވާއެއް އެތެރެކޮށްލައެވެ. ހިނދުކޮޅަކު އެހެން ކުރިއަށް ގޮސްގޮސް ހުރި ބަދުރުގެ ނޭފަތުގައި އޭނާ ބޭނުންވި ވަސް ޖެހުމުން ފިޔަވަޅު މަޑު ޖައްސާލިއެވެ. އަދި އެ ވަސް އަންނަ ދިމާއަށް އޭނާގެ މިސްރާބު ބަދަލުކޮށްލިއެވެ.
އުނިގަހުގައި އަޅާފައިވާ މާތަކުން އެ ސަރަހައްދު ވަނީ އެއް ވަސްކޮށްލާފައެވެ. އެ ގަހާ ހަމައަށް ދެވުމުން އޭނާގެ އަތުގައިވާ ދޮލަނގު ގަސް ބުޑުގައި ބެހެއްޓިއެވެ. އެއަށްފަހު އޭނާގެ އަތުގައި އޮތް ފިޔޮހި ނަގާ ހުޅުވާލަމުން ކުރިއަށް ޖެހި އެ ގަހުގައި އަތް ފޯރާ ހިސާބުގައި ހުރި އޮފިތަކުގައި އަޅާފައިވާ އުނިމާތަކަށް ވަކިވަކިން ބަލާލިއެވެ.
*** *** *** *** *** ***
ވަލުތެރެއާ ދިމާއަށް އުދުހިފައި ދިޔަ ދޫންޏާ މެދު ވިސްނާލަން އައްބާސަށް ހިނދުކޮޅަކު މަޑުކޮށްލެވުނެވެ. މީގެ ދުވަސްތަކެއް ކުރިން ފިކުރީ ވަލުތެރެއަށް ވަދެގެން ދިޔަ ދުވަސް އޭނާގެ ހަނދާނަށް އައުމުން އޭނާ ޖެހިލުން ވިއެވެ. އެ ހިޔާލަށް ގެއްލިފައި ހުރި އައްބާސަށް ހޭވެރިކަންވީ ޖަހާލި ބާރު ގުގުރީގެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރުމުންނެވެ.
ސިއްސައިގެންގޮސް އޮތް ތަނުން ތެދުވަމުން އައްބާސް ބަލާލީ އޭނާއަށް އޮވެވުނު ތަނަށެވެ. އިރުއޮއްސި އަނދިރިވެގެން ދިޔައިރު އޭނާއަށް ރަށުގެ ފުއްޓަރު ފަރާތުގައިވާ ޖޯލިފަތީގައި ޖައްސާލައިގެން އޮވެ ނިދުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ދެންމެ ފެނުނީ ހުވަފެނެއް ކަމާ މެދު ޝައްކު އުފެދުމުން ހަވީރުގެ ވަގުތު އޭނާ މަޅިފަތި ޖެހި ދިމާއަށް ބަލާލިއެވެ. އެ ސަރަހައްދު ހުރީ އޭނާ ހަވީރު މަޅިފަތި ޖެހިއިރު ހުރި ގޮތަށެވެ. އެހެންކަމުން ރަތަފައެއް ހިފައިގެން އުޅުނު ތަން އެފެނުނީ ހުވަފެނުގައި ކަން އައްބާސަށް ޔަގީންވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.
މީހެއްގެ ހިލަމެއްވެސް ނުވާ އެ ސަރަހައްދުން އިވެމުން ދިޔައީ ފުއްޓަރު ފަރާތަށް ރާޅު ބިންދާ އަޑާއި ގޮނޑުދޮށުގައިވާ އަކިރިތައް ރާޅާ އެކުވެ ދޮންވެލިގަނޑުމަތިން ދެއަތަށް ފުރޮޅެމުން ދިޔަ އަޑެވެ. މުންޑުގަނޑު ރަނގަޅަށް އުނަގަނޑުގައި ބަނދެލަމުން އައްބާސް ބަލާލީ ރަށުތެރެއާ ދިމާއަށެވެ. ރަށުތެރެއިން އެއްވެސް އަލިކަމެއް ފެންނަން ނެތުމުން ވަލުތެރޭގައި ހެދިފައިވާ ބިޔަ ގަސްތަކުގެ ތެރެއިން ރަށުތެރެއަށް އަރައިގެން ދާން އޭނާއަކަށް ނުކެރުނެވެ. އަލިވަންދެން އެތަނުގައި މަޑުކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ނިންމާ އެ ޖޯލިފަތީގައި އަނެއްކާވެސް އޭނާ އޮށޯތެވެ.
