ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އެމީހުންގެ ގައުމުތަކަށް ގެންދިއުމަށް ޔޫކްރެއިންގެ ފްލައިޓެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 8 ވަނަ ދުވަހު ޔޫކްރެއިންގެ ސްކައިއަޕް އެއާވޭސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި އެ ބޯޓުން ފުރުމަށް ހަމަޖެހިފައިވާ ޕަސިންޖަރުން އަމަލު ކުރަންވީ ގޮތް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

އެހެންކަމުން ޓޫރިސްޓު ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ޕަސިންޖަރުން އެ ސާކިއުލާއާ އެއްގޮތަށް އަމަލު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ފޮރިން މިނިސްޓްރީއާ ޓޫރިސްޓު ޕޮލިހާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 50 ގައުމެއްގެ ފަތުރުވެރިން ރާއްޖޭގެ 10 ރިސޯޓެއްގައި އަދިވެސް އެބަތިބި ކަމަށެވެ. އަދި އެ ފަތުރުވެރިން ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.