ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ހާއްސަކޮށްގެން، އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ 3 މަނަވަރެއް ފުރުވާލާފައި ވާކަމަށް އިންޑިއާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނަކު ހަމާކުރައްވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މުމްބާއީގެ ބަނދަރުން އައިއެންއެސް ޖާލަޝްވާ އާ، އައިއެންއެސް މާގަރު ފުރުވާލާފައިވަނީ ދިވެހިރާއްޖެއާއި ދިމާލަށެވެ. ދުބާއީއަށް ދަތުރުކުރަމުންދަނީ އައިއެންއެސް ޝާރުދުލް ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި ގައުމުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން، މި 3 މަނަވަރުވެސް އެނބުރި އިންޑިއާގައި ބަނދަރު ކުރާނީ ކޮޗިންގައި ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އާއެކު ގައުމުތައް ލޮކްޑައުންކޮށް، ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާއިރު، އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ އެގައުމުގެ ރައްޔިތުންނާ، ސަރަހައްދީ އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ މީހުން އިވަކުއޭޓް ކުރުމުގެ މަސައްކަތް އިންޑިއާއިން ދަނީ ސިލްސިލާ ގޮތެއްގައި ކުރަމުންނެވެ.