ކޮވިޑް-19ގެ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކޮށް ނިމެންދެން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓާލާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން، އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި ކަރަންޓު އަދި ފެންބިލުގެ ހަރަދު ހަމަޖައްސަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރާތުން ފޯރުކޮށްދެނީ ހޮސްޕިޓަލުގެ ވަސީލަތްތަކާއި އެ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށް އެ ހޮސްޕިޓްލުން ބުނެއެވެ. އެ ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އެހެން ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ފަދައިން ބޭނުން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ކުރެވިފައި ކަމަށްވެސް ޓްރީޓޮޕުން ބުނެއެވެ.

ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމުގައި ކޮވިޑް-19ގެ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކޮށް ނިމެންދެން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލް އަދި ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތުގައި ކޮވިޑް-19 ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކޮށް ނިމެންދެން އެއްވެސް ފީއެއް ނަގާގޮތަށް ހަމަޖެހިފައެއް ނުވޭ
ޓްރީޓޮޕް ހޮސްޕިޓަލް

މީގެ އިތުރުން އެ ހޮސްޕިޓަލުން ބުނީ ސަރުކާރާއި ގުޅިގެން ފުރަތަމަ މަރުހަލާގެ (ފޭސް 1) އަށް ބޭނުންވާ ތަކެތި ހޯދާފައިވާ ކަމަށާއި އިތުރަށް ބޭނުންވާ ތަކެތި ބޭނުން ޖެހޭ ވަރަކުން އެ ހޮސްޕިޓަލާއި ސަރުކާރުން ގުޅިގެން ހޯދަމުންދާނެ ކަމަށެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް، ކުރިއަށް އޮތް ތިން މަސް ދުވަހަށް، ޓްރީޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނުމަށް އެ ހޮސްޕިޓަލްގެ ޑިރެކްޓަރުން ނިންމައިފައި ވަނީ މިމަހުގެ 1 ވަނަ ދުވަހެވެ.

ކޮވިޑާ ގުޅިގެން ޓްރީޓޮޕް ސަރުކާރުން ބޭނުން ކުރަން ހަމަޖައްސާފައި ވަނީ ފިޔަވަހި ތަކަކަށެވެ. ފުރަތަމަ ފިޔަވަހީގައި ބޭނުން ކުރާނީ އައިސީޔޫ 15 އެނދާއި، އާންމު އެނދުގެ 30 އެނދުގެ އިތުރުން އެ ހޮސްޕިޓަލުގެ މުވައްޒަފުން ބޭނުން ކުރާނެއެވެ. ދެވަނަ މަރުހަލާއަކަށް ދާން ޖެހިއްޖެ ނަމަ، ސަރުކާރުގެ ވަސީލަތްތަކާއެކު އައިސީޔޫ 30 އެނދާއި، އާންމު އެނދުގެ 60 އެނދެވެ. 3 ވަނަ ފޭސް އެއްގައި ބޭނުން ކުރަނީ އައިސީޔޫ އެނދުގެ 60 އެނދާއި، އާންމު އެނދުގެ 60 އެނދެވެ. ފޭސް 4 އަށް ދާން ޖެހިއްޖެ ނަމަ އައިސީޔޫ އެނދުގެ 100 އެނދާއި އާންމުއ އެނދުގެ 40 އެނދެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 557 މީހަކު މިއަދާ ހަމައަށް ވަނީ ޕޮޒިޓިވް ވެފައެވެ.