ރާއްޖޭގައި ޖުމްލަ 541 މީހަކަށް ކޮވިޑް ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިހާރު ދެއްވަމުން ގެންދަވާ ހިތޯބު ފައްޓަވަމުން ވިދާޅުވީ މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 541 އަށް އަރާފައި ވާކަމަށެވެ.

ރައީސް އިއުލާނު ކުރެއްވި އަދަދުގެ ކުރިން، އިއްޔެއާ ހަމައަށް ޕޮޒިޓިވް އަދަދަކީ 527 އެވެ. އެހެން ކަމުން މިއަދު 14 މީހަކު މިވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތަފްސީލު އެޗްޕީއޭއިން ހާމަ ނުކުރި ނަމަވެސް ތަފާސް ހިސާބުތަކަށް ބަލާއިރު، ގިނަ އަދަދެއްގެ ބަޔަކު ސާމްޕަލް ނަގާ ކަރަންޓީމުގައި އެބަ ތިއްބެއެވެ. އޭގެ ތެރޭގައި ބަލީގެ އަލާމާތްތައް ހުރި ފަރާތްތައްވެސް ހިމެނެއެވެ.

ގައުމާ މުހާތަބު ކުރައްވާ ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮވިޑާ ގުޅިގެން ގައުމުގެ އިގުތިސޯދީ މަސައްކަތްތައް ހިނގާ ދާއިރާތައް ހުއްޓިފައި ވާކަމަށެވެ. އެގޮތުން ރިސޯޓުތަކާއި އާންމު ވިޔަފާރި ކުރާ ތަންތަނާއި، ހޮޓާ ރެސްޓޯރަންޓުތައް ވަނީ ހުއްޓިފައެވެ.

ރައީސް ވިދާލުވީ، ހުއްޓިފައި ހުރި އިގްތިސޯދީ މަސައްކަތްތައް އަލުން ފަށައި ދިރިއުޅުން އާންމު ހާލަތަށް ގެނައުމަށްޓަކައި ސަރުކާރުން ކެނޑި ނޭޅި މަސައްކައްތް ކުރަމުން ދާ ކަށެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 541 މީހަކު މިއަދާ ހަމައަށް ޕޮޒިޓިވް ވެފައި ވާއިރު އެންމެ ގިނައީ ބިދޭސީންނެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުގެ އަދަދުތައް ނުލައި، 340 މީހުންނަކީ ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިންވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް ބަންގްލަދޭޝްގެ 268 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންގެ ތެރެއިން 183 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ.