ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 551 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން ބުނީ މިރޭ 11:45އާ ހަމައަށް އިތުރު 10 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ބަންގްލަދޭޝް މީހުންނާއި ފަސް ދިވެހިންނެވެ. އެއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 24 އަށް އަރާފައެވެ.
މިހާނަތައް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސް އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެ އަށްވުރެވެސް ގިނަ ކޭސްތައް ފެނުމުގެ ފުުރުސަތު އެބައޮތް ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވިއެވެ. އަދި މިއަދު ރައީސް އިބްރާހިމް މުހައްދު ސޯލިހް ދެއްވި ހިތާބުގައިވެސް އެކަން ފާހަގަ ކުރަށްވާ ކުރިއަށް އޮތް ދެ ހަފްތާައި އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މުޅި ރާއްޖެއިން ކޮވިޑް19 އަށް 551 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 360 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 282 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 191 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.