ރަށުގެ ނެރުން ވަދެގެން އަންނަ ލޯންޗް ފެރީ ފެނުމާއެކު މަޑުމަޑުން އެތަނަށް އެއްވެފައި ވާ މީހުން ތަކުގެ ތެރެއިން އެއްކައިރިއަށް އަހަރެން ޖެހިލީމެވެ. ދަރިފުޅު ދެކިލަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އުފަން ދަރިއަކާ ދޮޅު އަހަރު ދުރުގައި ހޭދަ ކުރުމަކީ ދަރިންދެކެ ލޯބިވާ އެއްވެސް މަޔަކަށް ފަސޭހަވާނެ ކަމެއްނޫނެވެ. އެކަންވެސް އަހަރެން މިކުރީއެވެ. ހާލަތު މަޖުބޫރު ކުރުވީމައެވެ. އެހާލަތާމެދު ވިސްނާކަށްވެސް އަހަރެން މިއަދު ބޭނުމެއް ނޫނެވެ. ދެފަރާތަށް ބޯހޫރާލަމުން އަހަރެން މަސައްކަތް ކުރީ ސިކުނޑިއަށް ވެރިވަމުން ދިޔަ ކުރީގެ ހަނދާންތަކާ ދުރަށް ދާށެވެ. އަހަރެންގެ މިހަރާކާތުން މަންމަގެ ސަމާލުކަން އަހަރެންނަށް ހުއްޓުނެވެ.
"އެމަންޖެ އަންނަން ވާއިރަށް ހަމަޖެހިލާ ދަރިފުޅާ. އެވަރަށް ނުވިސްނާތި. އުފަލުން ހުންނަން ވާނީ."
ކައިރިއަށް އައިސް އަހަރެންގެ ބޮލުގައި ފިރުމާލަމުން އިންތިހާ އޯގާތެރި ކަމާއެކު މަންމަ ވާހަކަ ދެއްކިއެވެ. މަންމަގެ މޫނަށް ބަލާލަމުން އަހަރެން ހިނިތުން ވެލީ އަހަރެން ހުރީ ހަމަޖެހިފައިކަން ދައްކަން ވެގެންނެވެ.
"އެހެރަ އަންނަނީ ޔަނާލް."
ބަނދަރަށް ބަލާލަމުން މަންމަ އެހެން ބުނުމުން ވަގުތުން އަހަރެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. މަޑު ނޫކަލައެއްގެ އަތްދިގު ޓީޝާރޓް އަކާ އެކު ކަޅުކުލައިގެ ހިމަޖިންސެއް ލައިގެން ހުރި ޔަނާލް އަހަރެންނަށް ނުހަނު ފަސޭހައިން ފެނިއްޖެއެވެ. ދިގު އިސްކޮޅެއް ލިބިފައިވާ ޔަނާލް އަކީ ރީތި މީހުންގެ ތެރެއިން ގުނޭނެ އެކަކުކަން ޔަގީނެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފަނޑުވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. އަހަރެން މިއީ މިހާރު ޔަނާލްގެ އަންބެއް ނޫންކަން ހަނދާން ވުމުން ބަޔާން ކުރަން ދަތި ހިތްދަތިކަމެއް ލިބުނެވެ. ޔަނާލްގެ އަތުގައި ހިފައިގެން ހުރި 5 އަހަރުގެ ޒޯޔާ އަހަރެންނަށް ފެނުނީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތަކުގެ ތެރެއިންނެވެ. ނޫން ގޮތަކަށް ލޯ ފުހެލަމުން އަވަހަށް އެދިމާއަށް ދުއްވައި ގަނެވުނެވެ. ދަރިފުޅު ގައިގާ ބައްދާލަން ބޭނުންވެފައި ހުރިވަރުންނެވެ. އަހަރެންނަށް އެހިސާބަށް ދެވުމުން ޒޯޔާގެ ކައިރިއަށް ގުދުވެ އެ ކޮލުގައި ހިފާލަން އަތްނެގި ވަގުތު އަހަރެން ސިއްސައިގެން ދިޔައީ ޔަނާލް ޒޯޔާ ދުރައް ލުމުންނެވެ. ލިބުނު ސިހުމުގައި ޒޯޔާވެސް އޭނާގެ ބައްޕަގެ ފުރަގަހަށް ވަދެ ފިލައިފިއެވެ. ފެންކަޅިވެފައިވާ ދެދޮލުން ޔަނާލްގެ މޫނަށް ބަލާލެވުނީ އާދޭސް ކުރާ ހާލުއެވެ. އިތުރަށް އަހަރެން ހިތުގައި ޖެހުނީ ޔަނާލް އަހަރެންނަށް ފުރަގަސް ދެމުން ޒޯޔާ އުރާލައިގެން ދުރަށް ހިނގައި ގަތީމައެވެ. މަންޒަރު ފުސްވަމުން ދިޔަ އިރު އަހަރެންގެ ބައްޕަ ޔަނާލްގެ ކައިރިއަށް ގޮސް ޒޯޔާ އުރާލިތަން އަހަރެންނަށް ފެނުނެވެ. ދެންވީގޮތެއް އަހަރެންނަކަށް ނޭނގެއެވެ.
