އަބްދުއްނާސިރް ޔޫސުފަކީ، އޭނާގެ އުމުރުގެ 32 އަހަރު، ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކަށް ހިދުމަތް ކޮށްދިނުމުގައި ދެމިހުރި ގައުމު ފަހުރުވެރިވާފަދަ ފަރާތެކެވެ. މީގެ 32 އަހަރު ކުރިން ފޯރި ކާތިބެއްގެ ގޮތުގައި ސިފައިންގޭގެ ވަޒީފާއަށް ނާސިރު ވަންއިރު، އޭގެ ގާތްގަނޑަކަށް 8 މަސްފަހުން އޭނާ ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަމަކާކަމެއް އިހުސާސެއް ނުކުރެވެއެވެ.

ނާސިރަކީ، 1988، ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޒަހަމްވި ސިފައިންގެ މީހުންގެ ތެރެއިން އެކެކެވެ. ފޯރި ކާތިބެއްގެ މަގާމުގައި ހުރެ މެ، ގައުމަށްޓަކައި ނާސިރު ވީ ގުރުބާނީއެކެވެ. އުދުވާނީ ހަމަލާގައި ލިބުނު ޒަހަމްތަކަށް ބޭސް ކުރުމުގައި ހަޔާތުގެ އެތައް އަހަރުތަކެއް އޭނާ ހޭދަކޮށްފައި ވީ ނަމަވެސް އެ ޒަހަމްތަކަށް އަދި އަދަށްވެސް ހުރީ "ރޯ" ޒަހަމްތަކެއްގެ ގޮތުގައެވެ.

ނާސިރުގެ ދުލުން ނޮވެމްބަރު 3ގެ ހާދިސާ:

"ސިފައިން ގޭގެ ވަޒީފާއަށް ވަންތާ ގާތްގަނޑަކަށް 8 ވަރަކަށް މަސް ފަހުން 3 ނޮވެމްބަރުގެ އުދުވާން އައީ. އޭރު މަސައްކަތް ކުރީ، ފޯރި ކާތިބެއްގެ ގޮތުގައި، 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާދިން ރެއަކީ ދަންވަރު ޑިއުޓީގައި ހުރި ރެއެއް. 12 އިން ހެނދުނު 7:30 އަށް ޑިއުޓީ އޮންނަނީ. އެރޭވެސް 4 ޖެހިއިރު ޑިއުޓީއަށް ފޮނުވަން ޖެހޭ މީހުން ފޮނުވުމަށް ފަހު، އޮފީސް މޭޒު ކައިރީގައި އިށީންތަނާ ފުރަތަމަ ހަމަލާ ދޭން ފެށީ"
ނާސިރު

ނާސިރު ބުނީ، 1988 ވަނަ އަހަރު ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ހަމަލާއާއެކު އޭނާއަށް ވެސް ލިބުނީ ސިހުން ކަމަށެވެ. ބަޑި ޖަހާ އަޑު އިވެން ފެށީމާ ކުއްލިއަކަށް ލިބުނު ސިހުމާއެކު ސިފައިންގެއަށް އަމާޒުކުރަމުން ދިޔަ ވަޒަންތައް އޭނާ ސިފަ ކުރީ އަލިފާން ފަދައިންނެވެ.

ނާސިރު މަސައްކަތް ކުރަން އިންނަ މޭޒަކީ، ޝަހީދު ހުސެއިން އާދަމް ޑިއުޓީއަށް ހުރި ޕޯސްޓުގެ ފުރަގަހުން އެންމެ ފާރެއްގެ ހުރަހެއްގައި ހުންނަ މޭޒެކެވެ. މޭޒު ހުންނަ ދިމާލަށް ފެންލައިޓެއް ހުރެއެވެ. އުދުވާނީ ހަމަލާ ހިނގައި ދިޔަ ގޮތް ސިފަ ކޮށްދެމުން ނާސިރު ބުނީ، ހަމަލާ ދޭން ފެށިތާ މާ ގިނައިރެއް ނުވެ، ފާރުގައި ހުންނަ ފެންލައިޓު ތަޅައިގެން ގޮސް ބިއްލޫރިތައް މުޅިތަނަށް ފައިބަން ފެށި ކަމަށެވެ. އަދި އެވަގުތު ސަލާމަތް ހޯދުމަށް މޭޒު ދަށަށް ދެމިގަތް ކަމަށާއި ޝަހީދު ހުސެއިން އާދަމް، އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލުމާ ހަމައަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭތޯ ބަަލަމުން ގެންދިޔަ ކަމަށެވެ. ޝަހީދު ހުސައިން އާދަމްގެ ހަނދާން އާކޮށްދެމުން ނާސިބު ބުނީ މިހެންނެވެ.