*** *** *** *** *** ***
ސާދަ ވިލޭރޭގެ ހަނދުގެ އަލިކަން އެތަނަށް ވެރިވެފައިވާއިރު ގަސްތަކުގެ ފަތްތަކާއި ގޮފިތަކުގެ ތެރެއިން ފުރޭނިގެން ބިންމައްޗަށް އެޅިފައިވާ އަލިކަން ސާފުކޮށް ފެނެއެވެ. ބިންމަތީގައި ކުރެހިފައިވާ ހިޔަނިތަކުންވެސް ފެންނަނީ ބިރުވެރިކަމެވެ. ވަޔާއެކު ގަސްތަކުގެ އޮފިތައް ދެއަތަށް ހެލިލާއިރު ހީވަނީ ބިންމަތިން ކޮންމެވެސް ދިރޭ އެއްޗެއް ކޮޅުކޮޅަށް ދަތުރުކުރަނީ ހެންނެވެ.
ބަދުރު އެ ގަހަށް ބަލަހައްޓައިގެން ހުރި އިރު އަތްފޯރާ ހިސާބުގައިވާ ގޮފިގަނޑެއްގައި ވަކިން އެކަހެރިކޮށް އިން މަލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ބަލަބަލާ ހުއްޓާ އެ މަލުގެ ފިޔަތަށް ހޭވިލާ ފުރިހަމައަށް އެމާ ފޮޅިއްޖެއެވެ. އަދި މަލުގެ ކަރުގަނޑުގައިވާ ޝަބުނަމް ތިއްކަށް ހަނދުގެ އަލިކަން އެޅި އެ މަލުން ރީތި ދަޅައެއް އެޅިގެން ދިޔަތަން ބަދުރަށް ފެނުނެވެ.
އެއީ އޭނާ ބިންނަން ޖެހޭ މާ ކަމަށް ގަބޫލުކޮށް އެ މާ ބިނުމަށްފަހު އަތުގައި އޮތް ފިޔޮހިން އޭނާގެ އަތުގެ މެދުގައި އަޅާ ޒަހަމްކޮށްލީ ދެލޯ މަރާ ތުންތަޅުވާލަމުންނެވެ. މުށްކަވާލަމުން އަތުގެ ތެރެއިން އޮހެމުންދިޔަ ލޭތައް އުނިމަލުގެ ކަރުގަނޑަށް އޭނާ އަމާޒުކޮށްލިއެވެ. އޮލަކޮށް ފައިބަމުންދިޔަ ލޭތައް އެމަލުގެ ކަރުގަނޑުގައި ޖެހުމާ އެކީ އެ ސަރަހައްދުގައި އާދަޔާ ހިލާފް ވައިރޯޅިއެއް ދައުރުވެ ބިންމަތީގައި ހުރި ހިކިފަތްތައް ވައިހުރި ދިމާއަށް ދަތުރުކުރަން ފެށިއެވެ. ވައިގެ މިސްރާބު ހުރީ އުނިގަހާ ދިމާއަށެވެ.
ހުދުކުލައިގެ އުނިމާ ބަދުރުގެ އަތުން ފައިބަމުން ދިޔަ ލެއިން ކަޅިވެއްޖެއެވެ. ދެން ބަދުރު ކަކޫ ޖަހާ ދޮލަނގު ކައިރީ އިށީނދެ ތުންތަޅުވާ ކިޔަވަން ފެށިއެވެ. އަދި އަތުގައި އޮތް މާ ގަސްބުޑުގައި ބެހެއްޓި ދޮލަނގުގައިވާ ސާފު ފެނުގެ ތެރެއަށް ލިއެވެ. ބަދުރު ކިޔަވާ ނިންމާލުމަށްފަހު ފުންނޭވާއެއް އެތެރެކޮށްލިއެވެ. ކުރިން ރޭ ލިބުނު ކަހަލަ ސިގްނަލެއްގެ އިންތިޒާރުގައި ހުރި ބަދުރު ދެބުރަކަށް "ކަމަނަ" ގެ ނަމުން ގޮވާލިއެވެ.
