ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އެގައުމުން ފެރީއެއް ފޮނުވަން ނިންމާފައިވާ ކަމަށް އެ ގައުމުގެ މީޑިއާ އަކުން ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ 'ޑިކަން ހެރަލްޑްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ލޮކްޑައުންއާ ގުޅިގެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ މީހުން އަނބުރާ އެގައުމަށް ގެންދިއުމަށް ފެރީއެއް ހަމަޖައްސަމުން ދާ ކަމަށެވެ. އަދި މި ފެރީގައި ގެންދާނީ 200 މީހުން ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާ ހަވާލާދީ އެ ނޫހުން ބުނީ، އަނބުރާ ގައުމަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ދަތުރުފަތުރު ކުރުން މެދު ކަނޑާލުމާ ގުޅިގެން އިންޑިއާއަށް ނުދެވި، ރާއްޖޭގައި ތާށިވެފައި ތިބި ރައްޔިތުން ކަމަށެވެ. މި ފެރީ ދާނީ އިންޑިއާގެ ކޮޗިން އަދި ކެރަލާއަށް ކަމަށް އެ ނޫހުން ރިޕޯޓް ކޮށްފައި ވާއިރު، މި ފެރީން ގެންދާ މީހުން ކޮޗިނާއި ކެރެލާގައި 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

މި ފެރީގައި ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ހައިކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ތަރުތީބުންނެވެ. އެގޮތުން، ސިއްހީ ފަރުވާ ބޭނުންވާ ފަރާތްތައް، މާބަނޑުމީހުން، އުމުރުން ދުވަސްވީ މީހުން، އާއިލީ ފަރާތެއް މަރުވި މީހުން، ފަތުރުވެރިން އަދި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

އިންޑިއާ ރައްޔިތުން އެގައުމަށް ގެންދިއުމަށް ފެރީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، 2000 އަށްވުރެ ގިނަ އިންޑިއާ މީހުން މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 200 މީހުން އަންނަ ހަފްތާގައި ގެންދިއުމަށް ނިންމާފައިވާއިރު، އިތުރު ފެރީއެއް ބާއްވާނެ ދުވަހެއް އަދި ނިންމާފައެއް ނުވެއެވެ.