ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބިދޭސީއަކު ހާލުބޮޑުވެ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ޓޯނިކް-ކްލޯނިކް ސީޒާ އަކާ ގުޅިގެން ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެމީހާ ވަނީ ކްރިޓިކަލް ހާލަތުގައި ކަމަށާއި އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް އެޗްޕީއޭން ބުނެއެވެ.

ހާލު ދެރަވެގެން އައިޖީއެމްއެޗް އަށް ބަދަލުކޮށް ސީރިއަސް ހާލުގައި ފަރުވާދެމުން ދާއިރު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދާކަން ކުރިން އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

އެ ފަސް މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށާއި އިތުރު ދެމީހަކަށް އޮކްސިޖެން ދެމުން ދާއިރު ބާކީ ތިބި ދެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޓޯނިކް-ކްލޯނިކް ސީޒާ ގައި މުޅި މީހާ ހަތަރެސް ފަޔާއެކު ތުރުތުރު އެޅުމާއި މީހާ "ބްލެކްއައުޓް ނުވަތަ ހޭނެތުން" ނުވަތަ ފިޓް ޖެހުން ފަދަ ގޮތްގޮތް ވެއެވެ. ބައެއް މީހުންނަށް ތުރުތުރު އެޅުމާ، މީހާ ދަނޑިއެރުން ފަދަ ކަންކަންވެސް ވެއެވެ.

ޓޯނިކް-ކްލޯނިކް ސީޒާ އަކީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ތެރެއިން ބޮޑުވަރުވާ މީހުންގެ ފުށުން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ.