ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިދޭސީންނަށް 667 އެނދުގެ ކަރަންޓީނު ފެސިލިޓީއެއް ހަދައިފިއެވެ.

ބިދޭސީންނަށް ހާއްސަކޮށް ހަދާފައިވާ މި ކަރަންޓީން ފެސިލިޓީ ހަދާފައި ވަނީ ހުޅުމާލޭގައެވެ.

އެޗްޑީސީ އިން ބުނީ، އެ ކުންފުނިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި އަޅާފައިވާ އިމާރާތް ބިދޭސީންނަށް ހާއްސަ ކަރަންޓީނު ފެސިލިޓީ އަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތަނުގައި 667 އެނދު ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެ ކަރަންޓީން ފެސިލިޓީގައި ފާހަނާ ބްލޮކް އަކާއި ފެން ވަރާނެ ތަންތަން ވެސް ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ،

ރާއްޖޭގައި ބަލި ފެތުރެން ފެށި ފަހުން އެންމެ ބާރަށް ބަލި ފެތުރެމުން ދަނީ ބިދޭސީންގެ ތެރޭގައި ކަމަށް ވާއިރު މާލެ ސަރަހައްދުގައި ތޮއްޖެހިގެން ބިދޭސީން އުޅޭ 23 ތަނެއް ފާހަގަ ވެ އޭގެ ތެރެއިން 8 ތަނެއް ގާތުން މޮނިޓާ ކުރާ ވާހަކަ ސަރުކާރުން ބުނެފައިވެއެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ގުޅީފަޅަށްވެސް ގެންގޮސްފައިވެއެވެ. މިމީހުންގެ ތެރޭގައި ބަލި އަރާފާނެކަމަށް ބޮޑަށް ބެލެވޭ ހާލަތުގައި އުޅޭ މީހުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގެ 23 ތަނެއްގައި ބިދޭސީން އުޅޭ އިރު، މާލެ ސަރަހައްދުގެ ލޮކްޑައުންގެ ހާލަތުގައި، އެއް ކޭމްޕުން ފިލައިގެން އަނެއް ކޭމްޕަށް ދާ ބިދޭސީންވެސް ވަނީ މަގުމަތިން ފެނިފައެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލާއިރު، އެއީ ބަލިޖެހޭ މީހުންގެ ކުއްލި އިތުރުވުމެއް އަނެއްކާ އައުން ކައިރި ވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް 557 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން ގިނައީ ބިދޭސީންނެވެ. ކޮވިޑް ޖެހިގެން މިއަދު ވަނީ ބިދޭސީ މީހަކު މަރުވެފައެވެ. އެއީ ފިޓުޖެހިގެން އައިޖީއެމްއެޗަށް ގެންދެވުމުން ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވި މީހެކެވެ.