ކަރަންޓު ބިލު ސަބްސިޑައިޒް ކުރިއިރުވެސް، ބިލްތައް ބޮޑު ކަމުގެ ޝަކުވާތައް ލިބެމުން އެބަދެއެވެ.

އޭޕްރީލް މަހުގެ ކަރަންޓު ބިލު ލިބުނުއިރު، އެ ބިލްތައް ބޮޑުވެފައި ވުމާ ގުޅިގެން އާންމުންގެ ޝަކުވާތަކަށް ޖަވާބު ދެމުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނީ، މިދިޔަ އޭޕްރީލް މަހުގެ ބިލްތައް ހަދާފައި ހުންނާނީ ސަބްސިޑީ ހިމަނައިގެން ކަމަށެވެ.

ސަރުކާރުން ސަބްސިޑީ ދޭން ނިންމާފައި ވަނީ ހަމައެކަނި ޑޮމެސްޓިކް މީޓަރުތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ބުނީ، ބިޒްނަސް މީޓަރުތަކަށް ސަބްސިޑީ ދީފައި ނުވާނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ސަރުކާރުން ވަނީ ފެން ބިލުން 30 ޕަސެންޓް އަދި ކަރަންޓު ބިލުން 40 ޕަސެންޓް ސަބްސިޑައިޒް ކުރުމަށް ނިންމާފައެވެ. އެގޮތުން މި ލުއި ދިނުމަށް ނިންމާފައިވަނީ އޭޕްރީލް އަދި މޭ މަހަށެވެ.

ކަރަންޓުބިލު ބޮޑު ކަމަށް ބުނެ ރޭ ހދ. މަކުނުދޫގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ވަނީ މުޒާހަރާ ކޮށްފައެވެ. އެހެން މަސްމަހާ ހިލާފަށް ކަރަންޓުބިލު ބޮޑު ކަމަށް ބުނެ، މިދިޔަ އަހަރު ރޯދަމަހު މާލޭގައި ވެސް ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން އޭރު ސްޓެލްކޯއިން ބުނީ، ކަރަންޓުބިލު ބޮޑުވެފައި ވަނީ ރައްޔިތުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވުމުން ކަމަށެވެ. އަދި އެއީ ހޫނު މޫސުމާއި ރޯދަމަހާއި ދިމާވުމުން ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

މިފަހަރު ސްޓެލްކޯއިން ބިލް ހެދުމުގައި މީޓަރުގެ ފޮޓޯ ފޮނުވަން އެންގިއެވެ. ޢަދި ފޮޓޯ ނުފޮނުވާ ފަރާތްތަކަށް ލިބޭނީ، އާންމުކޮށް ލިބޭ ވަރުގެ އެވްރެޖް ބިލެއް ކަމަށް ބުނެފައި ވެއެވެ.

މިހާރު ބައެއް ފަރާތްތަކުގެ ޝަކުވާ ހުރީ، ސަރުކާރު ބަންދުވުމާއެކު މީޓަރުތައް އޮފް ކޮށްލައި ކަރަންޓް ކަނޑާލައިފައި ހުރި ބައެއް ތަންތަނަށްވެސް ބިލު ކޮށްފައި ވުމާއި، ކޮވިޑް ސަބްސިޑީ ނުހިމަނާ އެވްރެޖް ބިލުން 400 އާއި 600 އާ ދެމެދުގެ ބޮޑުވުމެއް ފާހަގަ ވާތީއެވެ.

ބައެއް ކަސްޓަމަރުން ވަނީ އެމީހުންގެ ބިލްތަކުގެ ކޮޕީ "ދަ ޕްރެސް" އަށް ފޮނުވާފައެވެ.