ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިތުރު ދެމީހަކު ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައި ވަނީ ދިވެއްސަކާއި، ޕާކިސްތާނު މީހެއް ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
މިއާއެކު ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރި މީހުންގެ އަދަދު 3 އަކަށް އެރީއެވެ.
ދރ. އަފްޒަލް ވިދާޅުވީ މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރި 80 އަހަރުގެ ޕޭޝަންޓްގެ ހާލު ވެސް ސްޓޭބަލް ކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު އެޑްމިޓްކުރީ ޕާކިސްތާނުގެ 48 އަހަރުގެ ފިރިހެން މީހާއާއި ރާއްޖޭގެ 68 އަހަރުގެ އަންހެނަކު ކަމަށެވެ. ނަމަވެސް މިއަދު އެޑްމިޓް ކުރި މީހުންގެ ތެރެއިން އޮކްސިޖަން ބޭނުންވަނީ ޕާކިސްތާނުގެ މީހާއަށް އެކަނި ކަމަށާއި، ދެން އެޑްމިޓް ކުރި އަންހެންމީހާ ސްޓޭބަލް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑް-19 ހާލަތަށް ބަލާއިރު، ޖުމްލަ 226 މީހުން ޕޮޒިޓިވްވެފައިވާއިރު، މިމަހު 15 ވަނަ ދުވަހުން މާލެ ސަރަހައްދުގައި މި ބަލި ގަދައަށް ފެތުރެން ފެށުމާއެކު، މިހާތަނަށް 206 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް ކަަރަންޓީނު ކުރުމުގެ ތެރޭގައި 20 ޕޮޒިޓިވް މީހަކު ފެނިފައި ވާއިރު، އޭގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެ، 2 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.
ރާއްޖޭގައި މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 207 ކޭސްއެވެ. އެއީ ކޮމިއުނިޓީ ސްޕްރެޑުން ޕޮޒިޓިވްވި 206 މީހުންގެ އިތުރުން ފިލިޕީންސްގައި ހުރެފައި، ރާއްޖެއައި ދިވެއްސެކެވެ.