"...... ރަނގަޅު ނަމަ އެހެނެއް ނުވާނެއްނު.......... ބިރުގަނޭ ޒޯޔާއަށް ކަމެއް ވެދާނެތީ.."
"ޒޯޔާ ދެކެ އޭނަ ވަރަށް ލޯބިވޭ.... މަންމަމެންވެސް މިތިބީއެއްނު.."
ހޭއަރަމުން ދިޔައިރު ގޭތެރެއިން މަންމަމެންނާ ޔަނާލްގެ އަޑު ކެނޑިކެނޑިގެން އަހަރެންނަށް އިވެމުން ދިޔައެވެ. ޔަނާލް އަދިވެސް އަހަރެންނަށް އިތުބާރު ނުކުރާކަން އެނގުމުން ހިތް ކުދިކުދި ވި ކަހަލައެވެ. ރޮވެން އުޅޭތީ އަޑު ބޭރުވިޔަ ނުދިނުމަށް އަނގަމަތީގައި ދެއަތް އަޅައިގެން އޮތްއިރު ކުރީގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ.
************************
ޔަނާލް އާއި އަހަރެން ދިމާވީ ކިޔަވަން މާލެ ގޮސް އުޅުނު ދުވަސް ވަރުއެވެ. ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވެ ކައިވެނި ކުރެވުނީ ދެފަރާތުގެވެސް އާއިލާގެ ރުހުމުގައެވެ. ޔަނާލްގެ އާއިލާ ދިރިއުޅެނީ މާލޭގައި ނަމަވެސް ކައިވެންޏަށް ފަހު އަހަރެމެން ވަކިން އެޕާރޓްމެންޓެއް ހިފައިގެން ދިރިއުޅެމުން ދިޔައީ ވަކިންނެވެ. ދެމީހުން ވަޒީފާ އަދާކުރަމުންވެސް އަހަރެމެން އެކަކު އަނެކަކަށް ވަގުތު ދިނީމެވެ. ދިރިއުޅުން ކުރިއަށް ދިޔައީ ހީވެސް ނުކުރާހާ އުފާވެރިކޮށެވެ. ޒޯޔާއަށް ބަނޑުބޮޑުކަން އެނގުނު ހިސާބުން އަހަރެން ވަޒީފާއިން ވަކިވީ އަމިއްލައަށް ބޭނުން ވެގެންނެވެ. ބަނޑުބޮޑު ދުވަސް ވަރުވެސް ޒޯޔާގެ ކުޑައިރުގެ ދުވަސްތައްވެސް ހޭދަވީ ވަރަށް އުފަލުގައި ވަރަށް ހަމަޖެހިގެންނެވެ. ނަމަވެސް އެހަމަޖެހުން ގެއްލުނީ ޒޯޔާގެ އުމުރުން 3 އަހަރުގައި ހިނގި ހާދިސާއަކާ އެކުގައެވެ.
