މާލޭގައި ކޮވިޑާ ގުޅިގެން ނަގަމުން ދިޔަ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ދަރުވާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެ ތެރޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރު ވުމާ ގުޅިގެން ކުރަމުންދާ ރެންޑަމް ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރެންޑަމް ސާމްޕަލުން ޕޮޒިޓިވް ވީ ކޮން ގައުމެއްގެ މީހެއް ކަމެއް ޑރ. އަފްޒަލް ހާމަ ކުރައްވާފައެއް ނުވެއެވެ. އަދި އެ ޕޮޒިޓިވް ވި ސާމްޕަލް ނެގީ މާލެއިން ކަމެއް ނުވަތަ ވިލިމާލެއިން ކަމެއް ނުވަތަ ހުޅުމާލެއިން ކަމެއްވެސް ވިދާޅެއް ނުވެއެވެ.

ރެންޑަމް ސާމްޕަލަކީ މަގުމަތީގައި އުޅޭ މީހުން ނުވަތަ ތިބޭ މީހުން ހުއްޓުވާ ނަގަމުންދާ ސާމްޕަލެކެވެ. އެގޮތުން ނެގި ސާމްޕަލެއް ޕޮޒިޓިވް ވުމުން ކޮވިޑްގެ ބިރުވެރިކަން މުޖުތަމައުގައި އޮތް މިންވަރު ސާފުވެގެން ދެއެވެ.

ރާއްޖެއިން ކޮވިޑް ފެނި ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވި ފަހުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާތަނަށް 278 މީހަކު ޕޮޒިޓިވް ވެފައި ވާއިރު ދިވެހިންނާއި ބިދޭސީންގެ އަދަދު ހުރީ ދާދި އެއްވަރެއްގައެވެ.

މާލެއަކީ، ގިނަ އަދަދެއްގެ ބިދޭސީންވެސް އުޅޭ ތަނަކަށް ވާއިރު، ބިދޭސީން އުޅޭ "ކޭމްޕް" ތަކަށް ނުވަތަ ބިދޭސީން އުޅޭ ތަންތަނަށް ވައިރަސް ވަދެފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރާ ތަންތާނގައިވެސް ވައިރަސް ދަނީ ފެތުރެމުންނެވެ.

އެންއީއޯސީން ހާމަ ކުރަމުންދާ މައުލޫމަތު ތަކަށް ބަލާއިރު، އެންމެ ބޮޑު ކްލަސްޓާއެއް ނުވަތަ އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ ކަން ފާހަގަ ކުރެވިފައިވަނީ ބާޒާރުމަތިންނެވެ. ބާޒާރު މައްޗަކީ ގިނަ އަދަދެއްގެ ބަޔަކު ހަރަކާތަތެރިވެ އުޅޭ ތަނަކަށް ވާއިރު، ރަށު ތެރޭގެ ކަންމަތީ ފިހާރަތަކާއި ތަންތަނަށް މުދާ ސަޕްލައި ކުރާ ބާޒާރުމަތގެ ބޮޑެތި ފިހާރަތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތައް ޕޮޒިޓިވް ވެ އެތަންތަންވެސް ވަނީ މޮނިޓަރުންގެ ހާލަތުގައެވެ. އެގޮތުން ބީއެޗްއެމްއާއި، ލިލީސްޓޯރު ފަދަ ތަންތަން ފާހަގަ ކުރެވެއެވެ.