މާ ގިނަ އިރުތަކެއް ނުވެ އުނިމާ ލީ ފެންއެތި ބަގަބަގަ ލާފައި ކެކެން ފެށި އަޑަށް ބަދުރު ސިއްސައިގެން ގޮސް ފެންގަނޑަށް ބަލާލީ ފަހަތަށް ޖެހެމުންނެވެ. އުނދުން މައްޗަށް އުދާފައި ހުރި ފެން އެއްޗަކަށް ހޫނުވެގެން ކެކޭ ފަދަ ގޮތަކަށް އެ ފެންގަނޑު ކެކެމުން ދިޔައެވެ. މަލުގައިވާ ހުރިހާ ލޭތައް ފެނާ އެކުވެ އެ ފެންގަނޑު އޮލަވެއްޖެއެވެ. ދޮލަނގުގެ މެދާ ދިމާލުން ލޭފެންގަނޑުގެ ތެރެއިން ފެން މައްޗަށް އުނިމާ އުފުލިއްޖެއެވެ. މިހާރު ހީވަނީ ފެންގަނޑުގެ މަތީގައި ހެދިފައިއިން ލޮޓަސް މަލެއް ހެންނެވެ. ލެއާއެކުވެ ދޮލަނގުގައި ހުރި ސާފުފެން އޮލަވެފައިވީ ނަމަވެސް އެމަލުގެ ފިޔަތަކުގައި ލޭގެ އެންމެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އެ މަލުގެ ފިޔަތަކުގައި ވަނީ އާދަޔާ ހިލާފް ސާފު ހުދުކަމެކެވެ.
ޖެހެމުންދިޔަ ވަޔާ އެކުވެ ބިންމަތީ ހުރި ކުނިބުނިތައް ބިމުން މައްޗަށް އުފުލިއްޖެއެވެ. ވަޔާއެކީ ދައުރުވަމުންދިޔަ ވެލި ފުއްތަކުން ލޯ ހުޅުވައިގެން ހުންނަން އުނދަގޫވެފައިވާ ހާލުގައި ބަދުރުގެ މޫނު މައްޗަށް އަތް ހުރަސްކޮށްލަމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ.
ދޮލަނގުގައި ހުރި ލޭފެން ގަނޑު ކެކި އުނިމާ ހުރި ދިމާލުން ފެންތައް މައްޗަށް އުފުލެމުން ދިޔައެވެ. ލޮލުގެ ހަނިއަރިން ބަދުރު އެ ދިމާއަށް ބަލާލިއިރު އުފުލެމުންދިޔަ ފެންގަނޑުގެ ތެރެއިން ފާޅުވަމުން ދިޔައީ އަންހެނެކެވެ. އޭނާ ކޮޅަށް ތެދުވިއިރު ހާވާލާފައިވާ އިސްތަށިގަނޑުން ލޭފެންތައް އޮހެމުން ދިޔައެވެ. އޭރު އެ އުނިމާ ހުރީ އޭނާގެ އިސްތަށިގަނޑުގެ އެއް އަރިއަށް ހަރުކޮށްލާފައެވެ. ރަތްލިބާހުގައި ހުރި އަންހެންމީހާ އިސްއުފުލާމުން ބަދުރާ ދިމާއަށް ބަލާލީ އިރު އޭނާ ގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ.
ކަކޫ ޖަހާ އެ ހުރި ތަނަށް ބަދުރު ތިރިވިއެވެ. އަދި އޭނާ ގުދުވެ އެ އަންހެންމީހާއާ ދިމާއަށް ސަޖިދަ ޖަހާ ފަދައަކުން ގުދުވިއެވެ. އެވަގުތު ބަދުރުގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ.
*** *** *** *** *** ***
ހަނދުވަރު ރީތި އުޑުމަތި ސާފު ރެއެކެވެ. މުޅި ކާއިނާތުގައިވާހާ ތަރިއެއް އައްބާސަށް ފެންނަމުން ދިޔަ ކަހަލައެވެ. ޖޯލީގައި އޮށޯވެގެން އޮވެ އުޑުމަތިން ވިދާ ބަބުޅަމުން ދިޔަ ތަރިތަކާ ދިމާއަށް ބަލަން އޮތް އައްބާސްގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. ހަށިގަނޑުގައި ބީހެމުންދިޔަ ފިނި ވައިރޯޅިން ލިބެމުންދިޔަ އަރާމާއި ފިނިކަމަށް ކެތްކުރަން އޭނާއަށް އުނދަގޫވިއެވެ. ފިނިވެފައިވާ ދެއަތް ތިލަ ހާކާލަމުން އަތުތެރެއަށް އޭނާ ފުމެލީ ޖޯލިތެރެއަށް މީހާ ގުރުޑުވަމުންނެވެ.