"ހުސެއިން އާދަމަށް ގޮވާ އަހާލިން ކިހިނެތްހޭ ވަނީ، ހުސެއިން އާދަމް ބަޑި ޖަހަނީ ހެއްޔޭ. ބުނީމަ ބުނީ، އެކޮޅުން ހަމަލާ ދެނީއޭ، އެހެންވެ ތިމަންނަ ވެސް ބަޑި ޖަހަނީއޭ، އިރުކޮޅަކުން އަނެއްކާ ގޮވާލީމަ ބުނަނީ ތިމަންނަ ގަޔަށް ވަޒަން އަރައިފިޔޭ، ތިމަންނަ އަތުގަ ވަޒަން ހުސްވެއްޖެއޭ. އެއްޗެއް ނެތްހޭ ލިބޭނެ ގޮތެއް. އޭރު އަޅުގަނޑުމެން އަތަކު ހަތިޔާރެއް އެއްޗެއް ނުވެސް ނެތް. ގަޑީގެ ގޮތުން ވެސް މީހަކަށް އެއްޗެއް ފޯރުކޮށްދެން ހަތިޔާރެއް އަތުޖެހޭ ގޮތަކަށް ނޫން ކަން ދިމާވެފަ އޮތީކީ. ދެން ހުސެއިން އާދަމް ބުނަނީ، ތިމަންނާ ގަޔަށް ވަޒަންވެސް އަރައިފިޔޭ، ވާހަކަވެސް ދެއްކޭވަރެއް ނުވެއޭ. އަޅުގަނޑު އަނެއްކާވެސް އިރުކޮޅަކުން ގޮވާލިން، ގޮވާލީމަ އަޑެއްވެސް ނީވުނު، ބަހެއް ނުކީމަ އެނގިއްޖެ އެހިސާބުން އޭނަ ޝަހީދުވީކަން"
ނާސިރު

އެކި ފަރާތްފަރާތުން ދުޝްމަނުންގެ ހަމަލާ ލިބެމުން ދިޔަ އިރު، އެ ހަމަލާތަކުން ސަލާމަތްވެ، އެކަމާ ކުރިމަތިލާނެ ގޮތެއް އަދި ހަތިޔާރެއްވެސް ލިބެން ނެތް އެ ހިތްދަތި ވަގުތު ނާސިރު ހިއްސާ ކުރެއްވީ އަސަރާ އެކުގައެވެ.

ހުއްޓުމެއްނެތި ސިފައިންގެއަށް ހަމަލާތައް ދެމުން ދަނިކޮށް، ނާސިރާއި އޭނާގެ އެސިސްޓެންޓް "ކަވަރު ނަގައިގެން" ތިބި މޭޒު ކައިރީގައި އޮތް އެހީތެރިއާގެ ގަޔަށްވެސް ވަޒަނެއް އެރިއެވެ. އޭރު، ހެނދުނު 7:30 ވެ 8:00 ޖަހާފާނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ފަޔަށް ވަޒަން އެރިއިރު، ފަސްޓްއެއިޑެއް ވެސް ދެވޭނެ ގޮތެއް ނެތުމުން، އޭނާގެ ފަޔަށް ނާސިރު ފަރުވާ ދިނީ، ޔުނިފޯމެއް އިރައިރައިގެންނެވެ. ސިފައިންގެއިން ދުޝްމަނުންނާ ކުރިމަތިލާން ބަޔަކަށް ނުކުމެވޭވަރުވީ އެތައް ސިފައިންނެއް ޒަހަމްވި ފަހުން ހެނދުނު، 9:30 އާއި 10:00 އާ ދެމެދު ކަމަށް އޭނާ ބުނެއެވެ. ދުޝްމަނުންނާ ކުރިމަތިލުމަށް ހަތިޔާރާއެކު 12 ސިފައިން ތިބި ކަމަށާއި އެމީހުން ތިބީ، ސިފައިންގޭގައި ހޮސްޕިޓަލަށް މީހުން އުފުލަން ގެންގުޅޭ ވޭނެއްގައި ކަމަށް އޭނާ ކިޔައިދިނެވެ.

"ވޭންގައި އިން ނައީމް އަޅުގަނޑަށް ގޮވާލާފައި އަހަފި ކެރިދާނެހޭ ވެހިކަލް ނިކުންނަ ގަޑިއަށް ބޭރު ގޭޓު ހުޅުވާލަދޭން. ތިމަންނަ އެތެރެ ގޭޓު ހުޅުވާލަ ދޭނަމޭ. ދެފަރާތުން ހަމަ ލައިވް ވަޒަން މި ޖަހަނީ. އެއީ އަދި އެންމެ ވަރުގަދައަށް ހަމަލާ ހޫނުވެގެން ދިޔަ ވަގުތު. ހިތަށް އެރީ، މަރުވާނޭ ކޮންމެވެސް ދުވަހަކުން، މިއަދު ވިޔަސް މާދަމާވިޔަސް މަރުވާނޭ. އެހިސާބުން ބުނެފިން އަޅުގަނޑު ނިކުންނާނަމޭ. ކިޔާފަ ދެމީހުން އެއްކޮށް ނިކުމެ ގޭޓު ކައިރީގަ މިތިބީ"
ނާސިރު