ދަރިން ލިބުމުން ދަރިންގެ ކަންކަމުގައި މައިންބަފައިން ބިޒީވާ ވާހަކަ އަހަރެން ކުރިން ހަމައެކަނި އަޑުއެހީއެވެ. އަމިއްލައަށް ދަރިން ގެންގުޅެން ފެށުމުން އެއީ އަސްލުވެސް ތެދުކަން ވިސްނުނެވެ. ޔަނާލްގެ ކަންކަންވެސް ކުރަމުން ކައްކަމުން އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. އެހެންނަމަވެސް ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ. ކަމެއް ނުވެވި އޮތަސް ޔަނާލްވެސް ޝަކުވާއެއް ނުކުރާނެއެވެ. އާދައިގެ މަތިން އެދުވަހުވެސް ޔަނާލް އޮފީހަށް ދިއުމުން އަހަރެން އުޅުނީ ކެއްކުމުގައެވެ. ޒޯޔާ ހޭލައިގެން ގޮވަން ފެށުމުން އަވަހަށް އޭނާ ރީތިކުރަން ދިޔައީމެވެ. ފެންނުވަރަން ދަތް ނުއުނގުޅަން ޒޯޔާ ދެއްކި ހުރިހާ ބަހަނާއެއް އަޑުއަހަމުން ޒޯޔާ ރީތި ކުރެވުނީ ވަރަށް އިރުންނެވެ. ރީތިވާ ސާމާނުތައް ވަށިގަނޑަށް އަޅަން އަހަރެން ހުއްޓައި ޒޯޔާ ދުވެފައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. ދެން އިވުނީ ޒޯޔާ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. އެއްޗެހިތައް ހުރިގޮތަށް ބަހައްޓައިފައި ބާރަށް ދުވެފައި ގޭތެރެއަށް ނިކުތްއިރު ކަމަކުދާކަށް ނެތެވެ. ބަދިގޭގައި ހުރީ ހުޅުހިފާފައެވެ. ދެން ކަންތައްތައް ވީގޮތެއް އަހަރެންވެސް އެހާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ހަޅޭއްލަވަމުން ގޮސް ޒޯޔާ އުރާލެވުނުކަން އެނގެއެވެ. އޭނާ ގޮވައިގެން ބޭރަށް ނިކުމެވުނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އަނދާވަސް ދުވައިގެން އެހެން ބައިތަކުގައި އުޅޭ މީހުންވެސް އޭރު ބޭރަށް ނިކުންނަނީއެވެ. އަހަރެމެން އިމާރާތުން ނިކުތްތަނުން ވަރަށް ބާރު އަޑުފައްގަނޑެއް އިވިގެން ދިޔައެވެ.
ޔަނާލް އައި އިރުވެސް އަހަރެން ހުރީ ޒޯޔާ އުރައިގެން ފާޑަކަށް ގަބު އަރާފައެވެ. އޭނާ އައުމުގެ ކުރިންވެސް ބައެއް މީހުން އަހަރެންނާ ވާހަކަ ދެއްކިއެވެ. ކީ އެއްވެސް އެއްޗެއް އަހަރެންނަށް ސާފެއް ނުވެއެވެ. ޔަނާލް އައިސް ރޮއި ރޮއި ވަރުބަލިވެފައި އިން ޒޯޔާ އުރާލައިގެން ގެންގޮސް އެތަނަށް އެވަގުތު އައި އޭނާގެ މަންމަ އަތަށް ދިނެވެ. ދެން އައިސް އަހަރެންގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން "ޒާން ކޮބާހޭ؟" ކިޔައި ހަޅޭއްލަވައިގަތެވެ. ޒޯޔާ ރީތިކުރަން އުޅުނު އިރު ޒާން ނިދާފައި އޮތްކަން ހަނދާންވީ ދެނެވެ. ސިހިފައި އަހަރެންނަށް ޔަނާލްގެ މޫނަށް ބަލައި ލެވުމާއެކު ޚަބަރު ހުސްވެގެން އަހަރެން ވެއްޓުނީއެވެ.