ކެތްކުރަން އުނދަގޫވާ ވަރަށް އޭނާ ވަނީ ހީކަރުވާފައެވެ. ނިދީގެ ކަންފުޅެއްވެސް ލޮލުގައި ނެތް އައްބާސް ދެއަތަށް ބަލާލަ ބަލާލަ އޮތީ ހީފިލުވަން ހަދާނެ ގޮތަކާ މެދު ވިސްނާށެވެ. އެވަގުތު އޭނާގެ ނޭފަތުގައި މީރު ހުވަނދެއްގެ ވަސް ޖެހުމުން ދެލޯ މަރާލެވުނެވެ. އަދި ވައި ޖެހެމުން ދިޔަ ފަރާތަށް މޫނު އަނބުރާލަމުން ހަށިފުރާ ނޭވާއެއް ދަމާލީ ދުވަމުންދިޔަ މީރުވަހުން އޭނާގެ ހަށިގަނޑުގައި އުފެދިގެން ދިޔަ ޖަޒުބާތެއްގެ ބޮޑުކަމުންނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ދުވެފައި ނުވާ ކަހަލަ މީރު ވަހެކެވެ. ވައްތަރީ ކޮންމެވެސް މަލެއްގެ ވަހަކާއެވެ.
މަޅިފަތިޖަހާފައިވާ ދިމާއަށް އައްބާސްއަށް ބަލާލެވުނީ އަންހެނެއްގެ ހުނުމުގެ އަޑު އިވުމުންނެވެ. އެއީ އޭނާއަށް އެ މީރުވަސް ދުވަމުންއައި ދިމާކަން ޔަގީންވިއެވެ. މީހަކު ފެންނަން ނެތަސް އެ ތަނުގައި މީހަކު އުޅޭކަމުގެ އިހްސާސްވުމުން އައްބާސް އޮތްތަނުން ތެދުވެ ހަށިގަނޑު ދަމާލިއެވެ. އަނެއްކާވެސް އޭނާގެ ކަންފަތުގައި އެ ޖާޒުބާތީ ހުނުމުގެ އަޑު ޖެހިއްޖެއެވެ.
ރޭގަނޑުގެ މި ވަގުތު އެ ތަނަށް އައިސް އުޅޭ މީހަކު ބެލުމުގެ ޝައުގުވެރިކަން ބޮޑުވެ އައްބާސް ކުރިއަށް ފިޔަވަޅު އަޅާލީ ބިރެއް ނެތިއެވެ. އެތަނުގައި ހުރީ އޭނާ އެކަނި ނޫންކަން އެނގުމުން ހިތަށް ލިބުނު ތަސައްލީއެއްގެ ބޮޑުކަމުންނެވެ.
މަޅިފަތި ޖަހާފައިވާ ދިމާއަށް ގޮސް ހުއްޓުނު އައްބާސް ވަށައިގެން ހޯދާލީ އޭނާއަށް އެ ސަރަހައްދުން މީހަކު ފެންނަން ނެތުމުންނެވެ. ނަމަވެސް އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ރަތް ލިބާހެއް ލައިގެން ހުރި ރީތި އަންހެނެކެވެ. އިސްތަށިގަނޑު ނިއުޅުވާލާފައިވާ އިރު އޭނާގެ ކަންފަތާ ދިމާލުގައި ހުދު ކުލައިގެ މަލެއް ޖަހާފައި ހުރި އަންހެން މީހާ ފަސް އެނބުރި ހިނގައިގަތީ އައްބާސްއާ ދިމާއަށް ބަލާލުމަށްފަހު ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުންނެވެ. އިސްކޮޅާ އެއްވަރުގެ ރީތި ފަތި ހަށިގަނޑެއް ލިބިފައިވާ އެ އަންހެންމީހާގެ ޖާދޫގައި ޖެހި ރަނގަޅަށްވެސް އައްބާސް އެ މަޅީގައި ބަނދެވިއްޖެއެވެ.
ނޭނގޭ ބާރަކުން އެ އަންހެން މީހާގެ ފަހަތުން ވަލުތެރެއަށް އައްބާސް ހިނގައިގަތީ މުންޑުގަނޑު ކޮށިކުރަމުންނެވެ. ފިކުރީ ވަލަށް ވަތް ދިމާލުން ގަސްތަކުގެ ތެރެއަށް އައްބާސް ވަދެގެން ދިޔައިރު ބިރުގެ ކަންފުޅެއްވެސް ނެތެވެ. ފިކުރީ ގެއްލުނީވެސް އެ ދިމާލުން ވަލަށް ވަދެގެންކަންވެސް އޭނާގެ ހަނދާނުގައި ނެތް ކަހަލައެވެ.
(ނުނިމޭ)
ކޮބާ 4 ވަނަ ބައި
ދެވަނަ މީހާތަ އެ ގެއްލެނީ ނުވަތަ ފިކުރީ ފެންނާނީ ބާ
މީ ހަގީގީ ވާހަކައެއްތަ؟
މަންޝާ ވާހަ ކަ އަޕް ކޮށްދީބަލަ.........