ނަމަވެސް ގޭޓު ހުޅުވުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ވަޒަން އެރުމުގެ ސަބަބުން، ގޭޓުގެ ލޮކްތައް ތާށިވެ އެތެރެ ގޭޓާއި ބޭރު ގޭޓުވެސް ހުޅުވޭ ގޮތް ނުވީއެވެ. އެހިސާބުން، ގޭޓު ހުޅުވުމަށް އިތުރު ޕްލޭނެއް އެކުލަވާލައި، ގޭޓު ހުޅުވުމަށް ޖެއްސީ ޓްރެކްޓަރެކެވެ. ނަމަވެސް ޓްރެކްޓަރުވެސް ތާށި ވީއެވެ. އެކަން ފެއިލްވުމުން ދެން މަސައްކަތް ކުރީ ދަނގަޑު ހޮޅިއަކުން މަތާލައިގެން ގޭޓު ހުޅުވުމަށް ކަމަށް އޭނާ ބުންޏެވެ. ދުޝްމަނުންގެ ހަމަލާ ނާސިރު ގަޔަށް އެރީ އިތުރު ގޭޓު ހުޅުވުމުގެ މަސައްކަތް ކުރަން އުޅެނިކޮށެވެ. ހަމަލާ އެރީ، ތާށިވެފައި ހުރި ދަގަނޑުތަކުގެ ވަރަށް ބޮޑުބައި ނެއްޓިފައި ހުއްޓައެވެ.

އަބްދުއްނާސިރު ޔޫސުފް: ނާސިރުގެ އަތަށް ލިބުނު ޒަހަމް
"ދުޝަމަނުން ފޮނުވާލި މޯޓާ ޝެލްއެއް އައިސް ވެއްޓުނީ އަޅުގަނޑުމެން ކައިރިއަށް. އަޅުގަނޑާ ގާތްގަނޑަކަށް 6 އެއްކަ ފޫޓު ދުރަށް ވެއްޓުނީ. އޭތި ގޮވައިގެން، އެތާ މަސައްކަތް ކުރަން ތިބި މީހުންގެ ތެރެއިން 4 މީހަކު ޒަހަމްވީ އެއީ އަޅުގަނޑާ، ނައީމާއި، ސައީދު އަދި މޫސަ. އޭރު ޒަހަމްވި މީހުންގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް ލިބުނީ އަޅުގަނޑަށް، އަދިވެސް ޒަހަމް ރަނގަޅުނުވޭ"
ނާސިރު

ހަމަލާ އެރުމާއެކު، އަތުގެ ދެފަރާތުން ލޭފައިބަން ފެށީ ހުއްޓުމެއް ނެތިއެވެ. ނަމަވެސް ފައިބާ ލެއަކަށް ނުބަލާ، އަތުގަައި އޮޅާލާނެ އެއްޗެއް ލިބެތޯ ބެލި އިރު ނެތުމުން ޒަހަމް ވެފައިވާ އަތުގައި އޮޅީ ޔުނިފޯމް ފޮތިގަނޑެއް ކަމަށް ނާސިރު ކިޔައިދިނެވެ. އަދި ލޭ މަނާ ވޭތޯ، ވަރަށް ބާރަށް ނާޑުވާ ފަށެއް ވެސް އައްސާ ބާރުކުރިކަމަށްވެސް ބުންޏެވެ.

އަބްދުއްނާސިރު ޔޫސުފް: ނާސިރުގެ އަތަށް ލިބުނު ޒަހަމް

އަދި އަދަށްވެސް ނާސިރުގެ ޒަހަމަށް ފަރުވާއެއް ލިބިފައި ނުވާއިރު، އޭނާ ވަނީ ސެންޓްރަލް ހޮސްޕިޓަލުގައި 18 ދުވަސް ވަންދެން އޮތުމަށް ފަހު އިންޑިއާގެ ޓްރިވެންޑްރަމަށްވެސް ގޮސް ބޭސް ކޮށްފައެވެ. ނަމަވެސް ޑޮކްޓަރުންގެ ފަރާތުން ލިބުނީ އުއްމީދީ ޖަވާބެއް ނޫނެވެ. އަތް ބުރިނުކޮށްލާ ސަލާމަތްވާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ޑޮކްޓަރުންގެ ފަރާތުން ނުލިބުނެވެ. އަތަށް ފަރުވާ ކުރުމަށް ހަކީމީ ބޭހާއި، ޑޮކްޓަރީ ބޭހާ އެއްކޮށްގެން ކުރި މަސައްކަތުން ވެސް އަދިވެސް އަތަށް ފުރިހަމަ ޝިފާ ލިބޭއެއް ނުލިބެއެވެ.