****************************
ސިއްސައިގެން ގޮސް ޚިޔާލީ ދުނިޔެއިން އަހަރެންނަށް ނިކުމެވުނެވެ. ކުއްލިއަކަށް ބޮލަށް އެރި ތަދާއެކު އަހަރެންނަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އެއާއެކު އަނދާފައި އޮތް ޒާންގެ ކުޑަކުޑަ ހަށިގަނޑު އަހަރެންގެ ލޯކުރިމަތިން ފެންނަން ފެށިއެވެ. އެ ދަރިފުޅު އަނދައިގެން ދިޔައިރު ރޯނެ ރުއިން ހިތަށް ސިފަވިއެވެ. ޒޯޔާ ސަލާމަތް ކުރިއިރު އަހަރެން ޒާންގެ މަތިން ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟ ޔަނާލް ބުނާހެން އަހަރެންނަކީ ނުބައި މަޔަކަށް ވީމައި ހެއްޔެވެ؟ އަހަރެން އަހަރެންގެ ޒާން މަރައިލީ ގަސްދުގައޭ ޔަނާލް ބުނެއެވެ. ބޭނުން ވެގެން ހޯދި ދަރިފުޅު ޒޯޔާ ދެކެ ވީ ލޯބި، ބޭނުން ނުވެ، "ޕްލޭން" އެއް ނެތި ހުއްޓާ ލިބުނު ދަރިފުޅު ޒާން ދެކެ ނުވާ ކަމުގެ ތުހުމަތު ޔަނާލްއާއި އޭނާގެ އާއިލާއިން އަހަރެންގެ ބޮލުގައި އެޅުވިއެވެ. އެއީ ތެދެއްތޯ އަހަރެންނަށް އަމިއްލަ ނަފްސާ ސުވާލު ކުރެވުނީ ކިތައް ފަރުކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ބަލީގެ އަސްލަކީ މިއީއެވެ. ޚިޔާލުތައް ގިނަވެ އަހަރެންނަށް ހަޅޭއްލެވެމުން ދިޔަކަން އެނގުނީ މަންމަ ދުވެފައި ކޮޓެރިއަށް ވެދެގެން އައިތަން ފެނިފައެވެ. ހޭ ހުސްވުމުގެ ކުރިން ބިރުގަނެފައި އަހަރެންނަށް ބަލަން ކޮޓަރީގެ ދޮރުމަތީގައި ހުރި ޒޯޔާ އަހަރެންނަށް ފެނުނެވެ.
ދެވަނަ ފަހަރަށް އަހަރެން ހޭއެރިއިރު އަހަރެންގެ މޫނަށް ބަލައިގެން ކައިރީގައި އިނީ ޔަނާލްއެވެ. އަހަރެންގެ ބޮލުގައި އަތްލާން ދިއްކޮށްލި އަތް އޭނާ ދުރަށް ގެންދަން ފެށުމުން އަހަރެން އޭނާގެ އަތުގައި ހިފެހެއްޓީމެވެ.
"އަހަރެންނަށް އެނގޭ ޔަނާލްއަށް އަހަރެންނަށް މައާފު ނުކުރެވޭނެކަން. އެކަމާ އަހަރެންގެ ޝަކުވާއެއް ނެތް. އަހަރެންނަށް ކުރެވުނީ މައާފު ލިބޭވަރުގެ ކުށެއްނޫން."
އަހަރެންނަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ޔަނާލް ނިކުމެގެން ދިޔައީ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހާދިސާއަށް ފަހު އަހަރެންގެ ބަލިހާލު ހުރިގޮތުން ޒޯޔާ ހުންނަނީ ޔަނާލް ކައިރީގައެވެ. ޔަނާލް މިފަހަރު ރަށަށް އެއައީ އަހަރެންގެ ހާލު ކުޑަކޮށް ރަނގަޅުވުމުން ޒޯޔާ އާއި ބައްދަލުކުރަން އެދުމުންނެވެ. އެކަމަކު އެމީހުން ފެނުމުން އަހަރެންގެ ހާލު އަނެއްކާވެސް ކުރީގެ ހާލަތަށް ބަދަލުވީއެވެ. ހަނދާނުން ފުހެލަން ކިތަންމެ ބޭނުން ނަމަވެސް އެހާދިސާ އަހަރެންވެސް ޔަނާލްވެސް ހަނދާނެއް ނުނެތޭނެއެވެ. އެއީ އަހަރެމެންގެ އުފާވެރި ދިރިއުޅުމުގެ ނިމުން ކަމުގައި ވީމައެވެ.